ހައިކޯޓް

ކަފާލާތުގެ ދަށުން ގާޒީ ނިހާން މިނިވަނެއް ނުކުރި

Oct 10, 2018
1

ސައްހަ ނޫން ކޯޓު އަމުރެއް ނެރެ ރައީސް އަބުދުﷲ ޔާމީން ހައްޔަރުކޮށް، ރަހީނު ކުރަން އުޅުނު ކަމަށް ބުނެ ޖަލު ހުކުމެއް އިއްވާފައިވާ އދ. މާމިގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން ކަފާލާތުގެ ދަށުން މިނިވަން ކުރެވެން ނެތް ކަމަށް ހައިކޯޓުން މިއަދު ނިންމައިފި އެވެ.

ހައިކޯޓުން ނިހާން ކަފާލާތުގެ ދަށުން މިނިވަންކުރުމާ މެދު މިއަދު ގޮތް ނިންމީ އެކަމަށް ނިހާންގެ ފަރާތުން ހައިކޯޓުގައި މިއަދު އެދުމުންނެވެ. ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް ނިހާންގެ ފަރާތުން މިއަދު އެދުނީ އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުފާނު އަޑުހުމުގަ އެވެ. ހައިކޯޓުގައި މިއަދު ނިހާން އެގޮތަށް އެދުނީ ހައިކޯޓުގެ ގަވައިދުގެ ދަށުން ނިހާން ކަފާލާޓުގެ ދަށުން ދޫކުރެވިދާނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ބުނެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަފާލާތުގެ ދަށުން މީހުން ދޫކުރެވޭނެ އެވެ. ފައިސާ ބެހެއްޓުމަށްފަހު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް ވެސް ވަނީ މިނިވަންކޮށްފަ އެވެ.

ގާޒީ ނިހާން އެގޮތަށް އެދުމުން ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލް މިއަދު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުންނާއި ގާނޫނު އަސާސީގެ 49 ވަނަ މާއްދާގެ ދަށުން ނިހާން ކަފާލާތުގެ ދަށުން ދޫނުކުރެވޭނެ ކަމަށެވެ.

ނިހާންގެ މައްޗަށް ހަތަރު ދައުވާއެއް އުފުލި އެވެ. އެއީ، އަސްލެއް ނެތް އެއްޗެއް ސައްހަ ކަމަށް ދެއްކުމައްޓަކައި ލިޔުމެއް އުފެއްދި ކަމުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށިގެން ނުވާ އަމަލެއް ހިންގި ކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ އާއި ޓެރަރިޒަމް އަމަލެއް ހިންގުމުގައި ބައިވެރި އެފަދަ އަމަލެއް ހިންގުމުގެ ދައުވާ އެވެ.

ނިހާންއަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމާއި އެކަމުގައި ބައިވެރިވުމުގެ ކުށް ސާބިތުވުމުންނެވެ. ނިހާންގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައިވަނީ، މާމިގިނލީ ކޯޓުގައި އެ ކޯޓުގެ ލެޕްޓޮޕެއް ބޭނުންކޮށްގެން ގާޒީ ނިހާން ކޯޓު އަމުރެއް ޑައުންލޯޑްކުރިކަން ސާބިތުވާ ކަމަށާއި އެ އަމުރަށް ބަދަލު ގެނައިކަން ވެސް ސާބިތުވާ ކަމަށެވެ. އަދި އެފަދަ އަމުރެއް ނެރުމުގެ ނުރައްކާތެރިކަމާ މެދު ނިހާން ވާހަކަ ދައްކާފައިވާކަން ވެސް ހެކިންގެ ހެކިބަހުން އެނގޭ ކަމަށެވެ.

ޓެރަރިޒަމްގެ ކުށް ނިހާންގެ މައްޗަށް ސާބިތުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ގަދަކަމުން ހައްޔަރުކޮށް، ރަހީނުކޮށް، އާންމުންގެ މެދުގައި ބިރުވެރިން އުފެދޭ ފަދަ، އަމަލެއް ހިންގަން މުހުތާޒު މަސައްކަތްކުރެއްވި ކަމަށް އަމިއްލައަށް ވިދާޅުވުމުންނާއި ދައުލަތުން ހުށަހެޅި ހެކިން ސާބިތުވާތީ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ޓެރަރިޒަމްގެ ކުށްތަކުގައި ކަފާލާތުގެ ދަށުން މިނިވަން ނުކުރެވޭނެ އެވެ.