ހޮލީވުޑް

ލައިވް އެކްޝަން ފިލްމެއްގެ ގޮތުގައި އެލާޑިން ކަމުދާނެ؟

ވޯލްޓް ޑިޒްނީއިން މީގެ ކުރިން އެނިމޭޓެޑް ކާޓޫން ފިލްމުތަކުގެ ގޮތުގައި ގެނެސްދިން ވާހަކަތަކަށް ލައިވް އެކްޝަން ފިލްމުތައް ހަދައި، ގެނެސްދެމުން އަންނަތާ ތިން ހަތަރު އަހަރު ވެއްޖެ އެވެ. އެ ލިސްޓުގައި ކުރިއަށް ވެސް ގިނަ ފިލްމުތަކެއް ހުރިއިރު، މިހާރު އެންމެ އިންތިޒާރުކުރެވޭ ފިލްމު "އެލާޑިން"ގެ ފުރަތަމަ ޓީޒާ ޓްރެއިލާ ވަނީ ބުރާސްފަތި ދުވަހު ދޫކޮށްލާފަ އެވެ.

ޓީޒާއިން ފެންނަ ގޮތުގައި ކާޓޫގައި ވެސް ފެނުނު މަންޒަރުތައް ވަނީ ހަމަ އެގޮތަށް ލައިވް އެކްޝަން މަންޒަރުތަކުގެ ގޮތުގައި ނަގާފައި އެވެ. މި ފިލްމުގައި އަލަޑީންގެ ރޯލުން ފެނިގެންދާނީ މުޅިން އަލަށް ފިލްމަކުން ފެނިގެންދާނެ އެކްޓަރު މީނާ މަސްއޫދު އެވެ. މިސްރަށް ނިސްބަތްވާ އެކްޓަރު މީނާ 27، ވަނީ މީގެ ކުރިން ޓީވީ ސީރީޒްތަކުން ފެނިގެން ގޮސްފައި އެވެ.

ޑިޒްނީގެ ފޭނުންގެ ހިތްތަކުން ލޯބި ހޯދާފައިވާ ޕްރިންސެސް ޖޭޒްމީންގެ ރޯލުން ފެނިގެންދާނީ ނައޯމީ ސްކޮޓް އެވެ. އަދި އެންމެން ހެއްވާލި ޖީނީގެ ރޯލުން ފެނިގެންދާނީ އެކްޓަރު އަދި ރެޕާ ވިލް ސްމިތު އެވެ. އަދި ނުބައިބައި ޖެފަރުގެ ރޯލުން ފެނިގެންދާނީ ތޫނިސްގެ އެކްޓަރު މަރްވާން ކެންޒަރީ އެވެ.

ޓްރެއިލާ ބަލާލާ:

"އެލާޑިން" ޓްރެއިލާ.

"އެލާޑިން" ކާޓޫން ގެނެސްދިނީ 1992 ވަނަ އަހަރު އެވެ. އޭގެ 26 އަހަރުފަހުން ޑިޒްނީއިން ލައިވް އެކްޝަން ފިލްމު މި ތައްޔާރުކުރަނީ ޖޯން އޮގަސްޓު ލައްވައި ސްކްރީޕްލޭއެއް ތައްޔާރުކޮށްގެންނެވެ. އެއީ "ބިގް ފިޝް" ގެ ސްކްރީންޕްލޭ ލިޔުނު ޖޯން އެވެ. މީގެ އިތުރުން ގާއި ރިޗީ އާއި ވެނޭސާ ޓެއިލާ ވެސް ވަނީ ސްކްރީޕްލޭގެ ބައެއް މަސައްކަތްތައް ކޮށްފަ އެވެ.

ގާއި ރިޗީ ޑައިރެކްޓުކުރާ މި ފިލްމު ޕްރޮޑިއުސްކުރަނީ ވޯނާ ބްރަދާސްގެ "ޝާލޮކް ހޯލްމްސް" ޕްރޮޑިިއުސްކުރި ޑެން ލިން އެވެ. އެއީ ޑެންގެ ލިން ފިކްޗާސް ކޮމްޕެނީ ކުޑައިގެ ދަށުންނެވެ.

ލައިވް އެކްޝަން ފިލްމެއްގެ ގޮތުގައި ބެލުންތެރިންނަށް މި ފިލްމު ކަމުދާނެ ހެއްޔެވެ؟ ޑިޒްނީއިން މިހާތަނަށް ލައިވް އެކްޝަން ފިލްމުތަކުގެ ގޮތުގައި ގެނެސްދިން ގިނަ ފިލްމުތަކަށް ބެލުންތެރިންގެ ތަފާތު ފާޑުކިޔުންތައް އަމާޒުވި އެވެ. ނަމަވެސް ގިނަ ފިލްމުތައް ވަނީ ވިޔަފާރީގެ ގޮތުން ކާމިޔާބީތައް ހޯދާފައި އެވެ.

ބެލުންތެރިންގެ އުންމީދާއި އެއްވަރަށް ފިލްމު ގެނެސްދީފައިވާކަން އެނގޭނީ އަންނަ އަހަރު، މެއި 24 ގައި އެވެ. މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ އެ ތަރީހުގައި އެވެ.