ދިވެހި ޕްރެމިއާ ލީގް

މާޒިޔާއަށް އުނދަގޫ މޮޅެއް، ބަލިވުމުން ފެހެންދުއަށް ލީގް ނިމިއްޖެ

ބ. ފެހެންދުއާ ދެކޮޅަށް ހޯދި އުނދަގޫ މޮޅާއެކު މާޒިޔާއިން ފުރަތަމަ ބުރު ނިންމާލައިފި އެވެ. މާޒިޔާ އަތުން 2-0 ބަލިވެ، ފެހެންދުއަށް ވަނީ ދިވެހި ޕްރިމިއާ ލީގް ނިމިފަ އެވެ.

ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ ފަހަރަށް 10 ޓީމު ވާދަ ކުރާ ގޮތަށް ހަމަޖެއްސުމަށް ފަހު އެފްއޭއެމުން ނިންމާފައި ވަނީ، ލީގްގެ ފުލަށްދާ ދެ ޓީމަށް ލީގުގެ ދެވަނަ ބުރުން ފުރުސަތު ނުލިބޭ ގޮތަށެވެ. ދެވަނަ ބުރަށް ދާނީ ގަދަ އަށް ޓީމެވެ. ފެހެންދޫގެ އިތުރުން، ތ. ތިމަރަފުއްޓަށްވެސް ވަނީ ދެ ވަނަ ބުރުގެ ދޮރު މުޅިން ބަންދުވެފަ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާއަށް ލީޑް ލިބުނު ނަމަވެސް އެޓީމަށް ވަނީ ވަރަށް ބޮޑަށް އުނދަގޫ ކުރިމަތި ވެފަ އެވެ. ހާއްސަކޮށް ލިބުނު ރަނުގެ ފުރުސަތުތަކުގައި ލަނޑު ނުޖެހުމުގެ މައްސަލަ ފާހަގަ ކޮށްލަން ޖެހެ އެވެ. މެޗުގައި ގިނަ ފުރުސަތުތަކެއް މާޒިޔާއަށް ލިބުނުއިރު އެ ބޯޅަތައް ދިފާއު ކުރުމުގައި ފެހެންދޫގެ ކީޕަރު އިބްރާހިމް ޒަޔާން ވަރަށް ހުށިއާރެވެ.

ބައިކޮޅަށް ދެ ލަނޑު ވަން ނަމަވެސް އޭނާ ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފަ އެވެ. މިދިޔަ ތިން މެޗުގައިވެސް މާޒިޔާއަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ ލަނޑު ނުޖެހުމެވެ. އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން މާޒިޔާގެ ކޯޗް އިސްމާއީލް މަހްފޫޒް 'އިންމަ' ބުނީ، މިނިވަން ޗެމްޕިއަންޝިޕްގެ ޓީމުތަކާ ދެކޮޅަށް ކުޅޭއިރު މާޒިޔާގެ ކުޅުންތެރިންނަށް އެ ޓީމުތައް އަންޑައެސްޓިމޭޓް ކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެން ކުރަން އައި ކަންތައް ހާސިލު ވެއްޖެ،" ލިބުނު މޮޅަށް އިޝާރާތްކޮށް އިންމަ ބުންޏެވެ. "ވަރަށް މުހިންމު ތިން ޕޮއިންޓް މި ލިބުނީ، މޮޅަކާއެކު ފުރަތަމަ ބުރު ނިންމާލުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް."

މެޗުގައި، މާޒިޔާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ، ވައިސް ކެޕްޓަން މުހައްމަދު އިރުފާން 'އިރޭ' އެވެ. މެޗުގެ ނުވަ ވަނަ މިނެޓްގައި އޭނާ ލަނޑު ކާމިޔާބު ކުރުމުން ގިނަ ލަނޑުތަކެއް ޖަހާނެ ކަމަށް ބެލެވުނެވެ. ދެ ވަނަ ހާފު މާޒިޔާއަށް ދިޔައީ ވަރަށް އުނދަގޫކޮށެވެ. އެއް ލަނޑުގެ ލީޑެއްގައި އޮތުމުން އިތުރު ލަނޑުތައް ޖަހަން އެ ޓީމު ކުރިއަށް ޖެހިލާ ވަގުތުގެ ބޭނުން ހިފައި ފެހެންދޫގެ ކުޅުންތެރިން ވަނީ މާޒިޔާގެ ފަހަތަށް ބާރު ބޮޑު ކޮށްފަ އެވެ.

ގިނަ ފުރުސަތުތަކެއް ލިބި، ނާކާމިޔާބު ވުމުން މާޒިޔާގެ ކުޅުންތެރިން ކުޅެމުން ދިޔައީ ޕްރެޝަރުގަ އެވެ. ކެޕްޓަން އަސަދުﷲ އަބްދުﷲ އާއި އަހްމަދު އިމާޒު 'އާއްކޮ' އަށް ވެސް ފުރުސަތުތައް ލިބި ނާކާމިޔާބު ވުމުން އެ ކުޅުންތެރިންގެ މޫނު މަތިން މާޔޫސްކަން ފެނިގެން ދިޔަ އެވެ. އެހެންނަމަވެސް މެޗުގެ 94 ވަނަ މިނެޓްގައި އާއްކޮ ވަނީ މާޒިޔާއަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފަ އެވެ.

ކުޅުނު ނުވަ މެޗުގެ ތެރެއިން ހަ މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެ، މާޒިޔާ ލީގު ނިންމާލީ 19 ޕޮއިންޓާއެކު އެވެ. އެ ޓީމު ބަލިވީ ދެ މެޗުންނެވެ. އެއީ ޓީސީ އާއި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެއްވަރުވީ އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.