މުބާރާތް ބޭއްވޭނެ ފެންވަރުގެ އިމާރާތެއް ނެތުމުން މިއަހަރުވެސް ގައުމީ ޓޭބަލްޓެނިސް މުބާރާތް ބޭއްވޭނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.
ޓީޓީ އެސޯސިއޭޝަންގެ ކަލަންޑަރުގައިވާ ގޮތުން، ގައުމީ މުބާރާތް ތާވަލުކޮށްފައި ވަނީ ކޮންމެ އަހަރެއްގެވެސް މިދުވަސްވަރަށެވެ. ގައުމީ މުބާރާތް މި ދިޔަ އަހަރުވެސް ބާއްވާފައި ނުވެ އެވެ. މިދިޔަ އަހަރު ބާއްވަން ކަނޑައަޅި މުބާރާތް ބޭއްވީ މި އަހަރު ކުރީ ކޮޅު އެވެ.
ޓީޓީ މުބާރާތްތައް މި އަހަރުން ފެށިގެން ކުރިއަށް ދަނީ، ސޯޝަލް ސެންޓަރުގެ އިންްޑޯ ކޯޓުގަ އެވެ. އެއީ ޓީޓީގެ އިތުރުން މިހާރުވެސް އިތުރު ތިން ކުޅިވަރަކުން ބޭނުން ކުރަމުން އަންނަ ހޯލެވެ. ވޮލީބޯޅަ އާއި ބާސްކެޓްބޯޅަ އަދި ނެޓްބޯޅަވެސް ކުޅެން އޮތް ތަނަކީ އެތަނެވެ.
ޓީޓީ އެސޯސިއޭޝަނުން ބުނީ މުބާރާތްތައް ބޭއްވުމަށް އިމާރާތުގެ ދަތިކަން ކުރިމަތި ވެފައިވާ ކަމަށެވެ. މި އަހަރުގެ ކަލަންޑަރު އަދި އިތުރު ތިން މުބާރާތެއް ބޭއްވުމަށް ވަނީ ތާވަލު ކޮށްފަ އެވެ. އެއީ ގައުމީ މުބާރާތުގެ އިތުރުން އެސޯސިއޭޝަން ކަޕާއި އިންޓަ އޮފީސް މުބާރާތެވެ. އެ ތިން މުބާރާތްވެސް ބޭއްވި ދާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ.
މިދިޔަ އަހަރާ ހަމަޔަށް ޓީޓީގެ މުބާރާތްތައް ބާއްވަމުން ގެންދިޔައީ ސޯޝަލް ސެންޓަރުގެ ގޯތި ތެރޭގައި ހަދާފައިވާ އިމާރާތެއްގެ ތެރޭގައެވެ. ނަމަވެސް ހައުސިން މިނިސްޓްރީގެ ބިމެއްގެ ގޮތުގައި އޮތް އެ ބިން އެމިނިސްޓްރީ ބޭނުން ވުމުން ޓީޓީ އެސޯސިއޭޝަނުން ވަނީ އެތަނުން ނިކުމެފަ އެވެ. މިހާރު އެ އެސޯސިއޭޝަންގެ އޮފީސް ގާއިމު ކޮށްފައި ވަނީ ހެންވޭރުގައި ހުންނަ މުނިއުފާ ޔޫތު ސެންޓަރު ކުރިން ހިންގި ތަނުގަ އެވެ.
އެހެންނަމަވެސް އެތަނަކީ ޓީޓީ މޭޒުތައް އަތުރައި މުބާރާތްތައް ކުރިއަށް ގެންދެވޭނެ ފެންވަރުގެ ތަނެއް ނޫނެވެ. ޓީޓީއަށް ހާއްސަ އިމާރާތެއް ނެތުމުން ޓީޓީގެ ޔޫތު ޑިވްލަޕްމެންޓް ޕްރޮގްރާމަށްވެސް ވަނީ ހުރަސް އެޅިފަ އެވެ.
ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) ކުރިން ވިދާޅުވެފައި ވަނީ ޓީޓީ އެސޯސިއޭޝަންގެ ރަސްމީ އިމާރާތެއްގެ ގޮތުގައި ބޭނުން ކުރާނީ، ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުން އުތުރުން އޮތް ބިމުގައި އަޅާ އިމާރާތް ކަމަށެވެ. ނަމަވެސް އެ އިމާރާތުގެ މަސައްކަތް ފެށޭނެ ދުވަހެއް ނޭނގެ އެވެ.
"އެންމެ ފުރަތަމަ ޓިޓީގެ އިމާރާތެއްގެ ގޮތުގައި އަޅުގަނޑުމެން ބޭނުން ކުރަމުން ދިޔައީ އެތަން، [ކުޅިވަރު އެކުވެނީގެ ހުރި އިމާރާތް] ނަމަވެސް އެތަން ވަރަށް އާދައިގެ ގޮތަކަށް ހަދާފައި ހުރުމުން ގިނަ ދުވަސް ވެގެން އިމާރާތް ބޮލަށް ވެއްޓިދާނެ ކަމުގެ ބިރު ހީވުމުން ހައުސިންގް މިނިސްޓްރީން އަޅުގަނޑުމެން ސޯޝަލް ސެންޓަރުގައި ހުރި ބިމަށް ބަދަލު ކުރީ."
ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ޓިޓީގެ އިމާރާތެއްގެ ގޮތުގައި ބޭނުން ކުރީ، ސޯޝަލް ސެންޓަރުގައި ހަދާފައި ހުރި ތަނެވެ.
މި އަހަރަށް ކަނޑައަޅާފައިވާ ގައުމީ މުބާރާތް ނުބޭއްވިއްޖެނަމަ އަނެއްކާވެސް މުބާރާތް ބާއްވަން ޖެހޭނީ އަންނަ އަހަރު އެވެ. ގައުމީ މުބާރާތަކީ ރާއްޖޭގެ ޓިޓީގެ އެންމެ ފޯރިގަދަ މުބާރާތެވެ. މުބާރާތުގައި މިހާރު ވެޓަރަންސް ކެޓަގަރީވެސް ހިމަނާފައި ވުމުން ކުރީގެ ކުޅުންތެރިންގެ މެދުގައިވެސް އެ މުބާރާތުގެ ވާދަވެރިކަން ގަދަ އެވެ.