ވިޔަފާރި

ރާއްޖޭގައި ޔުނިވާސަލް އޭވިއޭޝަންގެ ހިދުމަތް ފަށަނީ

Oct 17, 2018
1

ޕްރައިވެޓް ޖެޓްތަކަށް ހިދުމަތްދޭ ފުރަތަމަ ފޮރިން އިންވެސްޓްމަންޓް ކުންފުނީގެ ގޮތުގައި ޔުނިވާސަލް އޭވިއޭޝަންގެ ހިދުމަތް ނޮވެމްބަރު މަހު ރާއްޖޭގައި ފަށަން ނިންމައިިފި އެވެ.

އެމެރިކާގެ ޔުނިވާސަލް އޭވިއޭޝަންސް އާއި ރާއްޖޭގެ އިނަ މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ފަށާ، މި ހިދުމަތާ ބެހޭ ގޮތުން ޔުނިވާސަލް އޭވިއޭޝަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ގިޔާސް ވިދާޅުވީ މިއީ ރާއްޖޭގައި މިގޮތަށް ފަށާ ފުރަތަމަ ހިދުމަތް ކަމަށެވެ.

"އަޅުގަނޑުމެން ޕްރައިވެޓް ޖެޓްތަކަށް ފުލް ސާވިސް ދޭނަން. ކޭޓަރިން އިން ފެށިގެން ފިއުލިންއާއި ހުރިހާ ހިދުމަތެއް،" އަބްދުﷲ ވިދާޅުވި އެވެ.

ޔުނިވާސަލް އޭވިއޭޝަން މޯލްޑިވްސްގެ ކަންޓްރީ މެނޭޖަރު އަހުމަދު އިޖާޒު ވިދާޅުވީ މި ހިދުމަތް ރާއްޖޭގައި ފެށުމާއެކު ރާއްޖެ އަށް އަންނަ ޕްރައިވެޓް ޖެޓްތަކަށް ދޭ ހިދުމަތުގެ އިތުބާރު ބޮޑުވެގެންދާނެ ކަމަށެވެ.

"ޔުނިވާސަލް އޭވިއޭޝަންއާ ގުޅިގެން މަސައްކަތް ކުރާތާ ދުވަސްތަކެއް ވެއްޖެ. ނަމަވެސް ރާއްޖޭގައި ރަސްމިީކޮށް މި ހިދުމަތް ފަށަން އެ ކުންފުންޏާ [ޔުނިވާސަލް އޭވިއޭޝަން]އާއެކު ވާހަކަ ފަށާތާ ދޮޅު އަހަރު ވަރު ވެއްޖެ. އެހެންވެ މި ހިދުމަތް ރާއްޖޭގައި ފެށުމަކީ ލިބިގެން ދިޔަ ކާމިޔާބީއެއް،" އިޖާޒު ވިދާޅުވި އެވެ.

ޔުނިވާސަލް އޭވިއޭޝަން މޯލްޑިވްސްގެ ހިދުމަތް ފަށަނީ މައި އެއާޕޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް އަދި އެހެނިހެން ބައެއް އެއާޕޯޓްތަކުގަ އެވެ. މި ހިދުމަތް ފޮރިން އިންވެސްޓްމަންޓެއްގެ ގޮތުގައި ރާއްޖޭގައި ފަށާ އިނަ މޯލްޑިވްސް އިން ދަނީ ބޭރުގެ ގިނަ އެއާލައިންތަކެއްގެ އެޖެންޓުކަން ކުރަމުންނެވެ.