ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް މިދިޔަ އޮގޯސްޓް މަހު އެންގޭޖުވި ފަހުން މިހާރު އެންމެ އިންތިޒާރު ކުރެވެމުން އަންނަނީ އެ ދެމީހުންގެ ކައިވެންޏަށެވެ. އެ ދެމީހުންގެ ކައިވެންޏާއި ބެހޭގޮތުން ވެސް ތަފާތު ވާހަކަތައް އަންނަނީ ދެކެވެމުންނެވެ. މިހާރު ވާހަކަތައް ދެކެވޭ ގޮތުން އެ ދެމީހުން ކައިވެނި ކުރާނީ އަންނަ މަހު އެވެ.
އެ ދެ ލޯބިވެރިންނާއި ގާތް މީހަކާއި ހަވާލާދީ ފިލްމްފެއާއިން ބުނީ، އިންޑިއާގެ ޖޯދުޕޫރްގައި ހުންނަ އުމައިދު ބަވަން ގަނޑުވަރުގައި އެ ދެމީހުން ކުރާނީ ޝާހީ ސްޓައިލްގެ ކައިވެންޏެއް ކަމަށެވެ. ކައިވެނީގެ ކުރިން އޮންނަ ޕްރިޔަންކާ ބްރައިޑަލް ޝަވާ މި މަހު ނިއު ޔޯކުގައި ބާއްވާނެ ކަމަށްވެ އެވެ.
އެ ގަނޑުވަރުގައި ކައިވެނި ކުރަން އެ ދެމީހުން ނިންމީ ދާދިފަހުން ޖޯދުޕޫރްއަށް ދިއުމަށް ފަހުގައި ކަމަށްވެ އެވެ. އަދި ކައިވެންޏަށް ދައުވަތު ދޭނީ 200 މީހުންނަށް ކަމަށާއި، އެއީ ހަމައެކަނި އެ ދެމީހުންގެ އާއިލާގެ މެމްބަރުންނާއި ރައްޓެހިންނަށް އެކަންޏެވެ.
ޕްރިޔަންކާ އާއި ނިކްގެ އެންގޭޖުމަންޓް ހަފްލާ ބޭއްވީ މުމްބާއީގައި ހުންނަ ޕްރިޔަންކާގެ ގޭގައި އެވެ. އެންގޭޖުމަންޓަށްފަހު އެ ދެމީހުންގެ އާއިލާ އާއި ގާތް ރަހުމަތްތެރިންނާއެކު ފައިވް ސްޓާ ހޮޓަލެއްގައި ވަނީ އެންގޭޖްމަންޓް ޕާޓީއެއް ވެސް ބާއްވާފަ އެވެ. އެ ހަފްލާގައި މަޝްހޫރު ގިނަ ތަރިންތަކެއް ވެސް ބައިވެރިވި އެވެ.