ދުނިޔެ

ނޫސްވެރިޔާ މައްސަލާގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ސައުދީއަށް

ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަނުމަށް ފަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޫގްޖީގެ މައްސަލައިގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒު އަލް ސައުދާ މަޝްވަރާ ކުރެއްވުމަށް އެމެެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒަށް ވަޑައިގެންފިއެވެ.

އެމެެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ފޮނުއްވައިގެން ޕޮމްޕޭއޯ ސައުދީއަށް ވަޑައިގެންފައި މިވަނީ ޓްރަމްޕްގެ ވެރިކަމުގައި ސައުދީ ސަރުކާރާއި އެކު ގާއިމްކޮށްފައިވާ ގާތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ. ގުޅުން ހީނަރުވީ ނޫސްވެރިޔާ ގެއްލުނު މައްސަލައިގައި ސައުދީއަށް އަދަބުދެއްވާނެ ކަމަށް ޓްރަމްޕް ކުރިން ވިދާޅުވުމާ ގުޅިގެންނެވެ. ނަމަވެސް ފަހުން ޓްރަމްޕް ވިދާޅުވެގައި ވަނީ " މަކަރުވެރި ގާތިލުންތަކެއް އޭނާ މަރާލީ ކަމަށް ވެދާނެ " ކަމަށެވެ.

ޓްރަމްޕް މިމޭރުމުން ވާހަކަފުޅު ދައްކަވާފައި ވާއިރު އެމެރިކާގެ ބައެއް ބޮޑެތި މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ ތަހުގީގެއްގެ ތެެރޭގައި ހެދުނު ގޯހެއްގެ ސަބަބުން ޚަޝޫގްޖީ މަރުވީ ކަމަށް އެއްބަސްވާން ސައުދީން މިހާރު ވަނީ ތައްޔާރުވެފައެވެ.