ހަބަރު

އިބޫ، ޕާކިސްތާނުގެ ސަފީރާއި ބައްދަލުކުރައްވައިފި

Oct 16, 2018

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަޑް) ވަސީމް އަކްރަމްއާ ބައްދަލުކުރައްވައިފި އެވެ.

އިބޫ، ވަސީމާއި ބައްދަލުކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ. އެ ދެބޭފުޅުން ބައްދަލުކުރައްވާފައިވަނީ އިބޫގެ އޮފީހުގަ އެވެ.

އިބޫ ވަސީމާއި ބައްދަލުކުރައްވާފައިވާއިރު، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވެސް ވަނީ މީގެ ކުރިން އިބޫ އަށް ފޯނުން ގުޅުއްވައި އިންތިހާބުގައި ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާފަ އެވެ. އިބޫ އެންމެ ބައްދަލުކޮށްލާ ހިއްވާ ބޭފުޅަކީ ވެސް އިމްރާންހާން އެވެ.

އިމްރާން ހާން ގުޅުއްވައި ވިދާޅުވެފައިވަނީ، ވެރިކަން ބަދަލުވުމުގެ މަރުހަލާ އޮމާންކަމާއި އަމާންކަމާއެކީގައި ކުރިއަށް ގެންދިއުމަށާއި އެކަން އޮމާން ކަމާއެކު ކުރިއަށް ގެންދަވާނެ ކަމުގެ އުންމީދުގައި ތިއްބެވި ކަމަށެވެ. އަދި ރާއްޖެ އާއި ޕާކިސްތާނުގެ ގުޅުން ކުރިއެކޭވެސް އެއް ގޮތަށް އޮންނާނެ ކަމަށާއި އެގުޅުން އިތުރަށް ބަަދަހި ކުރުމަށްވެސް އިމްރާން އެދިވަޑައިގެންފައި ވެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބް ކާމިޔާބް ކުރެއްވުމާއި ގުޅިގެން ބޭރުގެ ގިނަ ގައުމުތަކެއްގެ ސަފީރުން އަންނަނީ އިބޫއާ ބައްދަލުކުރައްވަމުންނެވެ. އިބޫ ވަނީ ވަރަށް ފަހުުން ލަންކާ އަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ރައީސް މައިތިރިޕާލަ ސިރިސޭނައާ ވެސް ބައްދަލުކުރައްވާފަ އެވެ.