ހަބަރު

ގޯތި ފޯމް ބަލައިގަންނަން ފަށާ ދުވަހެއް އަދި ނުނިންމަން: އެޗްޑީސީ

ހުޅުމާލެ ފޭސް ދޭކުން ދޫކުރާ ގޯތިތަކަށް އެދި ފޯމް ހުށަހަޅަން ހުޅުވާލާނެ ދުވަހެއް އަދި ހަމަނުޖެހޭ ކަމަށް އެ މަސައްކަތާ މިހާރު ހަވާލުކުރެވިފައިވާ ހައިސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

މީގެ ކުރިން ހުސިން މިނިސްޓްރީން ބަލަހައްޓަމުން ދިޔަ ގޯތި ދޫކުރުމުގެ މަސައްކަތް އެ މިނިސްޓްރީން މިހާރު ވަނީ އެޗްޑީސީއާ ހަވާލުކޮށްފަ އެވެ.

އެޗްޑީސީގެ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވީ، ގޯތި ދޫކުރުމުގެ މަސައްކަތުގެ އިތުރު އަޕްޑޭޓެއް އަދި ދެވެން ނެތް ކަމަށެވެ. އެ މަސައްކަތް އެޗްޑީސީއާ ހަވާލުކުރި ހިސާބުން، އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ހިސާބާއި، ކުރިއަށްގެންދާނެ ގޮތްތަކާ ގުޅޭގޮތުން އަދިވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އެހެންކަމުން ފޯމް ބަލައިގަތުން އަލުން ފަށާނެ ދުވަހެއް އަދި ކަނޑައެޅިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ، 400 ގޯއްޗާ ގުޅޭ ގޮތުން އެޗްޑީސީއިން އަމަލުކުރާނީ، މިހާތަނަށް ހައުސިން މިނިސްޓްރީއަށް ހުށަހަޅާފައިވާ ފޯމްތައް ހިމެނޭ ގޮތަށް، ހައުސިން އިން މިހާތަނަށް ދޫކޮށްފައިވާ ކިޔޫ ނަންބަރުތަކުގެ ތަރުތީބުން ފޯމް ބަލައިގަތުމާއެކު ފޯމް ހުށަހަޅަން ރައްޔިތުންނަށް އިތުރު މުއްދަތުވެސް ލިބޭގޮތަށް ކަމަށެވެ.

ގޯތި ދޫކުރުމުގެ ކަންކަން އެޗްޑީސީގެ ދަށަށް ބަދަލުކޮށްފައިވަނީ އެ މަޝްރޫއު ހުއްޓުވައިދޭން އެދި އެޗްޑީސީގެ ގިނަ އަދަދެއްގެ މުވައްޒަފުން ސޮއިކޮށް ޕެޓިޝަނެއްވެސް ނެރެފައިވަނިކޮށެވެ.

ހައުސިން މިނިސްޓްރީން ނިންމާފައިވަނީ ހުޅުމާލެ އިން 400،000 ރުފިޔާއަށް 1000 އަކަފޫޓު ގޯއްޗެވެ. 400 މީހުންނަށް ގޯތި ދޫކުރުމަށެވެ. ހައުސިން އިން ބުނީ އެޑްވާންސްކޮށް 25،000 ރުފިޔާ ދެއްކުމަށް ފަހު 10 އަހަރަށް ބަހާލައިގެން ވެސް ގޯތި ނެގޭނެކަމަށެވެ.