ހަބަރު

ބައްޕައަށް ބިރު ދައްކައިގެން ތޮއްޑޫ އިން ކުޑަ ކުއްޖަކު ހައްޔަރުކޮށްފި

ބައްޕައަށް އިންޒާރުދީ ބިރުދެއްކުމުގެ މައްސަލައެއްގައި ތޮއްޑޫއިން 14 އަހަރުގެ ފިރިހެންކުއްޖަކު ހައްޔަރުކޮށްފި އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، ބައްޕައަށް ބިރުދެއްކި މައްސަލައެއްގައި މީގެ ދެ ދުވަސްކުރިން ތޮއްޑޫއިން ކުޑަ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެކުއްޖާ އަދިވެސް ހުރީ ހައްޔަރުގައި ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ މައްސަލާގެ އިތުރު ތަފްސީލު ދީފައެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 14 އަހަރުގެ ފިރިހެން ކުއްޖާ އޭނާގެ ބައްޕައަށް ބިރު ދައްކާފައިވަނީ، ދާދި ފަހުން ރަށުން ހިނގި ވައްކަމުގެ މައްސަލައެއްގައި އެކުއްޖާގެ ޝާމިލުވުން ހިމެނޭތީ އެކަން ފުލުހަށާއި ޖެންޑާއަށް އަންގާނެ ކަމަށް އޭނާގެ ބައްޕަ ބުނުމުންނެވެ. ތޮއްޑޫގެ ކައުންސިލުންނާއި ރަށުގެ ބައެއް މީހުންވެސް ބުނާގޮތުން، ގިނަ ކުށްތަކެއްގައި މީގެ ކުރިން ވެސް ޝާމިލުވެފައިވާ އެ ކުއްޖާ އޭނާގެ ބައްޕައަށް މަރާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް "އަވަސް" އަށް މައުލޫމާތު ދިން ތޮއްޑޫ މީހަކު ބުންޏެވެ.

ބައްޕައަށް ބިރުދައްކައިގެން 14 އަހަރުގެ ކުޑަ ފިރިހެންކުއްޖަކު ހައްޔަރުކޮށްފައިވާއިރު، ކުށްތަކުގައި ކުޑަކުދިން ޝާމިލުވާ މިންވަރު ދަނީ އިތުރުވަމުންނެވެ. މި ފަހުން ހިނގާފައިވާ ބޮޑެތި މާރާމާރީތަކާ ގުޅިގެންވެސް ފުލުހުން ވަނީ 18 ނުފުރޭ ތިން ކުދިން ހައްޔަރުކޮށްފަ އެވެ.