ކުޅިވަރު

2022 އަށް މޯހަންގެ އުންމީދީ ތަސައްވަރު

މުހައްމަދު ޝިޔާޒު 'މޯހަން' އަކީ ރާއްޖޭގެ ފުޓްބޯޅައިގެ އިތުރު ތާރަފަކަށް ބޭނުންވާނެ ޝަހުސިއްޔަތެއް ނޫނެވެ. ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކުލަބު ނިއު ރޭޑިއަންޓް މަސްއޫލުވެރިޔާ އަހްމަދު ވަހީދު، 'ކުއީން' ވަހީދު 12 ދަރިންގެ ތެރެއިން ފަސް ވަނަ ބޭފުޅަކީ، މޯހަން އެވެ. ކުއީންގެ ފަސް ވަނަ، ވިޔަސް އޭނާ އަކީ ފުޓްބޯޅައިގެ އެއް ވަނަ އެވެ.

ސާފް ޗެމްޕިއަންޝިޕް ފުރަތަމަ ކާމިޔާބު ކުރި ޓީމުގެ އެސިސްޓެންޓް ކޯޗުކަން ކުރި މޯހަން އަކީ، ރާއްޖޭގެ އެންމެ ތަޖުރިބާ ބޮޑު އެއް ކޯޗެވެ. އެއްވެސް މެޗަކުން ބަލި ނުވެ ދިވެހި ލީގް ހޯދި ހަމައެކަނި ދިވެހި ކޯޗަކީ އޭނާ އެވެ. ފުޓްބޯޅައިގެ ގެއަކުން ނިކުމެގެން ކޮންމެ ދުވަހަކު އޭނާ ދަނޑަށް އަންނަނީ، ދިވެހި ފުޓްބޯޅައާ މެދު އުންމީދުތަކެއްގެ ހުވަފެން ދެކެމުންނެވެ. ފުޓްބޯޅައިގެ ފެންވަރު ރަނގަޅުކޮށް އާންމުން ބަލަން ޝައުގުވެރިވާ އެއްޗަކަށް ދިވެހ ފުޓްބޯޅަ ހެދުމަށް ނަގަން ޖެހުނު ކޮންމެ ރިސްކެއްވެސް ނަގަން އޭނާ ހުންނަނީ ތައްޔާރަށެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ކުލަބު އީގަލްސްގައި ކުޅުވަން އޭނާ ބޭނުންވާ ރީތި ސްޓައިލް އެވެ. ބަލިވިޔަސް އެ ގޭމް ސިސްޓަމް ދެމެހެއްޓުމަށް ފަހެއް ނުޖެހޭނެ އެވެ.

ރާއްޖޭގެ ފުޓްބޯޅަ މި އޮތް ދަތި ހާލުން ނެގުމަށް އޭނާގެ ހުވަފެނީ ތަސައްވަރުތަކެއް އެބަހުއްޓެވެ. ރާއްޖޭގެ މައި ލީގް ފެންވަރު ރަނގަޅު ޕްރޮޑެކްޓަކަށް ހެދުމަށް އޭނާ ކުރާ ތަސައްވަރު ފެށޭ ހިސާބަކީ 2022 އެވެ. ކުރިއަށް ހަތަރު އަހަރު އެބައޮތެވެ. މި ހަތަރު އަހަރު ތެރޭ އޮތީ އެކަމަށް މަގުކޮށައި އަލި ކުރުމެވެ.

"އަޅުގަނޑަށް ފެންނަ ފެނުމަކީ 2022 ހާ ހަމައިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅެވޭ ގޮތަށް ހޯމް އެންޑް އަވޭ ބޮޑު ލީގެއް ފަށައިގެން ނޫނީ ހައްލެއް ނެތް ކަމަށް." 'އަވަސް' އިން ސުވާލު ކުރުމުން މޯހަންގެ ޝުއޫރު ހިއްސާ ކުރި އެވެ.

އެހާހިސާބަށް ދާއިރު އެބަދަލު ނުގެނެވިއްޖެނަމަ ދެން ދިވެހި ފުޓްބޯޅައަށް ކުރިމަތި ވާނެ ގޮންޖެހުންތައްވެސް އޭނާ ފާހަގަ ކުރި އެވެ. އޭރުން ފިރުކެމުން ނަމަވެސް ކުރިއަށްދާ ދިއުން މަޑު ޖެހިގެން ދާނެކަން އޭނާ ފާހަގަ ކުރި އެވެ.

"މި ސަރަހައްދުގެ މިހިރަ ޓީމުތައް އަތުލަން ހާއްސަކޮށް އިންޑިއާ އާ ވާދަ ކުރަން ވަރަށް ބޮޑުތަން އުނދަގޫ ވެގެންދާނެ،" މޯހަން ފާހަގަ ކުރި އެވެ. "މި ބަދަލު ގެނެވިއްޖެނަމަ ފައިޓެއް ކުރަންވެސް ވެސް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނީވެސް."

މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ފުޓްބޯޅަ މުބާރާތުގައި ކުޑަހުވަދޫގައި ބޭސް ވެގެން ހުރެ އެ ޓީމަށް ކޯޗު ކޮށްދިން މޯހަން ބުނީ، ރާއްޖޭގައި ފުޓްބޯޅައިގައި ބޯން ޓެލެންޓް ވަރަށް ގިނައިން އެބައޮތް ކަމަށެވެ.

"އެއީ ވަރަށް ޔަގީން ކަމެއް، ހުނަރު ހުރީ ކޮން ސަރަހައްދު ތަކެއްގައިކަން ވެސް އެނގޭ، އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫން، އެހެންވެ އެހިސާބުތަކަށް އަޅުގަނޑުމެންގެ ލީގް ގެންދެވޭނެ އުސޫލެއް ހަމަޖައްސަން މިޖެހެނީ،" އޭނާގެ ޝުއޫރު ހިއްސާ ކުރި އެވެ. "އަޅުގަނޑަށް އެނގޭ މީ ފަސޭހަ ކަމެއް ނޫން ކުރާކަށް، ވަރަށް ބޮޑު މަސައްކަތެއް، ސަރުކާރުގެ އެންމެ މަތިން ފެށިގެން ވަރަށް ގިނަބައެއްގެ އިންވޯލްމެންޓާ އެކީގައި މިކަން ކުރެވޭނީ، އެހެންވީމަ މި ހުރިހާ ބައެއް ބައިވެރި ވެގެންވެސް ހިއްސާ ވެގެންވެސް މިކަން ބަދަލު ނުކޮށެއް އަޅުގަނޑުމެންގެ ފުޓްބޯޅަ ކުރިއެއް ނާރާނެކަން އެއީ އަޅުގަނޑަށް ޔަގީވާ ކަމަކީ."

މޯހަން ބުނީ، އިންޑިއާގެ ފުޓްބޯޅަ އެހާ މައްޗަށް ދިޔައީ އެ ގައުމުގައި ކުޅެމުންދާ ފުޓްބޯޅަ ލީގް އޮގަނައިޒް ވުމުން ކަމަށެވެ.

"އެއީ ހަގީގަތުގައި އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ،" އިންޑިއާގެ ލީގް ސިސްޓަމަށް އިޝާރާތްކޮށް މޯހަން ބުންޏެވެ. "އެ ޗެލެންޖު އަޅުގަނޑުމެން މިޖެހެނީ ނަގަން، އެ ލީގާ އެކީގައި، އެ ހުރިހާ ޑިވްލަޕްމެންޓް ތަކާއި ވައިޑީޕީ އާއި ކުޑަކުދިންގެ ސްކައުޓިން އާއި އެ ހުރިހާ ކަމެއް އިންޑިއާއަށް އެ ލީގާއެކީގައި އައިސްގެން މިދަނީ، ދުވަހަކުން ދުވަހަކުން އަޅުގަނޑުމެންނަށް މި އިވެނީ އިންޑިއާގެ ފުޓްބޯޅައިގެ ކޮންމެވެސް އާ ކަމެއް ފެށިގެން އަންނަ ވާހަކަ، އެހެންވީމަ އެއަށް އަޅުގަނޑުމެން މިޖެހެނީ ޗެލެންޖު ކުރަން."

