ސުނިލް ޗެތުރީ

ޗެތުރީ އަތުން ކެޕްޓަން ބޭންޑު ނެގުމުން މައްސަލަ ހޫނު ވެއްޖެ

އިންޑިއާގެ ފޯވަޑް ސުނިލް ޗެތުރީ އަތުން ގައުމީ ޓީމު ކެޕްޓަން ބޭންޑު ނެގުމުން ކޯޗު ސްޓެފަން ކޮންސްޓަންޓީން ހޫނު ފެނަށް ވެއްޓިއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ޗައިނާއާ ދެކޮޅަށް އިންޑިއާ ކުޅުނު މެޗުގައި، ޗެތުރީގެ ބަދަލުގައި ކެޕްޓަން ބޭންޑް އެޅީ ކެރަލާ ބްލަސްޓާގެ ކެޕްޓަން ސަންދޭޝް ޖިންގަން އެވެ. ނަމަވެސް ޗެތުރީ ވަނީ މެޗުގައި ފުލުކޮށް ކުޅެފަ އެވެ.

ޗެތުރީ އަތުން ކެޕްޓަން ބޭންޑް ނެގި ސަބަބެއް ކޯޗު ހާމަކޮށްފަ އެއް ނުވެ އެވެ. ޗެތުރީގެ ބަދަލުގައި ކެޕްޓަން ބޭންޑް އެޅި ސަންދޭޝްއަށް ކޮންސްޓަންޓީން މެޗުގެ ކުރިން ވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. އޭނާ ބުނެފައި ވަނީ އިންޑިއާގެ ޓީމުގައި ކުރިމަގުގެ ލީޑަރަކީ ސަންދޭޝް ކަމަށެވެ. އަދި ޓީމު ލީޑް ކުރުން އޭނާއަށް ހައްގުވާ ކަމަށް ކޮންސްޓަންޓީން ބުންޏެވެ.

"އަހަންނަށް ހީވަނީ ކެޕްޓަން ދައްކައި ދޭން ޖެހޭނީ ކޯޗު ހިފަހައްޓާ އެޓިޓިޔުޑު ހެން، ސަންދޭޝް ފުރަތަމަ އަހަންނާއެކު ފުރަތަމަ ކުޅުނީ ހަތަރު އަހަރު ކުރިން، އޭނާ އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިޔެއް އަދި ވަރުގަދަ ލީޑަރެއް، ދަނޑުމަތީގައި ކުޅުންތެރިއެއްގެ ފަރާތުން ފެންނަން ޖެހޭ ހުރިހާކަމެއް ފެނޭ، އެހެން ގިނަ ކުޅުން ތެރިންގެ ފަރާތުންވެސް ދަނޑުމަތީގައި އެކަން ފެނޭ،" މެޗުގެ ކުރިން ސަންދޭޝްއަށް ތައުރީފު ކުރަމުން ކޮންސްޓަންޓީން ބުނެފައިވެ އެވެ.

"އަހަންނަށް ހީވަނީ އޭނާ ވަނީ އިންޑިއާ ޓީމު ކުރިއަށް ދިއުމުގައި މުހިންމު ލީޑަރަކަށް ހެން، މެޗުގެ ބޮޑުކަން އެނގިގެން އަހަރެން ގަބޫލު ކުރަނީ ޓީމު ލީޑްކުރަން އޭނާ އަށް ހައްގު ކަމަށް."

ޓައިމުސް އޮފް އިންޑިއާއިން ބުނީ ޗެތުރީ އާއި ކޮންސްޓަންޓީން އާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ކަމަށެވެ. އެމެޗުގައި އިންޑިއާ ދެއްކި ކުޅުމަށް ސޯޝަލް މީޑިއާގައި ސަޕޯޓަރުންގެ ފަރާތުން ތައުރީފު ލިބުނު އިރު، މެޗަށް ފަހު ފެންމަތިވީ ޗެތުރީ އަތުގައި ކެޕްޓަން ބޭންޑު ނެތުމުން އެކަމުގެ ޝަކުވާ ތަކެވެ.

ޓައިމްސް އޮފް އިންޑިއާއިން ބުނީ، ޗެތުރީ އާއި ބައެއް ސީނިއާ ކުޅުންތެރިންގެ ފަރާތުން ކޮންސްޓަންޓީން ކޯޗު ކަމުން ވަކި ކުރުމަށް އެދި އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަނަށް ހުށަހެޅި ކަމަށެވެ. އެންމެ ގިނަ އިންޓަނޭޝަނަލް ގޯލް ޖެހި ތިން ކުޅުންތެރިންގެ ތެރޭގައި ޗެތުރީ ހިމެނެ އެވެ. އަނެއް ދެ ކުޅުންތެރިންނަކީ ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނަލް މެސީ އެވެ. ޗެތުރީ ވަނީ އިންޑިއާގެ ޓީމަށް 68 ލަނޑު ޖަހައިދީފަ އެވެ. އިންޑިއާގެ އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ފަރާތުން އޯލް އިންޑިއާ ފުޓްބޯޅަ ފެޑްރޭޝަނަށް ހުށަހަޅާފައި ވަނީ ގައުމީ ޓީމަށް އާ ހިޔާލުތަކެއް ގެނައުމަށް އާކޯޗަކު ހަމަޖެއްސުމަށެވެ.

އިންޑިއާގެ ފެޑްރޭޝަންގެ އިތުބާރު ކޯޗަށް

އިންޑިއާގެ ދުވަހު ނޫސް ޑެކަން ކްރޮނިކަލްއިން ބުނީ، ކޯޗު ވަކި ނުކުރަން އިންޑިއާގެ ފެޑްރޭޝަނުން ނިންމާފައިވާކަން އެ ނޫހަށް އެނގިފައިވާ ކަމަށެވެ. އަދި ކޮންސްޓަންޓީން އާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމެންދެން ފެޑެރޭޝަނުން އެކަމަށް އިހުތިރާމު ކުރާނެ ކަމަށް އޮފީޝަލަކާ ހަވާލާދީ އެ ނޫހުން ބުނެފައިވެ އެވެ. ކޮންސްޓަންޓީން އާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރު ޖަަނަވަރީ މަހު ބާއްވާ އޭޝިއަން ކަޕަށް ފަހު އެވެ.

"ހާލަތު އޮތީ މިގޮތަށް، އެ ދެމީހުންގެ ތެރެއިން އެއްވެސް މީހަކަށް ނޯންނާނެ އެކަކު އަނެކަކު ނުހިމަނައި މަސައްކަތް ކުރެވޭކަށް، އޭއައިއެފްއެފުން ބޭނުންމެއް ނުވޭ އޭޝިއަން ކަޕު ނުނިމެނީސް ކޯޗު ބަދަލު ކުރާކަށް، އެއީ އޭގެ ސަބަބުން ޓީމަށް އަސަރުކޯށްފާނެ ތީ، އަނެއް ގޮތަށް ވިސްނާއިރުވެސް ޗެތުރީ ނުހިމަނައި ކޮންސްޓަންޓީން ޓީމު އެކުލަވައެއް ނުލާނެ، ސަބަބަކީ ޓީމުގައި ހިމެނޭ ހުރިހާ ކުޅުންތެރިންވެސް އޭނާ ބަލައިގަނޭ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިޔެއްގެ ގޮތަށް، އަދި ޓީމު ބޭނުންވާ ކޮންމެ ފަހަރެއްގައި ޗެތުރީ ހުންނާނެ."