މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.3 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން ބުނެފި އެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 25.9 ޕަސެންޓް އިތުރު އަދަދެކެވެ.
މީރާ އިން ބުނި ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ މި އަހަރު ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ޓޫރިޒަމް ލޭންޑް ރެންޓު، ލޭންޑް އެކުއިސިޝަން އެންޑް ކޮންވާޝަން ފީ އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާގެ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވުމެވެ.
މީރާއިން ބުނީ މިދިޔަ މަހު އެ އޮތޯރިޓީ އަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 39.9 ޕަސެންޓް ނުވަތަ 507.83 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމަށް ދޫކޮށްފައިވާ ތަންތަނުގެ ބިމު ކުލީގެ ގޮތުގަ އެވެ. އެއީ 25.7 ޕަސެންޓް ނުވަތަ 326.77 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން، ލޭންޑް އެކުއިސިޝަން އެންޑް ކޮންވާޝަން ފީގެ ގޮތުގައި 82.36 މިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 63.12 މިލިއަން ރުފިޔާ އަދި އެއާޕޯޓު ސާވިސް ޗާޖްގެ ގޮތުގައި 61.10 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 231.18 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
މީރާއިން ބުނީ މި މުއްދަތުގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 59.4 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.