ހަބަރު

ޓްރާންސިޝަން ކޮމެޓީގެ 18 ޕަސެންޓް އަންހެނުންނަށް ހާއްސަކޮށްފި

ވެރިކަން ބަދަލުކުރުމުގެ މަރުހަލާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ ޓްރާންސިޝަން ކޮމިޓީތަކުގައި 18 ޕަސެންޓަކީ އަންހެނުން ކަމަށާއި އެ ކޮމިޓީތަކުގައި ބައިވެރިވާން ބޭނުންވާ އަންހެން ބޭފުޅުންނަށް އެފުރުސަތު އެބައޮތް ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ ޓްރާންސިޝަން ޓީމުގެ ޗެއާމަން އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޓްރާންސިޝަން ކޮމިޓީގެ އިސްވެރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ، ކޮމިޓީތައް އެކުލަވާލިއިރު، ރާއްޖޭގެ ހުރިހާ ކަމެއްގައިވެސް ފެންނަ ގޮތަށް އަންހެނުންގެ ބައިވެރިވުން ނުވަތަ ފުރުސަތު އޮތީ ހަނިވެފައި ކަމަށެވެ. މި މަސައްކަތް ފަށާފައިވަނީ އިދިކޮޅު ކޯލިޝަންގެ ޕާޓީތަކުގެ މަޖިލީހާއި ގައުމީ މަޖިލީހުގެ މެންބަރުން ހިމެނިގެން ކަމަށާއި މަޖިލިސްތަކުންވެސް އަންހެން ބޭފުޅުންގެ ނިސްބަތް އޮތްވަރު ވަރަށް ސާފުކޮށް ފެނިގެން ގޮސްފައިވާނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، ޓްރާންސިޝަން ކޮމިޓީތަކުގައި އަންހެނުންގެ ދައުރު މަދުކަން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ އަށް ފާހަގަ ކުރެވިގެން އަންހެން ބޭފުޅުންގެ ބައިވެރިވުން އިތުރު ކުރުމުގެ ގޮތުން މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

"އެމަސައްކަތްޕުޅު ކުރައްވައިގެން މިހާރު 18 ޕަސެންޓަށް އަންހެން ބޭފުޅުންގެ ބައިވެރިވުން އަތުވެއްޖެ، އެހެން ނަމަވެސް އެމަނިކުފާނު [އިބޫ] ބޭނުންފުޅުވަނީ އަދިވެސް އިތުރު ކުރައްވަން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، އެ މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ އިލްމީ ގާބިލް އަންހެން ބޭފުޅުން އެފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނާ އެކީގައި މި މަސައްކަތުގައު ކުރިއަށް ވަޑައިގެން ދެއްވުމަށް، ވޮލެންޓިއާކޮށް މި މަސައްކަތުގައި އުޅުއްވާ ދެއްވަން ބޭނުންވާ ބޭފުޅުންގެ ވަނަވަރާއެކީގައި ޑިރެކްޓަރު ޖެނެރަލް އަހުމަދު ލަތީފަށް ފޮނުއްވައި ދެއްވީމަ އަޅުގަނޑުމެން އޭގެ ތެރެއިން ބޭފުޅުންނަށް ފުރުސަތު އަރުވަން ހަމަޖެހިފައިވަނީ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، ޓްރާންސިޝަން ކޮމިޓީގެ މަސައްކަތް ކުރިއަށްދަނީ ހިލޭ ސާބަހަށް ވޮލެންޓިއަރިންގެ އުސޫލުން ކަމަށާއި މި މަސައްކަތުގައި ބައިވެރިވާ އެއްވެސް ބޭފުޅަކީ މުސާރައެއް ލިބިލައްވާ ބޭފުޅެއް ނޫން ކަމަށެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، އިބޫގެ ސަރުކާރު ފެނިގެންދާނީ ޖެންޑާ ބެލެންސްއަށް މިހާތަނަށް ރާއްޖޭގައި އެންމެ ބޮޑު މަސައްކަތެއްކޮށް އެކަން ކާމިޔާބު ކުރުމަށް މަގުފަހިކޮށްދޭ ސަރުކާރުގެ ގަޮތުގައި ކަމަށެވެ.

މީގެ ކުރިން ވަނީ ޓްރާންސިޝަން ކޮމިޓީތައް އެކުލެވިފައިވާ ގޮތުން އެ ކޮމިޓީތަކަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. އެންމެ ބޮޑަށް އަމާޒުވެފައިވާ ފާޑުކިޔުމަކީ ކޮމެޓީތަކުގައި އަންހެނުން މަދުވުމުންނެވެ.