ވިޔަފާރި

ބޮޑެތި ބޯޓުތައް ޖައްސަން މާފަރު އެއާޕޯޓް ތައްޔާރު ވަނީ

Oct 13, 2018

އެންމެ ބޮޑެތި ބޯޓު ފަަހަރު ޖައްސަން މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތައްޔާރު ކުރުމުގެ ގޮތުން، ޔުނައިޑެޓް އެރެބް އެމިރޭޓްސްގެ (ޔޫއޭއީ)ގެ އެއާލައިންއިން އެއާޕޯޓް ޓެސްޓްކޮށްފި އެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް ވިދާޅުވީ ބޮޑެތި ބޯޓު ފަހަރު ޖެއްސުމުގެ ގޮތުން އެއާލައިން ތަކުން މާފަރުގެ ރަންވޭ ޓެސްޓް ކުރަމުންދާ ކަމަށެވެ.

"އެއާޕޯޓުގެ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ނުނިމި ހުރީ. އެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ،" ސާމީ ވިދާޅުވި އެވެ.

އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއްގެ ދަށުން ހަދާ މި އެއާޕޯޓުގައި އެންމެ ފުރަތަމަ ޓެސްޓް ފްލައިޓެއް ޖައްސާފައިވަނީ 14، އޮގަސްޓް 2018، ގަ އެވެ. އަދި އޭގެ ފަހުން، ނިމިގެންދިޔަ ރިއާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައީސް އަބްދުﷲ ޔާމީން ވަނީ މި އެއާޕޯޓު ހުޅުވައި ދެއްވާފަ އެވެ. ނަމަވެސް އެއާޕޯޓް އަދި އެއްކޮށް ނުނިމެ އެވެ.

މާފަރު އެއާޕޯޓު ތަރައްގީ ކުރަމުން ދަނީ ނ. އަތޮޅުގައި އޮންނަ މަޝްހޫރު ރަންދެލި ރިސޯޓު ގަތް ޔޫއޭއީގެ މަހުޖަނެކެވެ. މި އެއާޕޯޓަކީ ދުނިޔޭގެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ތަނެކެވެ. އެ ރަށުގައި އަޅާފައިވާ ރަންވޭގެ ދިގުމިނުގައި 2،200 މީޓަރު ދިގު 40 މީޓަރު ހުރެ އެވެ. އަދި ރަންވޭ އާއެކު ހިތްގައިމު ޓާމިނަލްއަކާ ވީއައިޕީ ލައުންޗެއް ވެސް އަޅާނެ އެވެ.