ދިވެހި ޕްރެމިއާ ލީގް

ރިޒޭގެ ފަސް ލަނޑުން އީގަލްސް ދެވަނައަށް

ދިވެހި ޕްރިމިއާ ލީގްގައި މިއަދު، ބ ފެހެނދޫއާ ދެކޮޅަށް، އަހްމަދު ރިޒްވާން 'ރިޒޭ'، ކާމިޔާބު ކުރި ފަސް ލަނޑުން ތާވަލުގެ ދެ ވަނަ އަށް އީގަލުސް ގެންގޮސް ދީފި އެވެ. އީގަލުސް މެޗު ކާމިޔާބު ކުރީ 5-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ 10 މިނެޓް ތެރޭގައި، ރިޒޭ ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެޗު ފެށިގެން ފަސް ވަނަ މިނެޓްގައި އޭނާ ވަނީ ގޯލް ހުޅުވާފަ އެވެ. އީގަލުސްގެ ހާފުގެ ތެރެއިން ލިބުނު ބޯޅަ ހިފައިގެން، ހަސަން ރާއިފް އަހްމަދު 'ހަންނަ' ކުރިއަށް އަރައި، ފެހެންދޫގެ ޕެނަލްޓީ އޭރިއާގެ ބޭރުން، އޭރިއާގެ އަރިމަތިން އޭނާ ނަގައިދިނީ ޕެނަލްޓީ އޭރިއާ ތެރެއަށެވެ. އެވަގުތު ރިޒޭވެސް ޕެނަލްޓީ އޭރިއާ ތެރެއަށް އެރި އެވެ. ހަންނަ ނަގައިދިން ބޯޅަ ވައިގެތެރޭގައި އޮއްވައި ރިޒޭ ވަނީ އެއްފަހަރުން ޖަހައި ގޯލްގެތެރެއަށް ބޯޅަ ވައްދާލާފަ އެވެ.

އީގަލްސްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރަން ރިޒޭއަށް ބޭނުންވީ ތިން މިނެޓެވެ. މެޗުގެ އަށް ވަނަ މިނެޓްގައި އޭނާ ވަނީ އީގަލްސްގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ ކުރީކޮޅު އޭނާ ކާމިޔާބު ކުރި ދެލަނޑުގެ ނަތީޖާއިން އީގަލްސް ފުރަތަމަ ހާފު ނިންމާލި އެވެ.

ދެ ވަނަ ހާފު އީގަލްސް ފެށީ ރިޒޭ ހެޓްރިކުންނެވެ. ހާފު ފެށިގެން ދެ ވަނަ މިނެޓް ތެރޭގައި ބިދޭސީ ކުޅުންތެރިޔާ ކޮމިލޯވް އަބުޑްރަސުލް ދިނ ބޯޅަ ފަސާހަ ކަމާއެކު ގޯލް ތެރެއަށް ވައްދާލާފަ އެވެ. ރިޒޭގެ ހަތަރު ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 61 ވަނަ މިނެޓްގަ އެވެ.

ފަސް ވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 83 ވަނަ މިނެޓްގަ އެވެ. ޖުމައިލް ޖަމީލް ދިން ބޯޅަ ގޯލްގެ ކަނަށް ފޮނުވާލީ، ފެހެންދޫގެ ކީޕަރު ޒަޔާން ކުރިއަށް ނިކުތުމުން ގޯލްގެ ކަނަށް ބޯޅަ ވައްދާލައިގެންނެވެ.