ދުނިޔެ

ސައުދީގެ އިންޒާރު: ފިޔަވަޅު އަޅައިފި ނަމަ ބަދަލު ހިފާނަން

ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަނުމަށް ފަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝުގްޖީގެ މައްސަލައާ ގުޅުވައިގެން ސައުދީއަރަބިއްޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި ނަމަ އެކަމުގެ ބަދަލު ހިފާނެ ކަމަށް އެގައުމުން ބުނެފިއެވެ.

ފަހަކަށް އައިސް އެމެރިކާގައި ދިރިއުޅެމުން އައި އަދި ސައުދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ޖަމާލް ޚަޝުގްޖީއަށް ވީނުވީއެއް ނޭނގި ގެއްލުނީ އިސްތަންބޫލްގައި ހުންނަ ސައުދީ އެމްބަސީއަށް މި އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ވަނުމަށް ފަހުގައެވެ. ތުުރުކީން ގަބޫލުކުރަނީ ކޮންސިއުލޭޓްގެ ތެރޭގައި ޚަޝުގްޖީ މަރާލާފައިވާ ކަމަށެވެ. ނަމަވެސް ސައުދީ ސަރުކާރުން އެ ތުހުމަތު ދޮގުކުރެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވިދާޅުވެފައި ވަނީ ކޮންސިއުލޭޓްގެ ތެރޭގައި ޚަޝުގްޖީ މަރާލިކަން ސާބިތުވެއްޖެ ނަމަ ސައުދީ ސަރުކާރަށް ހަރުކަށި އަދަބެއް ދެއްވާނެ ކަމަށެވެ. ނަަމަވެސް އަދަބެއްގެ ގޮތުން ސައުދީއަށް ހަތިޔާރު ވިއްކުން މަނާކޮށްފި ނަމަ އެެމެރިކާއަށް އެ އަދަބު ދެވެނީ އަމިއްލަ ނަފުސަށް ކަމަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސައުދީ ސަރުކާރުގެ ސައުދީ ޕްރެސް އެޖެންސީ ( އެސްޕީއޭ) އިން އެގައުމުގެ ނަން ހާމަ ނުކުރާ އޮފިޝަލަކާ ހަވާލާދީ އާދީއްތަ ދުވަހު ބުނީ ދޮގު ތުހުމަތު ތަކެއްގެ މައްޗަށް ބިނާކޮށް އަޅާ އެއްވެސް ފިޔަވަޅެއް އެގައުމުން ބަލައި ނުގަންނާނެ ކަަމަށެވެ. އަދި އެފަދަ ކޮންމެ ފިޔަވަޅެއްގެ ބަދަލުގައި އެގައުމުން އެެއަށް ވުރެ ވަރުގަދަ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް އޮފިޝަލާ ހަވާލާދީ އެ އެޖެންސީން ބުންޏެވެ.

"ފިޔަވަޅެއް އަޅައިފި ނަމަ އޭގެ ރައްދުގައި އެެއަށް ވުރެ ވަރުގަދަ ފިޔަވަޅެއް އަޅާނެކަމުގެ ޔަގީންކަން ވެސް ރަސްކަމުގެ ފަރާތުން ދެން. އަދި ރަސްކަމުގެ ( ސައުދީގެ)ގެ އިގުތިސާދަކީ ދުނިޔޭގެ އިގުތިސާދުގައި ނުފޫޒު ގަދަ އަދި މުހިއްމު ދައުރެއް އަދާކުރާ އިގުތިސާދެއް،" ސައުދީ ސަރުކާރުގެ ނަން ހާމަ ނުކުރާ އޮފިޝަލު ވިދާޅުވި ކަމަށް އެސްޕީއޭގެ ރިޕޯޓުގައި ވެއެވެ.