ދިވެހި ބަސް އެންމެ މަތީ ފެންވަރުގައި ކިޔަވައިދިނުމަށް ގައުމީ ޔުނިވަސިޓީން މުޅިން އަލަށް ދިވެހި ބަހުގެ ޕީއެޗްޑީ ކޯސްތަކެއް އިއުލާންކޮށްފި އެވެ.
އެމްއެންޔޫއިން ފެށޭ ޖެނުއަރީ މަހުގެ ކޯސްތަކަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ބަސް ފުޅާ ދާއިރާޢެއްގައި ކިޔަވައިދިނުމަށް އެމްއެންޔޫއިން އިއުލާންކޮށްފައިވާ ކޯހުގެ ނަމަކީ ޕީއެޗްޑީ އިން އެޕްލައިޑް ލިންގުއިސްޓިކްސް (ދިވެހިބަސް) އެވެ.
އެމްއެންޔޫއިން ބުނީ އަލަށް ފަށާ ތިން އަހަރު ދުވަހުގެ ދިވެހި ޕީއެޗްޑީ ޕްރޮގްރާމުގައި ދިވެހި ބަހާއި ގުޅޭ ހަތް ދާއިރާއަކުން ސްޕެޝަލައިޒް ވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ދިވެހި ބަހުގެ ސްޓްރަކްޗާ އާއި ލިޔުންތެރިކަމާއި ވާހަކަދެއްކުމާއި މަލްޓިމޯޑަލް ޓެކްސްޓްސް އެނަލައިޒްކުރުމާއި ބަހުގެ ސިޔާސަތުތައް ކަނޑައަޅައި ރާވައި ހިންގުމާއި ބަހުގެ ފެންވަރުބެލުމުގެ އިތުރަށް ބަސް އަށަގަތުމާއި ކުއްޖާގެ ކިބައިގައި ބަސް ތަރައްގީވާގޮތް ދެނެގަތުން ފަދަ ދާއިރާތައް ހިމެނެ އެވެ.
މި ކޯހުގައި ބައިވެރިވެވޭނީ ދިވެހި ބަހާ ގުޅުންހުރި ޑިގްރީ ކޯހަކުން އެންމެ މަތިން ފާސްވުމާއެކު ދިރާސީ މަސައްކަތްތަކެއްގެ ތަޖުރިބާ ހޯދާފައިވާ ފަރާތްތަކަށެވެ. އަދި ޑިގްރީ ނުވަތަ މާސްޓާސް ހާސިލުކުރުމުގެ ތެރޭގައި އެއް އަހަރު ދުވަހުގެ ދިރާސީ މަސައްކަތެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށްވެސް އެމްއެންޔޫއިން ވަނީ ބުނެފަ އެވެ.
އެމްއެންޔޫއިން ބުނީ، ކޯހުގެ ޖާގަ ކަނޑައަޅާނީ ކުރިމަތިލާ ކެނޑިޑޭޓުން ހުށައަޅާ ޕްރޮޕޯޒަލްތަކަށް ބެލުމަށްފަހު ސުޕަވައިޒަރުންނާ ހަޔާ ޑިގްރީސް ކޮމެޓީއިން ނިންމާ ގޮތެއްގެ މަތީން ކަމަށެވެ.