ހަބަރު

މޯދީ ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެކަމުގެ އުންމީދު އާވެއްޖެ

Oct 14, 2015

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޝުޝްމާ ސުވަރާޖްގެ ދަތުރުފުޅަށް ފަހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ވަރަށް އަވަހަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށް ސަރުކާރުގެ އިސް އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ބުނެފި އެވެ.

އިންޑިއާގެ ނޫސްތަކުން އެ ގައުމުގެ އެކްސްޓާނަލް މިނިސްޓްރީގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައި ވަނީ ޝުޝްމާގެ ދަތުރުފުޅުގެ ސަބަބުން މޯދީ ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމުގެ ފުރުސަތު ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އަދި އެފަދަ ދަތުރުފުޅަކަށް ވަރަށް ބޮޑަށް މަގުފަހިވެގެން ގޮސްފި ކަމަށް ވެސް އިންޑިއާގެ އޮފިޝަލުން ވަނީ އެ ގައުމުގެ ނޫސްތަކުގައި ވިދާޅުވެފަ އެވެ.

ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް އެ ގައުމުގެ ނޫސްތަކުގައި ވިދާޅުވެފައި ވަނީ ޝުޝްމާގެ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމެއް ބުރޫނާރާނެ ކަން ހާމަކޮށްދޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އިންޑިއާގެ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިވާނެ ގިނަ ކަންތައްތަކަކަށް އެއްބަސްވެފައިވާ އިރު، މިއީ މޯދީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ރަނގަޅު މާހައުލެއް އުފެދުނު ކަމެއް ކަމަށް ވެސް ދުންޔާ ވަނީ ވިދާޅުވެފަ އެވެ.

"އޭރުގައި މޯދީއަށް މާ ރަނގަޅު ދަނޑިވަޅަކަށް ނުވި އެފަދަ ދަތުރުފުޅެއް ކުރައްވަން. އެހެން ނަމަވެސް މިހާރު މި އޮތް އުންމީދަކީ އެމަނިކުފާނު ވަރަށް އަވަހަށް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނޭ،" ދުންޔާ ވިދާޅުވި އެވެ.

މޯދީ މިދިޔަ ޖޫން މަހު ރާއްޖެއަށް ކުރައްވަން އޮތް ދަތުރުުފުޅު ކެންސަލް ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޖަލު ހުކުމެއް އިއްވުމާ ގުޅިގެން ރާއްޖޭގެ ސިޔާސީ މައިދާން ހަލަބޮލިވުމާ ގުޅިގެންނެވެ. މޯދީ ވަނީ ސަރަހައްދީ ގިނަ ގައުމުތަކަށް މިހާރު ޒިޔާރަތް ކުރައްވައިފަ އެވެ. މިފަހަކަށް އައިސް އިންޑިއާ އިން ރާއްޖެއާ ދެކޮޅަށް ހަރުކަށި ބަޔާންތައް ވެސް ނެރުން ވަނީ ހުއްޓާލައިފަ އެވެ. އަދި ރާއްޖެއާ އެކު ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކޮށް ގުޅިގެން މަސައްކަތް ކުރުމަށް އިންޑިއާ އިން ވަނީ ފަށައިފަ އެވެ.

އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ ދަރުތުފުޅުގައި ގިނަ ދާއިރާތަކަކުން ގުޅުން ބަދަހި ކުރަން ވަނީ އެއްބަސްވެފަ އެވެ. މީގެ އިތުރުން އައިހެވަން މަޝްރޫ އާއި ޔޫތް ސިޓީގެ މަޝްރޫއުތަކަށް އިންޑިއާގެ އިންވެސްޓަރުންނަށް ވަނީ ދައުވަތު ދީފަ އެވެ.