އޭއެސް މޮނަކޯގެ ކޯޗް ކަމަށް، ފްރާންސްގެ ކުރިގެ ތަރި ތިއަރީ އޮންރީ ހަމަޖެއްސުމުން، އާސެނަލްގައި އޮންރީއަށް އިރުޝާދު ދިން، އާސެން ވެންގާގެ ތާއީދު އޮންރީއަށް އޮތްކަން ހާމަ ކޮށްފި އެވެ.
މޮނަކޯގެ ކޯޗު ކަމުގައި ހުރި ޕޯޗުގަލްގެ ލިއަނާޑޯ ޖާޑިމް އާއެކު މި ސީޒަންގައި ހޯދަމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން، ދެފަރާތް އެއްބަސްވެ ޖާޑިމް ވަނީ މިދިޔަ ބުރާސްފަތި ދުވަހު މޮނަކޯގެ ކޯޗުކަން ދޫކޮށްލާފަ އެވެ. މި ސީޒަންގައި އޭނާއަށް ނާކާމިޔާބު ކުރިމަތިވި ނަމަވެސް އޭނާ ވަނީ އެ ޓީމަށް ކާމިޔާބު ހޯދައިދީފަ އެވެ.
މިހާރު ޕީއެސްޖީއަށް ކުޅެމުންގެންދާ ކިލިޔަން އެމްބާޕޭ މޮނަކޯގެ ސީނިއާ ޓީމަށް ގެނެސް އޭނާގެ ޑިވްލަޕްމެންޓްގައި ޖާޑިމް ވަނީ ބޮޑު ހިއްސާއެއް ވެފަ އެވެ. އަދި 2016/2017 ގައި ފްރާންސް ލީގް އެ ޓީމަށް ކާމިޔާބު ކޮށްދީ ޗެމްޕިއަންސް ލީގް ސެމީ ފައިނަލަށް އެ ޓީމު ގެންގޮސް ދިނެވެ.
ކުޅުންތެރިޔެއްގެ ގޮތުގައި އޮންރީގެ ކެރިއަރު އޭނާ ފެށީ މޮނަކޯ އިންނެވެ. އޭނާ ވަނީ އެ ޓީމަށް 141 މެޗު ކުޅެފަ އެވެ. މޮނަކޯއަށް ކުރިން ކޯޗު ކޮށްދިން ވެންގާ ބުނީ، މޮނަކޯއާއެކު އޮންރީ ކާމިޔާބު ހޯދާނެ ކަމަށެވެ.
"މޮނަކޯގެ އިހްތިޔާރު ވަރަށް ރަނގަޅު، އޭނާގެ ކިބައިގައި ގާބިލުކަން އެބަހުރި،" ޔުވެންޓަސްގެ ކޮންޓްރެކްޓުގައި ހުއްޓައި ޖަނަވަރީ 1999 ގައި އާސެނަލްއަށް އޭނާ ސޮއި ކުރުވި އޮންރީއަށް ތައުރީފު ކުރަމުން ވެންގާ ބުންޏެވެ. "އޭނާ އަކީ ވަރަށް ތޫނުފިލި ކުއްޖެއް، އަދި އޭނާއަށް ފުޓްބޯޅަ ވަރަށް ރަނގަޅަށް އޮޅުން ފިލާނެ."
"އެންމެ މަތީ ލެވަލްގައި ކުޅުނު އެހެން ކުޅުންތެރިންނެކޭ އެއްފަދައިން ފުޓްބޯޅައިގެ ހުރިހާ ރަހައެއް އޭނާގެ ކިބައިގައި ހުންނާނެ، އެހެންނަމަވެސް ރަނގަޅު އެޓިޓިޔުޑެއް ބޭނުންވާނެ އަދި ނަސީބުވެސް ވަރަށް މުހިންމު."
މޮނަކޯގެ ކޯޗު ކަމަށް އޮންރީ ހަމަޖެއްސުމުގެ ކުރިން، އިނގިރޭސި ޗެމްޕިއަންޝިޕްގެ ޕޯޓްސްމައުތުގެ ކޯޗު ކަމަށް އޭނާ ހަމައްޖައްސަން އެކުލަބުން ވާހަކަ ދެއްކި އެވެ.
އޮންރީ ބުނީ، މޮނަކޯއިން އެ ޓީމުގެ ކޯޗަކަށް އޭނާ އިހުތިޔާރު ކުރުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.
"އެނބުރި މޮނަކޯއަށް އާދެވުމަކީ އަހަންނަށް ލިބު ވަރަށް ބޮޑު ފަހުރެއް، އަހަންނަށް އޮތް ޗެލެންޖު ފުރިހަމަ ކުރުމަށް އަހަރެން ބުރަކޮށް މަސައްކަތް ކުރާނަން،" އޮންރީ ވާހަކަ ދެއްކި އެވެ. "ކުޅުންތެރިންނާ ބައްދަލުކޮށް މަސައްކަތް ކުރުމަށް އަހަރެން މިހުރީ ވަރަށް ކެތް މަދުވެފައި."
މޮނަކޯގައި އޮންރީގެ ފުރަތަމަ މެޗު އޮންނާނީ މިމަހު 20 ދުވަހު އެވެ. ސްޓުރަސްބާގް އާ ދެކޮޅަށް މޮނަކޯ ކުޅޭ މެޗު ވެގެންދާނީ ހެޑް ކޯޗެއްގެ ގޮތުގައި އޭނާ ކުރިމަތިލާ ފުރަތަމަ މެޗެވެ. މިދިޔަ ދެ އަހަރު އޭނާ މަސައްކަތް ކުރީ ރޮބާޓޯ މާޓިނޭޒްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ބެލްޖިއަމްގެ ގައުމީ ޓީމުގަ އެވެ. މި އަހަރުގެ ވޯލްޑްކަޕުގެ ތިން ވަނަ ބެލްޖިއަމްއަށް ހޯދައިދިނުމަށް އޭނާ ވަނީ މާޓިނޭޒް އަށް އެހީތެރިވެ ދީފަ އެވެ.