މޯހަން ބުނީ، އިންޑިއާގެ ފުޓްބޯޅައަށް ފައިސާ ހޭދަ ކުރާ ވަރަށް ރާއްޖެއަށް ބިލިއަން ޑޮލަރުގެ އަދަދުތަކުން ފުޓްބޯޅައަށް ހޭދަ ނުކުރެވުނަސް، ފުއްދުންތެރިކަން ހުރި މިންވަރަކުން ފުޓްބޯޅައަށް ހޭދަ ކުރެވިއްޖެނަމަ އިންޑިއާ ވާދަ ކުރެވޭނެ ކަމަށެވެ. ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްތަކުންވެސް އިންޑިއާއައިން ނުލިބޭ އެއްޗަކީ ބޯން ޓެލެންޓެވެ. އެއާ ހިލާފަށް ރާއްޖޭގައި ހަބޭހަށް ބޯން ޓެލްންޓް އުފެދިގެންދާކަން އެންމެންނަށްވެސް އެނގޭކަން މޯހަން ފާހަގަ ކުރި އެވެ.

އިންޑީއާގެ މިޑިއަތަކުންވެސް އެކަން ފާހަގަ ކުރެ އެވެ. ނަމަވެސް ރާއްޖެއަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ޓެލެންޓް ތަރައްގީ ކުރެވޭނެ އިންތިޒާމުތަކެއް ނެތުމެވެ. ރާއްޖޭގެ ފުޓްބޯޅަ، މަރުކަޒުވެ ޖަމާ ވެފައި ވަނީ ވެރިރަށް މާލެ އަށެވެ. ރާއްޖޭގެ އަށް ޒޯނެއްގައި ފުޓްބޯޅަ ޑިވްލަޕްމެންޓް މަރުކަޒުތައް ހަދައިގެން މަސައްކަތް ފެށުމަށް މިދިޔަ ހަފުތާގައި އެފްއޭއެމުން ވަނީ އިއުލާން ކޮށްފަ އެވެ.

އެފްއޭއެމުން ސެންޓަރުތައް ހަދާ ރަށްތަކަކީ ހދ. ކުޅުދުއްފުށި، ނ. ކެނދިކުޅުދޫ، ބ. އޭފަފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ގދ. ތިނަދޫ އަދި ފުވައްމުލަކެވެ. އައްޑޫ ވަކި ސެންޓަރެއްގެ ގޮތުގައި މިހާރުވެސް ޕްރޮގްރާމްތަކެއް ހަދައިގެން ކުރިއަށްދާ ކަމަށް މޯހަން ފާހަގަ ކުރި އެވެ.

މޯހަން ބުނީ އެކި ސަރަހައްދުތަކަށް ލީގް ގެންދެވިއްޖެނަމަ އޭގެ ދަށުން ޔޫތު ޑިވްލަޕްމެންޓް ޕްރޮގްރާމްތަކާއި ސްކައުޓިން ޕްރޮގްރާމްތައް ފެށިގެންދާން އުނދަގުލެއް ނުވާނެ ކަމަށެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ހުނަރު އުފެދޭ ސަރައްދުތަކަށް ލީގް ގެދިއުމަށް މޯހަން ތަސައްވަރު ކުރާ މި ހަތަރު އަހަރު ތެރޭ ކުރާނެ ކަންކަންވެސް އޭނާ ވަނީ ތަރުތީބު ކޮށްފަ އެވެ. އެއީ ލީގް ފެށުމުގެ ކުރިން ރާވަން ޖެހޭ އިންތިޒާމުތަކެވެ. ރަށްރަށުގައި ހުރި ފުޓްބޯޅަ ދަނޑުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި، ފުޓްބޯޅަ އެޑިއުކޭޝަން މުޅި ރާއްޖެއަށް ފުޅާ ކުރުމެވެ.

ރަށްރަށުގައި ގުދުރަތީ ވިނަ ދަނޑުތައް ހައްދައިގެން ދިވެހި ޕްރިމިއާ ލިގް ރާއްޖޭގެ ސަރަހައްދުތަކަށް ގެންދިއުމަށް އެފްއޭއެމުން އޮތީ ޓާގެޓެއް ކަނޑައަޅާފަ އެވެ. ކުރިން އެފްއޭއެމުން އިއުލާން ކުރީ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ އަށަކަށް ވާދަ ކުރާ ޓީމުތަކުގެ ރަށްރަށުގައި ގުދުރަތީ ވިނަ ދަނޑުތައް އަޅައި ދިނުމަށެވެ. ނަމަވެސް މިހާހިސާބަށް އެ މަސައްކަތް ފެށިފައެއް ނުވެ އެވެ.