ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދަކީ ކުޅިވަރުގެ ދުނިޔޭގައި ކްރިކެޓްގެ އެންމެ ބާރުގަދަ ސަރަހައްދެވެ. އެއް ގައުމުން އަނެއް ގައުމުން ވާރުތަކުރި ކްރިކެޓްގައި އުފެދުނު ވާދަވެރިކަންވެސް ބޮޑެވެ. ސަރަހައްދުގެ އެންމެ ބޮޑު ހަތަރު ގައުމުން ދުނިޔޭގެ އެންމެ މަތީ ލެވަލްގައި ވާދަ ކުރެ އެވެ. ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި ސަރަހައްދުގެ ތިން ގައުމު އެބައޮތެވެ. އެއީ އިންޑިއާ، ޕާކިސްތާން އަދި ސްރީލަންކާ އެވެ.
ދިވެހިން ފުޓްބޯޅައިގެ ފެންވަރު މަތި ކުރަން އެ ހުނަރު އިމްޕޯޓް ކުރީ ލަންކާއިންނެވެ. ކްރިކެޓްގައިވެސް ކަންވީ އެހެންނެވެ. ދިވެހި ކްރިކެޓްގެ ޝަރަފުވެރިޔާ ފާއިޒު ސަމަދަކީ ލަންކާ ބޭފުޅެކެވެ. އޭނާގެ ހިތް ރާއްޖެއަށް ދޫކޮށްލި ގޮތަށް އޭނާ ހުރީ ރާއްޖޭގަ އެވެ. ދިވެހި އެތައް ކުޅުންތެރިންނެއް އޭނާ ވަނީ ކްރިކެޓްގެ ތެރެއަށް ނެރަފަ އެވެ. ސަރަހައްދީ އެހެން ގައުމުތަކުގައި އޮތް ފެންވަރަށް ރާއްޖޭގައި ކްރިކެޓް ފުޅާ ނުވިޔަސް ރާއްޖޭގައި ހުނަރު އެބައޮތެވެ. ގައުމީ ޓީމުގެ ކޯޗް އާސިފު ހާން 'އަވަސް' އަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ ރާއްޖޭގައި ފެންވަރު ރަނގަޅު ވަސީލަތްތައް ގާއިމު ކުރެވިއްޖެނަމަ ރާއްޖެއަށް ކްރިކެޓްގައި ވަރަށް ދުރަށް ދެވިދާނެ ކަމަށެވެ.
ކްރިކެޓްގެ އިންޑޯ ހޯލުގައި، އޭނާގެ ބެލުމުގެ ދަށުން ގައުމީ ޓީމުން ކުރިއަށް ގެންދިޔަ ޕްރެކްޓިސް ބަލާލަން އަޅުގަނޑު ދިޔައީމެވެ. 'ޓީމް ޓޯކްސް' ނުވަތަ ޕްރެކްޓިހުގެ ކުރިންނާއި ފަހުން ކުޅުންތެރިނާއެކު ބޭއްވި ބައްދަލުވުން އަޑު އަހާލުމުގެ ފުރުސަތު ދިނެވެ. ވަކިވަކި ކަންކަމަށް ކުޅުންތެރިން ހާނުވާން ކުރާ މަސައްކަތް ފާހަގަވި އެވެ. ކުޅުންތެރިންގެ އާންމު ދިރިއުޅުންވެސް އޭނާ ބައްޓަން ކުރަން ބޭނުންވަނީ ކްރިކެޓްގެ ލައިފްގެ ތެރެއިންނެވެ.
"ޓީމް ޓޯކްސްގައި އަހަރެން ވާހަކަ ދެއްކި ފަދައިން ރާއްޖޭގައި ކްރިކެޓްގެ ހުނަރު ވަރަށް ބޮޑަށް އެބަހުރި، އަހަރެން ރާއްޖެ އައިސް މި ކުޅުންތެރިންނާއެކު ޕްރެކްޓިސް ކުރަން ފެށީމަ އަހަންނަށް ފެނުނު މަންޒަރުން ވަރަށް ބޮޑަށް ހައިރާންވި، އަހަރެން މަސައްކަތް ކުރި އެހެން ގައުމުތަކަށް ވުރެ ރާއްޖޭގައި ނިސްބަތުން ވަރަށް ބޮޑު ޓެލެންޓެއް އެބައޮތް،" ގަތަރާއި ސިންގަޕޫރުގައި ކުރިން މަސައްކަތް ކުރި ތަޖުރިބާކާރު ބުންޏެވެ.
"މި ކުޅުންތެރިންގެ އިތުރަށް ތޫނުފިލި ކުރުމަށް، ނުވަތަ ޕޮލިޝް ކުރުމަށް އަހަރެން ވަގުތު ހޭދަ ކުރާނަން އަދި ރަނގަޅު ސިސްޓަމަކަށް ބައްޓަންކޮށްގެން ކުރިއަށް ގެންދާނީ، ކުޅުންތެރިންގެ ހުނަރު އެބައޮތް ބޭނުންވަނީ ޒަމާނީ ފެންވަރު."
