ރަށްރަށުގައި މިހާރު އެންމެ ހިނގާ އެއް ވިޔަފާރިއަކީ ގެސްޓްހައުސް ހިންގުމެވެ. ނޫނީ ޓޫރިސްޓުންނަށް ކުލީ ކޮޓަރި ދޫކުރުމެވެ. ނަމަވެސް ގެސްޓްހައުސްއެއް އެޅުމަކީ ހަރަދުގެ ގޮތުން ބަލާއިރު ބޮޑު ބުރައެކެވެ. ސަބަބަކީ ފައިނޭންސިން ފެސިލިޓީތައް ރާއްޖޭގައި ނެތުމެވެ. ނަމަވެސް ވަރަށް ފަސޭހައިން ކުޑަ ގެސްޓްހައުސްއެއް އެޅިދާނެ އެވެ. އެކަމަށް އޮތް މަގަކީ ރާވާގެއެއް ގެނެސް، ރަށުގައި ރާވާލުމެވެ. މި ހިދުމަތްދޭ ބަޔަކު މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ހޮޓެލް އޭޝިއާގައި އެބަތިއްބެވެ.
"މި ގެނެސްދެނީ ރާއްޖޭގެ މާހައުލަށް ވަރަށް އެކަށީގެންވާ ޕްރޮޑަކްޓެއް. ހަމަ ބޭނުންވާ ވަރެއްގެ ކޮޓަރި، ނޫނީ ގެއެއް އަޅައި ދެވިދާނެ މިހާރު ވަަރަށް ފަސޭހައިން،" ފެބްރިކް ހޯމް ހެދުމުގެ މަސައްކަތް ކުރާ ޗައިނާގެ އައިޕީޖީ ސްމާޓްހޯމް ކުންފުނީގެ ސޭލްސް ރެޕްރެޒެންޓޭޓިވް ޖޮހާނާ ލީ "އަވަސް" އަށް ވިދާޅުވި އެވެ.
މިހާރު ވެސް ރާއްޖޭގައި ކޮންމެވެސް ވަރަކަށް މަސައްކަތް ކުރާ ކުންފުނިން ވާހަކަ ދެއްކި ޖޮހާނާ ވިދާޅުވީ ރާވާ މިގެތައް އޯޑަރުދޭތާ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ ގެނެސް ދެވޭނެ ކަމަށެވެ.
"ރާއްޖެ ގެނެސް މަސައްކަތް ފަށާތާ ދެ ދުވަހުގެ ތެރޭގައި ސްޓީލް ސްޓްރަކްޗާގެ މަސައްކަތް ނިންމާލެވޭނެ،" ޖޮހާނާ ވިދާޅުވި އެވެ.
އަގު ހެޔޮ ވާނެ!
ސްމާޓް ޕެނަލް ކުންފުނިން ވަނީ މިރާވާ ގޭގެ މިސާލު ގެއެއް ދަރުބާރުގޭގައި ބަހައްޓާފަ އެވެ. އެ ކުންފުނިން ބުނީ އެޕާޓްމަންޓާއި ރެޒިޑެންޓް ހައުސް އަދި ފްލެޓު ވެސް މި ސިސްޓަމުން އެޅޭނެ ކަމަށެވެ. އަދި އޭއެލްސީ ގަލާއި ރެންޑާ އަދި ގްލެޑިން ބޭނުންކޮށްގެން ވެސް ގެ އަޅައިދެ އެވެ.
"އަގު އެނގޭނީ އެ ބަޔަކު އަޅާ ގެ އަކާއި، ގޭގެ ސައިޒުން ތާ! ހަމަ ގައިމު ވެސް އެނގޭ ކަމަކީ ރޭނުމަށް ވުރެ 80 ޕަސެންޓް ހެޔޮވާނެކަން. ފެންވަރު ވެސް ރަނގަޅުވާނެކަން،" ޖޮހާނާ ވިދާޅުވި އެވެ.
ހޮސްޕިޓާލިޓީ ދާއިރާގެ ގިނަ ހިދުމަތްތަކެއް ފެންނަ ގޮތަށް ދަރުބާރުގޭގައި މިއަދު ހަވީރުގެ ނިޔަލަށް ކުރިއަށްދާ ހޮޓެލް އޭޝިއާގައި މިފަދަ ގިނަ ހިދުމަތްދޭ ބަޔަކު ހަރަކާތްތެރިވެ އެވެ. އެހެންވީއިރު މި ފެއާއަށް ނުދާންވީ ސަބަބެއް ނެތްތާ އެވެ؟