ލައިފްސްޓައިލް

ބޭނުމީ "ކުޑަ ބަނޑޮހެއް"!

މީގެ ކުރިން ހަފްތާ ބަންދަށް ލިބޭ ހުކުރު، ހޮނިހިރު ދެ ދުވަހު ޕިކްނިކް ހަދާލަން، މާލެ ކައިރީ ކުޑަބަނޑޮހަށް ނޫނީ ފޭދުފިނޮޅަށް ދާން އާއިލާގެ މީހުން ނޫނީ ރަށްޓެހިން އޮންނާނީ ރާވައިފަ އެވެ. މިއީ އުސް އިމާރާތްތަކުން ފުރި، ވެހިކަލްތަކުން ތޮއްޖެހިފައިވާ މާލޭގެ ދުއްތުރާލުން ސަލާމަތްވާން ހޯދާ ވަގުތީ ހިތްހަމަ ޖެހުމެކެވެ. އާއިލާ މީހުންނާއި ގާތް ރަހުމަތްތެރިންނާ ދިމާވެ، މިނިވަން ކަމާއިއެކު ހިތްގައިމު ދޮންވެލި ގޮނޑުދޮށެއްގައި ކުޅެލައި މަޖާކޮށްލުމަކީ ކޮންމެ އާއިލާއަކުން ވެސް ހޯދާ ހިތްހަމަ ޖެހުމެވެ.

އެފަދަ ކޮންމެ ދަތުރަކުން އާއިލީ ގުޅުން ބަދަހިވެ، ދުވަސްވީ ރަށްޓެހިންނާ އަލުން ގުޅުވާލަދެ އެވެ. އެއީ އަހަރުމެންގެ ހަނދާންތަކުގައި ހުރި އުފާވެރި ދަތުރުތަކެވެ. ހޭބޯ ނަރާއި އަވަދިނެތި އެކި މަސައްކަތްތަކުގައި އުޅޭ މައިންބަފައިންގެ މޫނުމަތިން ޕިކްނިކް ދާ ދުވަސްދުވަހު އެ ފެންނަ ހިނިތުންވުމުން މިކަހަލަ އާއިލީ ދަތުރުތަކުގެ މުހިންމުކަން ކިތަންމެހާ ވެސް ރަނގަޅަށް ބުނެދެ އެވެ. އެކަމަކު މީގެ ދެތިން އަހަރު ކުރިން އެ އުފާވެރި ދަތުރުތަކަށް މި އޮތީ ނިމުން އައިސްފަ އެވެ. ސަބަބަކަށް ވީ މާލެ ކައިރީގައި ހުރި ޕިކްނިކް އައިލެންޑްތައް ރިސޯޓް ތަރައްގީ ކުރަން ސަރުކާރުން ދީ ހުސްކުރީ އެވެ. މާލޭ ކައިރީގައި ޕިކްނިކް ދާނެ ރަށެއް މިހާރަކު ނެތެވެ. ކުޑަބަޑޮހާއި ފޭދޫ ފިނޮޅުގައި ރިސޯޓް ތަރައްގީކޮށް، އެ ތަންތަނަށް އާންމުންނަށް އެރުން އޮންނަނީ ހުރަހަކަށް ހަދައިފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެކަމަށް ހޯދައިދޭން ވައުދުވި ހައްލަކީ މާލޭ ސަރަހައްދުގެ ފަޅުން ބައެއް ހިއްކައިގެން ޕިކްނިކް ރަށެއް ތައްޔާރުކޮށް ދިނުމެވެ. އެކަމަކު ރިޔާސީ އިންތިހާބު ބާއްވައި ރައީސް އަބްދުﷲ ޔާމީންއަށް ދެވަނަ ދައުރެއް ނުލިބި، ބަލިވިއިރުވެސް އެ ވައުދެއް ނުފުއްދުނެވެ. ރައްޔިތުން ތިބީ ޕިކްނިކް ދާނެ ރަށެއް ނެތުމުގެ ބޮޑު ޝަކުވާގަ އެވެ. އެ ވައުދު ފުއްދައިދެން އަމަލީ މަސައްކަތް ވެސް ފަށާފައެއް ނުވެ އެވެ. އިދިކޮޅު ޕާޓީތައް އެކުވެގެން އެކުލަވާލާ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެތައް ބަޔަކު އޮއްސާލާ އާދޭހަކީ މާލެ ކައިރީގައި ހުރި ޕިކްނިކް ރަށްތައް އާންމުންނަށް އަލުން ހުޅުވާލައި ޕިކްނިކް ދެވޭނެ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމެވެ.

މިއީ ހަފްތާ ބަންދުތަކުގައި ގާތްތިމާގެ މީހުންނާއި ރައްޓެހިންނާއި އެކުގައި މަޖާކޮށްލައި ހިތްހަމަޖައްސާލުމަށް ކުޑަ ބަނޑޮހަށާއި ފޭދު ފިނޮޅަށާއި އަދި ކޮއްދިއްޕަރު ފަދަ ޕިކްނިކް އަައިލެންޑުތަކަށް ދިޔަ ދަތުރުތައް އަލުން ފަށަން އާއިލާތައް މިތިބީ ކެތްމަދުވެފަ އެވެ. ދެ ކުދިންގެ މަންމަޔަކު ހިޔާލުފާޅު ކުރަމުން ބުނީ، ޕިކްނިކް ގޮސް އާއިލާއާ އެކު ހޭދަކުރާ އުފާވެރި ވަގުތުތައް ވަރަށް ބޮޑަށް މިސްވާ ކަމަށާއި އާއިލާއާ އެކު މަޖާކޮށް ޕިކްނިކް ދާނެ ރަށެއް ނެތުމަކީ ބޮޑު މާޔޫސްކަމެއް ކަމަށެވެ.

