ހަބަރު

ޕީޕީއެމްއާ އިދިކޮޅު ޕާޓީތަކުން މިއަދު ވެސް ސުޕްރީމް ކޯޓު ދޮށުގައި!

Oct 15, 2018

ރިޔާސީ އިންތިހާބު ބާތިލު ކުރަން ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑު އެހުން ކުރިޔަށްދާތީ، ޕީޕީއެމް އާއި އިދިކޮޅު ޕާޓީތަކަށް ތާއީދު ކުރާ ފަރާތްތަކުން މިއަދު ވެސް ސުޕްރީމް ކޯޓު ކައިރިޔަށް
އެއްވެއްޖެ އެވެ.

ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ރައީސް ޔާމީން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގައި އިއްޔެ ބޭއްވި ފުރަތަމަ އަޑު އެހުން ކުރިޔަށް ދިޔަ ވަގުތު ގިނަ އަދަދަކަށް ޕީޕީއެމް އާއި އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން ވަނީ ސުޕްރީމް ކޯޓު ކައިރިޔަށް އެއްވެ އިހުތިޖާޖުކޮށްފަ އެވެ. ނަމަވެސް ފުލުހުންނާއި ސިފައިން ވަނީ އެ މީހުން ފަހަތަށް ޖައްސާ އެ
ސަރަހައްދު ހުސްކޮށްފަ އެވެ.

އިންތިހާބުގެ މައްސަލާގައި މިއަދު ދެވަނަ އަޑު އެހުން 10:30 އަކަށް ތާވަަލުކޮށްފައިވާ އިރު، ސުޕްރީމް ކޯޓު ސަރަހައްދަށް ޕީޕީއެމް އާއި އިދިކޮޅު ސަޕޯޓަރުން ވަނީ ގޮސްފަ އެވެ. ނަމަވެސް ފުލުހުން ވަނީ ވަކި ހިސާބަކަށް އެ މީހުން ބައިތިއްބާފަ އެވެ. އަދި ދެ ފަރާތުގައި ސަޕޯޓަރުން ތިބެ އަންނަނީ ޝުއޫރު ފާޅު ކުރަމުންނެވެ.

އިންތިހާބުން ނާކާމިޔާބުވެވަޑައިގަތުމާއެކު އެކަން ގަބޫލު ކުރެއްވުމަށް ފަހު އެ ވިސްނުން ބަދަލު ކުރައްވައި، ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެދިވަޑައިގެންފައިވަނީ ރިޔާސީ އިންތިހާބުގައި ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ސުޕްރީމް ކޯޓުގެ ގައިޑްލައިންއާ ހިލާފަށް ހިންގާފައިވާ ކަންކަން ފުލުހުންނާއި ސިފައިން މެދުވެރިކޮށް ތަހުގީގުކޮށްދީ، އެ އިންތިހާބަކީ ޝަހުސިއްޔަތު ގެއްލިފައިވާ ބާތިލްވެފައިވާ އިންތިހާބެއް ކަމަށް ކަނޑައަޅައި އިންތިހާބު އަލުން ބޭއްވުމުގެ އަމުރެއް އިލެކްޝަން ކޮމިޝަންގެ މައްޗަށް ނެރެދިނުމަށެވެ.