ކުޅިވަރު

މަގާމުގައި ހުންނަން ކެތްނުވީ، ވީއޭއެމް އޮތީ ބޮއްސުންލާފައި

ވޮލީބޯޅަ އެސޯސިއޭޝަންގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދިނީ، ފެންނަމުން ދިޔަ މަންޒަރުތަކުން މަގާމުގައި ހުންނަން ހިތަށް ކެތް ނުވުމުން ކަމަށާއި ވިއޭއެމްގެ ހާލަތު އޮތީ ބޮއްސުންލާފައި ކަމަށް ވީއޭއެމްގެ ކުރީގެ ނައީބު ރައީސް މުހައްމަދު ރަނޭޝް 'ރަނޭ' ބުނެފި އެވެ.

އޭނާގެ އިސްތިއުފާ އާ ބެހޭގޮތުން 'އަވަސް' އާ ވާހަކަ ދައްކަމުން ކުރީގެ ގައުމީ ކެޕްޓަން ބުނީ، ވީއޭއެމް އަކީ ހަމައެކަނި މުބާރާތްތައް ބާއްވަން އޮތް ތަނަކަށް ވާން އޭނާ ބޭނުން ނުވާ ކަމަށެވެ. އެހެންނަމަވެސް އެސޯސިއޭޝަނުން އެނޫން އެހެން ކަމެއް ނުކުރެވޭ ކަމަށް ކުރީގެ ދައުރުގައި ބީޗްވޮލީބޯޅަ ކޮމިޝަނަރުގެ މަގާމު ފުރި ރަނޭ ބުންޏެވެ. އޭނާ ވަނީ މިއަހަރުގެ މާޗް މަހުން ފެށިގެން ވީއޭއެމްގެ މަސައްކަތްތަކުން ދުރަށް ޖެހިލާފަ އެވެ.

"މުހައްމަދު ލަތީފުގެ އެކްސްކޯގައި އެސޯސިއޭޝަނަށް އަޅުގަނޑުވެސް އައީ ކުރީގެ ދެ ދައުރުގައިވެސް ވޮލީއަށް ރަނގަޅު ބަދަލެއް ނައުމުން ރަނގަޅު ބަދަލުތަކެއް ވޮލީއަށް ގެނައުމުގެ އުންމީދުގައި، އަޅުގަނޑު ގަބޫލު ކުރީ ވޮލީއަށް ބޮޑު ބަދަލެއް އަންނަން ޖެހޭކަމަށް، ލަތީފު އަކީ މި ސަރުކާރުގެ އިސްބޭފުޅުންނާ ގާތް ގުޅުމެއް އޮންނަ ބޭފުޅަކަށް ވުމުން ވޮލީއަށް ތަރައްގީ ގެނައުމުގައި ސަރުކާރުތެރެއިން އެއްބާރުލުން ލިބޭނެ ކަމަށް، އަޅުގަނޑު ގަބޫލު ކުރަނީ ކުޅިވަރެއް ނުހިންގޭނެ ޕޮލިސީ ލެވަލުގައި ބަސްވިކޭ ބޭފުޅަކަށް ނޫނީ، އެހެންވެ ލަތީފުއަށް މިބަދަލު ގެނެވޭނެ ކަމަށް އުންމީދު ކުރިން،" ރަނޭގެ ޝުއޫރުތައް އޭނާ ބަންޑުންކޮށްލި އެވެ.

"އެކަމަކު އެތަނެއް އަޅުގަނޑުމެންނަކަށް ނުފެނުނު، އަޅުގަނޑު އެސޯސިއޭޝަނަށް އައީ ޓެކްނިކަލް ބައިވަރު މަސައްކަތްތަކެއް ކުރުމުގެ އުންމީދުގައި، ޕްލޭންތަކެއްވެސް ހެދިން، ނަމަވެސް އެއިން އެއްވެސް މަސައްކަތެއް ފެށުމަށް އެއްބާރުލުން ލިބިގެން ނުދިޔަ، އެ އެސޯސިއޭޝަނުން ކުރެވޭ ހަމައެކަނި ކަމަކީ މުބާރާތްތައް ބޭއްވުން، އެކަމަކު ވޮލީގެ ޑިވްލަޕްމެންޓަށް އެއްވެސް ކަމެއް ނުކުރެވޭ."

ދެހާސް ސޯޅަ ވަނަ އަހަރު، ބޭއްވި ވީއޭއެމްގެ އިންތިހާބުގައި ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން ލަތީފު ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށަކުން ވޮލީ ކޯޗެއް ތަމްރީން ކުރާނެ ކަމަށެވެ. އަދި ގްރާސް ރޫޓް ޕްރޮގްރާމްވެސް އަލުން ފަށާނެ ކަމަށް ލަތީފު ވިދާޅުވި އެވެ. އިންތިހާބުގެ ކުރިން އަވަސްއަށް ދިން އިންޓަވިއުގައި އޭރު ލަތީފު ވިދާޅުވީ އޭނާގެ ދައުރުގެ ފުރަތަމަ އަހަރު ނިމޭއިރު ކޮންމެ ރަށެއްގައި ވޮލީ ކޯޗެއް ހުންނާނެ ކަމަށެވެ.

