އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ބޮން އެޅުމުގެ ސަބަބުން ފަލަސްތީނު މީހަކު މަރުވެ ތިން މީހުން ޒަހަމްވެއްޖެއެވެ.
ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އަލްޖަޒީރާ ބުނީ ނާޖީ އަހުމަދު އަލް ޒަނީން ނަމަކަށް ކިޔާ އުމުރުން 25 އަހަރުގެ ފަލަސްތީނު މީހާ މަރުވީ ރޭ ފަތިހު އިޒްރޭލުން ޣައްޒާގެ އުތުރު ސަރަހައްދަށް ދިން ހަމަލާއެއްގައެވެ. އިޒްރޭލުން ބުނީ ޣައްޒާއަށް ހަމަލާދިނީ އެރަށުން ދިން ރޮކެޓް ހަމަލާއެއް ބީރުޝޭބާ ނަމަކަށް ކިޔާ ރަށުގައި ހުރި ގެއަކަށް އެރުމުން އެހަމަލާއަށް ރައްދުދިނުމުގެ ގޮތުން ކަމަށެވެ.
އިޒްރޭލާއި މިސްރުން ހިސާރުކޮށްފައިވާ ޣައްޒާއިން އިޒްރޭލަށް ރޮކެޓް ހަމަލާއެއް ދީފައި މިވަނީ އެފަދަ ހަމަލާއެއް ނުދޭތާ މަސްތަކެއްވުމަށް ފަހުގައެވެ. އަދި މިއީ ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތާ އިޒްރޭލާ ދެމެދު ކުރިއްސުރެ އޮންނަ ދެކޮޅުވެރިކަން އިތުރަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ޣައްޒާއިން ފޮނުވައިލި އެހެން ރޮކެޓެއް އިޒްރޭލުގެ ތެލްއަވީވްގެ ކައިރިން ކަނޑަށް ވެއްޓުނުކަމުގެ ހަބަރުވެސް ވަނީ ފެތުރިފައެވެ.
އިޒްރޭލު ސިފައިން މިދިޔަ ހުކުރު ދުވަަހުވެސް ވަނީ ފަލަސްތީނުގެ ހަތް މީހަކު މަރާލާފައެވެ. އޭގެ ތެރޭގައި ފުރާވަރުގެ އުމުރުގެ ދެ ކުދިންވެސް ހިމެނެއެެވެ. އެމީހުން މަރުވީ އިޒްރޭލުގެ ސަރަހައްދުކަމަށް ކަނޑައަޅައިގެން އުޅޭ ސަރަހައްދާ ޣައްޒާ ވަކިކުރާ ރޮނގުގައި ޖަހާފައިވާ ފެންސްގެ ކައިރީގައި ފަލަސްތީނުމީހުން ކުރި މުޒާހަރާއެއްގެ ތެރެއަށް އިޒްރޭލުން ދިން ހަމަލާއެއްގައެވެ. އޭގެ ފަހުން އިޒްރޭލު ސަރުކާރުން ވަނީ ހަމާސް ޖަމާއަތަށް ވަރުގަދަ ހަމަލާއެއް ދޭންވީ ވަގުތު ޖެހިއްޖެ ކަމަށް ބުނެ އިންޒާރެއްދީފައެވެ.