ދުނިޔެ

ނޫސްވެރިޔާ މަރާލިކަމުގެ ހެކި: އެޕަލް ވޮޗްގެ ރެކޯޑިންއެއް

ތުރުކީގެ، އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަތް ފަހުން، ގެއްލުނު ނޫސްވެރިޔާ ޖަމާލް ޚަޝޫގީ އެ ކޮންސިއުލޭޓްގެ ތެރޭގައި މަރާލިކަން ހާމަވާ އޯޑިއޯ ފައިލް އެއް އެ މައްސަލަ ތަހުގީގުކުރާ އޮފިޝަލުންނަށް ލިބިފައިވާ ކަމަށް ތުރުކީގެ ނޫހަކުން ބުނެފިއެވެ.

ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި މަރާލާފައިވާ ކަމަށް ދައްކާ ވާހަކަ ސައުދީ ސަރުކާރުން އަންނަނީ ތަކުރާރުކޮށް ދޮގުކުރަމުންނެވެ. ތުުރުކީ ސަރުކާރާ ގުޅުން އޮންނަ ނޫހެއް ކަމަށްވާ ޑެއިލީ ސަބާހް ނޫހުން ހޮނިހިރުދުވަހު ބުނީ ޚަޝޫގީ މި އޮކްޓޯބަރުމަހުގެ ދެވަނަ ދުވަހު ސައުދީ ކޮންސިއުލޭޓަށް ވަނުމުގެ ކުރިންް އޭނާ ވަނީ އޭނާގެ އަތުކުރީގައި އޮތް އެޕަލް ގަޑީގައިވާ ރެކޯޑަރު އޮން ކޮށްފައެވެ. އަދި ބުނީ އޭނާއާ ސުވާލުކޮށް އަނިޔާކޮށް މަރައިލި އިރުގެ ހުރިހާ އަޑުތަކެއް އެ ގަޑިއަށް ރެކޯޑްވެ، އޭނާގެ ފޯނަށާއި އައި ކްލައުޑަށް އޯޑިއޯ ފައިލް ގޮސްފައިވާ ކަމަށެވެ. އަދި ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަ ސަލާމަތީ ބާރުތަކަށް ޚަޝޫގީގެ ފޯނު ލިބިފައިވާ ކަމަށާއި އެފޯނު އޮތީ އޭނާ ކައިވެނިކުރަން އުޅުނު އަންހެންމީހާގެ އަތުގައި ކަަމަށެވެ.

ޑެއިލީ ސަބާހްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކަޝޫގީއަށް އަނިޔާކޮށް މަރައިލިމީހުންނަށް އޭނާގެ އަތުގައި އެ ގަޑި އޮތްކަން ފާހަގަވެގެން އެގަޑި ހުޅުވައިގެން އޭގައިވާ ބައެއް ފައިލްތައް ވަނީ ޑިލީޓްކޮށްފައެވެ. އެމީހުން ޚަޝޫގީގެ ގަޑި ހުޅުވީ އޭނާގެ ފިންގަޕްރިންޓް ބޭނުންކޮށްގެން ކަމަށް އެނޫހުގައި ބުނެފައި ވިޔަސް ބައިނަލް އަގުވާމީ ނޫސްތަކުން ފާހަގަކޮށްފައިވާ ގޮތުގައި އެޕަލް ގަޑި އަކީ ފިންގަޕްރިންޓް ބޭނުންކޮށްގެން ހުޅުވޭނެ އެއްޗެއް ކަމަށް އެޕަލްގެ ވެބްސައިޓްގައި ބުނެފައެއް ނުވެއެވެ. އަދި ޚަޝޫގީގެ ގަޑިއަށް ރެކޯޑްވެފައިވާ އަޑުތައް ވަގުތުންް އޭނާގެ ފޯނަށް ފޮނުވުމަކީ އެގަޑި ބޭނުންކޮށްގެން ކުރެވިދާނެ ކަމެއްތޯވެސް ނޫސްތަކުން ވަަނީ ސުވާލުއުފައްދާފައެވެ.

ޑެއިލީ ސަބާހްގެ ރިޕޯޓާ ބެހޭ ގޮތުން ސީއެން އެން އިން ބުުނެފައި ވަނީ އެ ރިޕޯޓްގައި ބުނެފައިވާ ގޮތަށް ޚަޝޫގީގެ ގަޑިން އޭނާގެ ފޯނަށް ވޮއިސް ރެކޯޑިންތައް ފޮނުވިފައި ވުމަކީ ނާދިރު ކަމެއް ކަމަށެވެ. އެ އެޖެންސީގެ ސެކިއުރިޓީ އެނަލިސްޓް ރޮބަޓް ބާޔާއާ ހަވާލާދީ ބުނެފައި ވަނީ ސައުދީ ކޮންސިއުލޭޓްގައި ހިނގާ ކަންތައްތަކުގެ އަޑުތައް ރެކޯޑްކުރެވޭނެ ގޮތެއް ތުރުކީ ސަރުކާރުން ހަދާފައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ޚަޝޫގީ މަރައިލި ކަމަށް ބުނާ ހާދިސާގެ މައުލޫމާތު ތުރުކީ އޮފިޝަލުންނަށް ލިބުނީ އެގޮތުން ކަމަށް ވެދާނެ ކަމަށް ވެސް އެ އެޖެންސީން ވަނީ ފާހަގަކޮށްފައެވެ.

ޚަޝޫގީ ގެއްލުނު ހާދިސާއާ ގުޅިގެންް އެމެރިކާއާއި އިނގިރޭސިވިލާތުންވެސް ވަނީ ނުރުހުން ފާޅުކޮށް ސައުދީ ސަރުކާރަށް ސުވާލުތައް ކުރިމަތިކޮށްފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެގައި ވިދާޅުވެފައި ވަނީ ސައުދީއަށް އަދަބުދިނުމުގެ ގޮތުން އެގައުމަށް ހަތިޔާރު ވިއްކުން ހުއްޓާލައިފި ނަމަ އަސްލުގައި އަދަބު ލިބޭނީ އެމެރިކާއަށް ކަމަށެވެ. ޓްރަމްޕް ވެރިކަަމަށް ވަޑައިގެންނެވި ފަހުން ސައުދީއާއި އެމެރިކާގެ ގުޅުން ވަނީ ކުރިއަށް ވުރެ ބޮޑަށް ބަަދަހިވެފައެވެ.