ދުނިޔެ

އިޒްރޭލުގެ އާންމުން ފަލަސްތީނުގެ އަންހެނަކު މަރާލައިފި

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ގަވައިދާ ހިލާފަށް ހަދާފައިވާ ޔަހޫދީ އާބާދީއެއްގެ ކައިރިން ކާރެއްގައި ދަތުރުކުރި ފަލަސްތީނު އަންހެނަކަށް އިޒްރޭލުގެ އާއްމުން ދިން ހަމަލާއެއްްގައި އޭނާ މަރުވެއްޖެއެވެ.

އަލްޖަޒީރާ ބުނީ ހުކުރު ދުވަހު ހިނގި އެހާދިސާގައި އާއިޝާ އަލް ރަވްބީ ނަމަކަށް ކިޔާ އުމުރުން 47 އަހަރުުގެ އަންހެންމީހާ މަރުވީ އޭނާ ދަތުރުކުރި ކާރަށް އިޒްރޭލގެ އާއްމުންގެ ބަޔަކު ގާއުކުމުގެ ސަބަބުން ކަމަށެވެ. ފަލަސްތީނުގެ އަލް ވަފާ ނޫހުން ބުނީ އާއިޝާ މަރުވީ އިޒްރޭލުގެ އާއްމުންގެ ބަޔަކު ގާއުކުމުގެ ސަބަބުން އޭނާގެ ބޮލަށް ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް ކަމަށެެވެ. ހުޅަނގު އައްސޭރީގެ އަލް ބިޟުޔާ ނަމަކަށް ކިޔާ އަވަށުގައި އާއިޝާގެ ޖަނާޒާ ހޮނިހިރު ދުވަހު ބޭއްވި އިރު އެ ޖަނާޒާގައި އެތައް ހާސްމީހުންނެއް ބައިވެރިވިއެވެ.

އާއިޝާ ޒަހަމްވީ އިރު އޭނާއާ އެކު ކާރުގައި އިނީ އޭނާގެ ފިރިމީހާ އައިކޫބް އަލް ރަވްބީއެވެ. އޭނާ ނޫސްތަކަށް ބުނެފައިވާ ގޮތުގައި އެ މީހުން ދަތުރުކުރި ކާރަށް ގާއުކީ ހުޅަނގު އައްސޭރީގެ ނާބުލުސްގެ ކައިރީގައި ހަދާގައިވާ ޔަހޫދީ އާބާދީއެއްގެ ކައިރިން ދަތުރުުކުރަނިކޮށް ކަމަށެވެ. ގާއުކި މީހުން ވާހަކަ ދައްކާ އަޑު އިވުނީ ހިބްރޫ ބަހުން ކަމަށާއި އެހެން ނަމަވެސް އެމީހުން ނުފެންނަ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

ފަލަސްތީނުގެ ރައީސް މަހުބޫދު އައްބާސް ވިދާޅުވީ އިޒްރޭލުގެ ވަޒަންވެރިން ހިންގި ލާއިންސާނީ އެ ޖަރީމާއަށް އަދަބު ނުލިބި ނުދާނެ ކަމަށެވެ. ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ބުނީ އާއިޝާ އަލް ރަވްބީގެ މަރުގެ ޒިންމާ އިޒްރޭލު ސަރުކާރުން އުފުލަން ޖެހޭނެ ކަމަށެެވެ. ފަލަސްތީނު މީހުން ހިމާޔަތްކުރުމަށް ބައިނަލް އަގުވާމީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް އަވަސްކުރުމަަށް ވެސް ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ވަނީ ގޮވާލާފައެވެ.