ބޮލީވުޑް

މީޓޫ މޫވްމަންޓް މުޅި ބޮލީވުޑް ކައްކުވާލައިފި!

މިހާރު ކޮންމެ ދުވަހަކުހެން ބޮލީވުޑްގެ މަޝްހޫރު ކޮންމެ ވެސް ފަންނާނެއްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތަފާތު ތުހުމަތުތައް ދަނީ ކުރެވެމުންނެވެ. މިކަމެއް ފެށުނީ ކުރީގެ ފިލްމުތަކުން ފެނިގެންދިޔަ އެކްޓްރެސް ތަނުޝްރީ ދައްތާ، އޭނާއާއެކު ފިލްމެއްގައި މަސައްކަތްކުރި އެކްޓަރު ނާނާ ޕަޑްނޭކަރްގެ މައްޗަށް ތުހުމަތުކުރި ހިސާބުންނެވެ.

އޭގެފަހުން ގިނަ މީހުން ތަކެއް ވަނީ މަސައްކަތުގެ މާހައުލުގައި އާއި އެ ނޫންވެސް ގޮތްގޮތުން ބޮލީވުޑްގެ ފަންނާނުންގެ ފަރާތުން ކުރިމަތިވި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކުގެ ވާހަކަތައް ދައްކަން ފަށާފަ އެވެ.

ތުހުމަތުތައް ބޮލުގައި އެޅިފައިވާ ފަންނާނުންގެ ތެރޭގައި އެކްޓަރު ރަޖަތު ކަޕޫރް، އަލޯކް ނާތު، ޕިޔުޝް މިޝްރާ، ލަވަކިޔުންތެރިޔާ އަބީޖީތު، ޑައިރެކްޓަރު ވިކާސް ބާލް، ސުބާޝް ގާއީ، ސުބާޝް ކަޕޫރް، ސާޖިދު ޚާން، އަދި ލިޔުންތެރިޔާ ވަރުން ގްރޯވަރް ހިމެނެ އެވެ.

ބޮލީވުޑަށް ހަގީގަތުގައި ވެސް #މީޓޫ މޫވްމަންޓްގެ އަސަރު ޖެހިއްޖެ އެވެ. #މީޓޫ މޫވަމަންޓްއަކީ އަންހެންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރަތައް އަދި ހާއްސަކޮށް މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ފުރައްސާރަތަކާއި ދެކޮޅަށް ފެށި ކެމްޕެއިނެކެވެ.

ބާރަ އަހަރު ކުރިން، 2006 ވަނަ އަހަރު ފެށި މި ކެމްޕެއިން ވައިގައި ހިފީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައި ހޮލީވުޑްގެ ފިލްމު އުފެއްދުންތެރިޔާ، ހާވީ ވެއިންސްޓައިން މައްޗަށް ފުރައްސާރައިގެ ތުހުމަތުތަކެއް އައުމަށްފަހު ހޮލީވުޑްގެ އެކްޓްރެސް އަލީސާ މިލާނޯ އޭނާ ޓުވިޓާގައި #މީޓޫ ހޭޝްޓެގް ބޭނުންކުރި ހިސާބުންނެވެ.

އެ ކެމްޕެއިނުގެ ދަށުން ހޮލީވުޑްގައި ވެސް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކުގައި ގިނަ ފަންނާނުންތަކެއްގެ ނަންތައް ވަނީ ފެންމަތިވެފަ އެވެ. އަދި ބައެއް ފަންނާނުންގެ މައްޗަށް ދައުވާކޮށް ޝަރީއަތްތައް ވެސް އަންނަނީ ހިންގަމުންނެވެ.

މި ތުހުމަތުތަކާ ގުޅިގެން މަޝްހޫރު ބައެއް ފަންނާނުން އަންނަނީ މިފަދަ މައްސަލަތައް ހައްލު ކުރުމަށާއި މައްސަލަތައް ބެލުމަށް އަދި ކުރިއަށް އޮތް ތަނުގައި މިފަދަ މައްސަލައެއް ކުރިމަތިވިޔަ ނުދިނުމަށްޓަކާ ވެސް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފަދަ މައްސަލަތައް ބެލުމަށް ހާއްސަ ކޮމެޓީއެއް މިހާރު ވަނީ އެކުލަވާލާފަ އެވެ.

އެ ކޮމެޓީއަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީ ކަންކަން ބަލަހައްޓަމުން އަންނަ ޕްރޮޑިއުސާސް ގިލްޑް އޮފް އިންޑިއާއިން އެކުލަވާލި ކޮމެޓީއެކެވެ. އާމިރް ޚާންގެ އިސްނެގުމެއްގެ މަތިން، ގިލްޑްގެ ރައީސް ސިދާތު ރޯއީ ކަޕޫރް އެކުލަވާލި އެ ކޮމެޓީގައި އަޕޫރްވާ މެހެތާ، އެކްތާ ކަޕޫރް، ކިރަން ރާއޯ، ވިޖޭ ސިންހު ފަދަ ފަންނާނުން ހިމެނެ އެވެ.