އޭނާ ބުނީ، ރާއްޖޭގެ ކްރިކެޓް ޒަމާނާ އެއްގޮތަށް ބަދަލު ކުރުމަށް އޭނާއަށް އެއްބާރުލުން ދޭނެ ކަމަށް ކްރިކެޓް ބޯޑުގެ ރައީސް އާއި އެގްޒެކެޓިވް ކޮމިޓީން ދީފައިވާ ކަމަށެވެ. އެ ބަދަލުތަކާއެކު މަސައްކަތް ކުރެވިއްޖެނަމަ ރާއްޖޭގެ ލެވަލް ތަފާތު ކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ ދިނެވެ.
އޭނާގެ އެންމެ ބޮޑު ޓާގެޓެއް އޮތީ ގްރާސް ރޫޓަށެވެ. ރާއްޖޭގައި ގްރާސް ރޫޓު ލެވަލްގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ވަކި މިންގަނޑުތަކެއް ކަނޑައެޅިފައި ނެތުމެވެ. މިއީ ކޮންމެ ކުޅިވަރެއްގައިވެސް އޮތް ހާލަތެވެ. ޕާކިސްތާނަށް އުފަން ދެކުނު އެފްރިކާގެ ތަޖުރިބާކާރު ބުނީ، ނެޝެނަލް ލެވަލުގައި ގްރާސްރޫޓް އަންނައިރު ވަކި މިންގަނޑުތަކެއް ފުރިހަމަވުން ލާޒިމު ކުރަން ޖެހޭނެ ކަމަށެވެ. އެ ސެޓަޕް ރާއްޖޭގައި ގާއިމު ކުރުމަށް އޭނާ މަސައްކަތް ފަށާނެ ކަމަށް، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލުގެ އެންމެ މަތީ ފާސް އޮންނަ އާސިފް ހާން ބުންޏެވެ.
"ޓާގެޓަށް ވާސިލުވުމަކީ ނުވާނެ ކަމެއް ނޫން،" އޭނާ ޔަގީން ކަމާއެކު ވާހަކަ ދެއްކި އެވެ. "ރަނގަޅު މިސްރާބެއްގައި މަސައްކަތް ތަރުތީބު ކުރުން، އަދި ހޯމުވޯކް ހެދުން ކުރަން ޖެހޭ މަސައްކަތަކީ."
އަންނަ އަހަރު ބާއްވާ ސައުތު އޭޝިއަން ގޭމްސްގައި ކްރިކެޓް ވަނީ ހިމަނާފަ އެވެ. މިއީ ރާއްޖެއަށް އޮތް ބޮޑު ފުރުސަތެކެވެ. ވަރުގަދަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ރާއްޖޭގެ ޓީމަށް ލިބިގެންދާނެ އެވެ. ސަރަހައްދުގެ ޓީމުތަކުން، އެންމެ މޮޅު ޓީމު ނުގެނެއަސް އެއީ ރާއްޖެއަށް ލިބޭ ބޮޑު ފުރުސަތެކެވެ. ކޯޗުު އާސިފު ހާންވެސް ގަބޫލު ކުރަނީ އެގޮތަށެވެ.
ރާއްޖޭގެ ކުރިކެޓަށް ޒަމާނީ ވިސްނުން އަންނަން ޖެހެ އެވެ. އޭނާ ބުނީ ކުޅުންތެރިންނާއި ކޯޗުންނާއި ކްރިކެޓް ހިންގަން ތިބި ބޭފުޅުންގެ މެދުގައިވެސް އެ ވިސްނުން ފަތުރަން ޖެހޭ ކަމަށެވެ. ޓީމުގެ ޕްރެކްޓިސްތައްވެސް އޭނާ ބައްޓަން ކޮށްފައި ވަނީ އެގޮތަށެވެ.
"ކުޅުންތެރިންނަށް އެނގޭނެ އަހަރެން ހަދާ ޓެކްޓިކުސްތަކުގެ ބޭނުމަކީ ކޮބައިކަން، އެކަން ތަފުސީލު ވާނެ، ހާސިލު ކުރަން ބޭނުންވާ ޓާގެޓް ކަނޑައަޅަނީ އަހަރެން އެކަންޏެއް ނޫން، ކޮންމެ ކުޅުންތެރިއަކަށް ޓާގެޓެއް މިހާރު އޮންނާނެ."
އޭނާގެ ގިނަ ޓާގެޓްތަކެއް އެބަހުއްޓެވެ. އެންމެ ފުރަތަމަ ޓާގެޓަކީ ރާއްޖެއަކީ މެޗުތަކުން މޮޅުވެވޭނެ ފެންވަރުގެ ޓީމެއް ބިނާ ކުރުމެވެ. ރާއްޖޭގެ ކްރިކެޓަށް ސަޕުރައިޒް ނަތީޖާތަކެއް ހޯދިދާނެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ.