ސާފް ސުޒުކީ ކަޕް

އައްޑޫގެ މިދަރިންގެ ވަތަނީ މެސެޖެއް

ރާއްޖޭގެ އެންމެ ދެކުނުން އޮތް އައްޑޫ ސިޓީއަކީ، އިލުމީ ގިނަ ދަރިންތަކެއް އުފެއްދި ރާއްޖޭގެ ހިދުމަތްތެރި އަތޮޅެކެވެ. ގައުމީ ރީތި ނަމާއި ޝަރަފު ގެންނައިރު އައްޑޫގެ ހިއްސާ އެކަމުގައި ނެތް އެއްވެސް ރޮނގެއް ފާހަގަ ކުރެވިފައެއް ނެތެވެ.

މިދިޔަ މަހު މުޅި ރާއްޖެ ހިނިތުން ކޮށްލީ ސަރަހައްދީ ފުޓްބޯޅަ މުބާރާތުގެ ޝަރަފުވެރި ރަން ވަނަ ދިވެހި ގައުމީ ފުޓްބޯޅަ ޓީމުން ހޯދުމުންނެވެ. އެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ގައުމީ ޖޯށުގައި ޖެހި ގައި ހީބިހި ނަގައެވެ. ލިބުނު ބޮޑު އުފަލަކުންނެވެ. އެ ރަން ކާމިޔާބުގައިވެސް އައްޑޫގެ ބޮޑު ހިއްސާއެއް އޮތެވެ. މީގެ ދިހަ އަހަރު ކުރިން، ފުރަތަމަ ފަހަރަށް ރާއްޖެއިން އެ މުބާރާތް ކާމިޔާބު ކުރިއިރުވެސް އައްޑޫގެ ހިއްސާ ޓީމުގައި އޮތެވެ.

އޭރު އުމުރުން 23 އަހަރުގެ މުހައްމަދު އާރިފު 'ބަކާ' އަކީ އެ ކާމިޔާބުގައި އެންމެ މުހިންމު ތަރި އެވެ. މިފަހަރުގެ ކާމިޔާބުގައިވެސް ބަކާ ބޮޑު ހިއްސާއެއް އޮތެވެ. އެހެންނަމަވެސް ބަކާއަށް ވުރެ މިފަހަރު ވިދާލީ އައްޑޫގެ އެހެންދަރި އެކެވެ. އައްޑޫ ސިޓީގެ ފޭދު، އިބްރާހިމް މަހްދީ ހުސައިން 'ހަބޭސް އިއްބެ' ނުވަތަ އޭނާގެ ރަށުގެ ނަން ކުރިއަށްލާފައި ގޮވާ 'ފޭދޫ އިއްބެ' އެވެ.

ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމަށް ދޭން ޖެހޭ އިނާމާއި ޝަރަފު ބޮޑެވެ. އެ އިނާމު ލިބުމުގައި ލަސްވާ ކޮންމެ ވަގުތަކީ އެ ޝަރަފުވެރި ޓީމާމެދު ކުރެވޭ ބޭއިހުތިރާމެކެވެ. އެވާހަކަ މާ ތަފްސީލުކޮށް ފަހުން ދައްކަން ބާއްވާށެވެ.

މިއަންނަ އާދިއްތަ ދުވަހަކީ އައްޑޫއަށް ނިސްބަތްވާ ގައުމީ ޓީމުގެ ދެ ދަރިންނަށް ވަރަށް ހާއްސަ ދުވަހެކެވެ. ސާފް ޗެމްޕިއަންޝިޕްގެ ރަން ތަށި އައްޑޫގެ ފަސް ގަނޑަށް ގެންދާ ދުވަހެވެ. އެތަށި ރާއްޖެއަށް ހޯދައި ދިނުމަށް، އިންޑިއާގެ ގޯލް ރާއްޖެއަށް ހުޅުވާލަ ދިން އިއްބެއަށް އާދިއްތަ ދުވަސް ވެގެންދާނީ އޭނާގެ ކެރިއަރުގައި އަންނާނެ އެންމެ މުހިންމު ވަގުތަށެވެ. އޭނާގެ އުފަން އަތޮޅަށް ތަށި ގެންގޮސް އަތޮޅުގެ ރައްޔިތުން އެއުފަލުގައި ބައިވެރި ކުރުމަކީ އޭނާ އަށާއި ބަކާއަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.

ބަކާ އާއި އިއްބެ އެދެނީ، ތައްޓަށް މަރުހަބާ ކިއުމަށް އައްޑޫގެ ރައްޔިތުން ގައުމީ ކުލައިގައި ރަތް ކުލައިގައި ގަމު އިންޓަނޭޝަނަލް އެއާޕޯޓަށް އައުމަށެވެ. ތައްތާއެކު އިއްބެ އާއި ބަކާ އައްޑޫއަށް ދަތުރު ކުރާނެ އެވެ. ރަތް ކުލައިގައިގައި ގައުމީ ދެ ބަތަލުން ހޯދި ކާމިޔާބަށް ރަތް މަރުހަބާއެއް ކިޔަން ޖެހެ އެެވެ. ރަތް ހެދުމުގައި ގައުމީ ޖޯށުގައި ވަޑައިގަންނަވާށެވެ.

މުޅި އައްޑޫ ރައްޔިތުންގެ ބައިވެރިވުން މި ކާމިޔާބު ހިއްސާކުރުމުގެ މުހިންމުކަން އިސްވެ،ފާހަގަ ކުރީ ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ހާސިލު ކުރި، ޓީސީގެ ކޯޗް އައްޑޫ، ފޭދޫ މުހައްމަދު ނިޒާމު އެވެ. އޭނާ އެދެނީ ގައުމީ މި ބޮޑު އުފަލުގައި އައްޑޫގެ މުޅި ރައްޔިތުން ބައިވެރި ވުމަށެވެ.