ލަތީފު ވެވަޑައިގެންނެވި ބައެއް ވައުދު

  • ވޮލީއަށް ހާއްސަ އިންޑޯ ހޯލެއް ބިނާ ކުރުން
  • ޔޫތު ޑިވްލަޕްމެންޓް ޕްރޮގްރާމް ފެށުން
  • ކޮންމެ ރަށެއްގައި ވޮލީ ކޯޗެއް ތަމްރީން ކުރުން
  • ވޮލީގެ އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުން
  • ގައުމީ ޓީމު ސިލެކްޝަން ވާދަވެރި ކުރުވުން

ސެޕްޓެމްބަރު 2016 ގައި އަވަސް އަށް ދިން އިންޓަވިއުގައި ލަތިފު ވިދާލުވެފައި ވަނީ އޭނާ ބޭނުމީ ވަގުތީ ކާމިޔާބެއް ނޫން ކަމަށާއި ބޭނުމީ ކުރިމަގުގައި ކާމިޔާބު ލިބޭނެ ފަދަ އިންތިޒާމުތަކެއް ހަމަޖެއްސުން ކަމަށެވެ.

"މިހާރު ވޮލީގައި އެންމެ މަތީ ފަންތީގައި ކުޅެން މިތިބީ 12 ކުޅުންތެރިއެއް، ގައުމީ ޓީމް އެކުލަވާލަން ވަރަށް ފަސޭހަ. ބޭނުމީ ދެން ތިބި ކުޅުންތެރިން ވެސް އެފެންވަރަށް ގެނެސް ކުޅުންތެރިންގެ ފެންވަރުގެ ގެޕްކުޑަކޮށް ދެންތިބި ކުޅުންތެރިންނަކީވެސް ގައުމީ ޓީީމަށް ވާދަ ކުރެވޭނެ ފެންވަރުގެ ކުޅުންތެރިން ކަމުގައިވުން، އެކަން ކުރެވޭނީ ވައިޑީޕީ ޕްރޮގްރާމްގެ ތެރެއިން،" ލަތީފު އޭރު ވިދާޅުވެފައިވެ އެވެ.

ރަނޭ ބުނީ، ވީއޭއެމްގެ މިހާރުގެ ލިޑާޝިޕްގައި މިސްމެނޭޖުމެންޓް ބޮޑު ކަމަށެވެ. އަދި އެކްސްކޯއިން ވަކި ގޮތަކަށް ކަންކަން ފާސްކޮށްފައި އޮންނައިރު، އެކްސްކޯއިން ނިންމި ގޮތާ ހިލާފަށް ކަންކަން ކޮށްފައިވާ ކަމުގެ ތުހުމަތު ރަނޭ ވަނީ ކޮށްފަ އެވެ.

"ވޮލީއަކީ ރާއްޖޭގެ ދެ ވަނަ ކުޅިވަރު، އެތައް ބައެއްގެ ޝާމިލުވުން އޮތް ކުޅިވަރެއް، ރައީސް [ލަތީފު]ގެ ވަށައިގެން އުޅޭ ދެތިން މީހުން ބޭނުންވާ ގޮތަކަށް ކަންކަން ކުރީމަ ވޮލީއަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެ،" ރަނޭ ވާހާކަ ދެއްކި އެވެ. "މިހާރު އޮތް އަސާސީ ގަވާއިދަކީ ވަރަށް ފުރިހަމަކޮށް އެކުލަވާލެވިފައި އޮތް އެއްޗެއް، ނަމަވެސް ލީޑާޝިޕްގެ މިސްމެނޭޖުމެންޓް ބޮޑުކަމުން ފެއިލް ވަނީ."

ހިތްހަމަ ނުޖެހި ގިނަ ދުވަސްތަކެއް ވީއިރުވެސް އެކަމާމެދު މިއަދު ވާހަކަ ދައްކަން ޖެހުނު ސަބަބުވެސް ރަނޭ ކިޔައިދިނެވެ. ގައުމީ އެއާލައިން 'މޯލްޑިވިއަން'ގެ ޕައިލަޓެއްގެ ވަޒީފާ އަދާ ކުރަމުން އަންނަ ރަނޭ ބުނީ، ވަޒީފާ ބިރުވެރިކަން ކުރިމަތި ވެދާނެ ކަމަށް އޭނާއަށް ހީވީ ކަމަށެވެ.

"ވީއޭއެމް ހިނގަމުންދާ ކަންކަމާމެދު އަޅުގަނޑު އޭރު ވާހަކަ ދައްކަން ފެށިނަމަ އަޅުގަނޑުގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ހީވީ، އެހެން ނުވާނެއެކޭވެސް ބުނާކަށް ނުވާނެ، ވީއޭއެމްގެ އެހުރި ކަންކަމުގެ ވާހަކަ ދައްކަން ފެށީމަ ބަޔަކު ދެކިދާނެ އެއީ ސިޔާސީ ގޮތުން ކިޔާ ފާޑު ކިޔުން ކަމަށްވެސް، އަދި ލަތީފު އަކީވެސް މޯލްޑިވިއަންގެ އެގްޒެކެޓިވް ބޯޑު މެންބަރެއް، އަޅުގަނޑު ވަޒީފާއަށް ބިރު ހިވެދާނެތީ މިހާހިސާބަށް މަޑުކޮށްގެން ހުރީވެސް،"