ހަބަރު

ޔާމީން ހުރީ ބޮޑުތަނުން ބަލިވެފައި، އުޅެނީ ގޮތްދޫ ނުކުރަން: ދުންޔާ

ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ހުންނެވީ ބޮޑުތަނުން ބަލިވެފައިކަމަށާއި، އެހެން ނަމަވެސް ފެންނަމުންދަނީ ބަލި ގަބޫލު ކުރަން ބޭނުން ނުވާ މަންޒަރުކަމަށް ރައީސް ޔާމިނަށް ބޮޑުބޭބޭ ވިދާޅުވާ ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫންގެ ފަރާތްޕުޅުން އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ "ވޯލްޑް އިޒް ވަން ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަަމަ ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި، ދުންޔާ މައުމޫން ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް ތަރައްގީ ގެނެސްދިން ކަމުގައިވީނަމަވެސް، ރައްޔިތުން ދިރިއުޅެމުން ގެންދިޔައީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.

ސިޔާސީ ގޮތުން ގިނަ ބަޔަކު ރައީސް ޔާމީން ހައްޔަރުކުރި ކަމަށާއި، ކޯޓުތަށް ބޭނުންކޮށްގެން ގިނަ ބަޔަކަށް އެކި ތުހުމަތުތަށް ކޮށް، ޖަލަށްލައި، ހުކުމްކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ދުންޔާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމާއި، ކޮށްކޯފުޅު ދިއްގަރު ދާއިރާާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި، ދުންޔާގެ ޅިޔަނު މުހައްމަދު ނަދީމްގެ އިތުރުންވެސް ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން ހިމެނޭ ކަމަށް އެކަމަނާ ފާހަގަ ކުރެއްވި އެވެ.

ރައީސް މައުމޫން ޖަލުގައި ހުންނަވަން ޖެހުމުން އެމަނިކުފާނަށާއި، މަންމާފުޅު ނަސްރީނާ އިބްރާހިމާއި، އާއިލައަށް ވަރަށް ބޮޑު ހިތާމައެއް ކުރިމަތިވިކަމަށެވެ. އަދި އެފަދަ ކަންކަމަކީ ދިވެހިން ބަލައިނުގަންނާނެ ކަންތައްތަކެއްކަން ވޯޓުން ދިވެހި ރައްޔިތުން ސާބިތުކޮށްދިން ދިނުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ދުންޔާ ވަނީ ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުން ތަންފީޒު ކުރެވެން ޖެހޭ ކަމަށާއި، އިލެކްޝަންސް ކޮމިޝަނާއި، ހުރިހާ އިދާރާއަކުންވެސް އެނިންމުން ބަލައިގަނެފައިވާކަން ދުންޔާ ފާހަގަ ކުރެއްވި އެވެ. ރައީސް ޔާމީން ބަލިވެފައިވަނީ ވަރަށް ބޮޑު ތަފާތަކުން ކަމަށާއި، އެކަމުގައި ބަހުސްކުރެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށްވެސް ދުންޔާ ވަނީ ވިދާޅުވެފަ އެވެ. އަދި ރައީސް ޔާމީން ބަލި ގަބޫލު ނުކުރައްވައި، ކޯޓަށް ވަޑައިގެންފައިވާ ކަމަށާއި، އެހެން ނަމަވެސް ކޯޓުތަކުން ރައްޔިތުންގެ ނިންމުން ދަމަހައްޓާނެ ކަމަށް އުމްމީދު ކުރައްވާ ކަމަށްވެސް ދުންޔާ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ދުންޔާ ވިދާޅުވީ، އާ ސަރުކާރާއެކު، ދިވެހި ރާއްޖެއާއި، އިންޑިއާއާއި އޮތް ގުޅުން ރަނގަޅު ކުރެވިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ވެސް ވެރިކަމާއި ހަވާލުވެވަޑައިގެން ރާއްޖެއާއި އިންޑިއާއާއި ދެމެދު ކުރިން އޮތް ފަދަ އެކުވެރި، އިތުބާރު ކުރެވޭ ގާތް ގުޅުމެއް ބާއްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށްވެސް ދުންޔާ ވަނީ ވިދާޅުވެފަ އެވެ.