"އަހަރުމެންގެ ދަރިން އުފާކޮށްލައި މަޖާކޮށްލާ ހަދަން ކުޑަބަޑޮސް އަހަރުމެންނަށް އަނބުރާ ދޭން ޖެހޭ. އެއީ ދިވެހިންގެ ގުދުރަތީ މިލްކެއް،" މީހަކު އޭނާގެ އިހުސާސްތައް ޓްވިޓާގައި ބަންޑުން ކުރި އެވެ.

ހިތްގައިމު ދޮންވެލި ގޮނޑުދޮށުގައި ދުވެލައި މޫދަށް އެރި ފަތާލައި އަދި ވޮލީ އާއި ފައިގަތަޅާއި ކުޅެ، ނެގި މަޖާތައް ތަކުރާރު ކުރަން މިހާރު އެންމެން ވެސް ބޭނުންވެ އެވެ. މާލެއިން ސަލާމަތްވެ، މީހާ ހަމަޖެހިލުމަށް އެންމެން ވެސް ބޭނުންވެފައި ތިބީ ޕިކްނިކް ދާނެ ރަށެއް އަލުން ލިބުމަށް އެދި އެދި އެވެ. އާ ސަރުކާރާ އެކު އެތައް ބައެއްގެ އުންމީދުތައް މާލެ ކައިރިން ޕިކްނިކް ރަށެއް ހޯދުމަށް ވެސް އެބަ އޮތެވެ. ގެއްލުނު ކުޑަބަޑޮހާއި ފޭދޫ ފިނޮޅު ޕިކްނިކްދާން ލިބޭނެ ކަމުގެ އިންތިޒާރުގައި ތިބި މީހުން މަދެއް ނޫނެވެ. މާލެ ސަރަހައްދުން ފްލެޓާއި ގޯތި ހޯދަން އެދޭ ގޮތަށް ޕިކްނިކް ދާނެ ރަށެއް ހަމަޖެހޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބޭ މީހުން ވެސް ވަކި މަދެއް ނުވާނެ އެވެ.

"ފްލެޓާއި ގޯތި ގޮތަށް ޕިކްނިކް ދާނެ ރަށެއް ވެސް އެބަ ލިބެން ޖެހޭ. ބޯހިޔާވަހިކަމެއް ލިބުނަކަސް ނުފުދޭ. ހިތްހަމަ ޖައްސާލާ ކަންކަން ކޮށްލަން ވެސް މާލެ ކައިރީ ފުރުސަތުތައް ހުންނަން ޖެހޭ. މިހާރު މިޖެހެނީ މީހުން އުޅޭ މާލެ ކައިރި ރަށަކަށް ދާން. އެކަމަކު އެއްކަލަ ޕިކްނިކް ގޮސްގެން އެ ލިބޭ ހިތްހަމަ ޖެހުން އެހެން ގޮސްގެން ނުލިބޭ. އަދި މަޖާ ވެސް ނުނެގޭ،" ޒުވާނަކު ހިޔާލުފާޅުކުރި އެވެ.

ކުޑަ ބަނޑޮހާއި ފޭދު ފިނޮޅާއި އަދި ކޮއްދިއްޕަރުގައި ވެސް ރިސޯޓުތައް ހެދުމަށް ސަރުކާރުން ބޭރުގެ ފަރާތްތަކަށް ވިއްކާލާފައި އޮތް އިރު އެތަން ތަން އނަބުރާ ލިބޭނެ ކަމުގެ އުންމީދު ކުޑަ އެވެ. ކުޑަބަޑޮހުގައި މިހާރުވެސް ރިސޯޓެއް ހަދައިގެން އެބަ ހިންގަ އެވެ. ފޭދޫ ފިނޮޅާއި ކޮށްދިއްޕަރުގައި ރިސޯޓެއް ތަރައްގީ ކުރަން މަސައްކަތްތައް ދަނީ ކުރިއަށެވެ. މިހާރު ކިރިޔާވެސް ޕިކްނިކް ހަދާލަން ދެވޭ ވަރުގެ ރަށަކަށް އޮތީ ވިލިމާލެ އެކަންޏެވެ. ވިލިމާލެއަށް ގޮސް ވެސް ގިނަ ފަހަރަށް ހަމަޖެހިލައިގެން ތިބޭނެ ތަންކޮޅެއް ނުލިބެ އެވެ. ފުނިޖެހިފައި އޮތް ތަނަކުން ސަލާމަތްވާން ވެގެން ގޮސް، އެ ތަނުގައި ވެސް ޖެހެނީ ފުނިޖެހޭށެވެ.

މާލެ ކަހަލަ ހަލަބޮލި ތަނެއްގައި ދިރިއުޅޭ ބަޔަކަށް ވީކެންޑްގެ މަޖާނަގާލަން ދަތުރު ދާނެ ރަށެއް ހުރުން ވަރަށް މުހިންމެވެ. ކޮންމެ މީހަކީ ހާހުން ހަރަދުކޮށްގެން މާލެ އަތޮޅުގެ ރަށެއްގެ ގެސްޓް ހައުސްއަކަށް ގޮސް ހަފްތާ ބަންދު ހޭދަކޮށްލެވެނޭ ހާ ތަނަވެސް މީހުންނެއް ނޫނެވެ. އަހަރެމެން ބޭނުމީ ދަތުރު ގޮސްލާނެ "ކުޑަ ބަޑޮހެކެވެ!" އާ ސަރުކާރާ އެކު ރައްޔިތުންގެ މި އުންމީދު އެބަ އޮތެވެ.