ޖެންޑާ މިނިސްޓްރީން ގެވެށި އަނިޔާއާ ދެކޮޅަށް ކުރިއަށް ގެންދާ "ގެވެށި ގުޅުން" ކެމްޕޭނަށް ޕާކިސްތާނު ސަރުކާރުން 2.97 މިލިއަން ރުފިޔާގެ އެހީއެއް ދީފި އެވެ.
މި އެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. ހާލާ ހަމީދު އެވެ. ޕާކިސްތާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތަރް މުހުތާރެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ޕާކިސްތާނުން މިއަދު ދިން އެހީއާއެކު ގެވެށި ގުޅުން ކެމްޕޭން އިތުރަށް ފުޅާކޮށް، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.
މި ކެމްޕޭނަކީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފެށި ކެމްޕޭނެކެވެ. މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައި ވަނީ އާދަޔާ ހިލާފަށް ރިޕޯޓް ކުރެވެމުންދާ އަނިޔާގެ މައްސަލަތަކަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ކެމްޕެއިންގެ މަގްސަދަކީ ވެސް މި ވާހަކަ ދައްކާ މަޝްވާރާ ކޮށް ވާހަކަދައްކާނެ ޕްލެޓްފޯމެއް ހޯދުން ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މުޖުތަމައުގައި ގެވެށި އަނިޔާ ހުއްޓުވަން ބޭނުންނަމަ ސްކޫލް ކުދިންނާ ހަމައިން ފެށިގެން ގޮސް އުމުރުން ދުވަސްވީ މީހުންނަށްވެސް މިކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި ގެވެށި ގުޅުން ކެމްޕޭންގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް އެފްސީއެސްސީ ތަކުން ކުރަމުންދާ މަސައްކަތްތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިކުރުން މުހިއްމު ކަމަށްވެސް ވިދާޅުވެފައިވެ އެވެ.