ހަބަރު

މެންބަރުންނަށް ފުރައްސާރަކޮށް، އަބުރު ކަތިލުން ބަލައެއް ނުގަނެވޭނެ: ޕީޕީއެމް

Oct 16, 2018
6

ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ޕީޕީއެމްގެ މެންބަރުންގެ އަބުރު ކަތިލައި އެފަރާތްތަކަށް ފުރައްސާރަ ކުރަމުންގެންދާ ކަމަށާއި އެކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެޕާޓީން ބުނެފި އެވެ.

ޕީޕީއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ، ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ފުރައްސާރަކޮށް އަބުރު ކަތިލުމަށް ބައެއް ފަރާތްތަކުން ހިންގަމުންދާ އެކި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"ސިޔާސީ ގޮތުން ރާއްޖޭގައި ވަރަށް ގިނަ ކަންތައްތަކެއް ހިނގަމުންދާ މިފަދަ ދުވަސްވަރެއްގައި ސިޔާސީ ހަރަކާތްތެރިން ނަފްސާނީ ގޮތުން ބަލިކަށި ކޮށްލުމަށްޓަކައި އެމީިހުން ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުމަށް މީސްމީޑިއާ އާއި އެހެނިހެން ވަސީލަތްތައް ބޭނުން ކޮށްގެން އެމީހުންގެ އާއިލާގެ މެންބަރުންނާއި ދަރިންނަށް ފުރައްސާރަ ކުރުންފަދަ ނޭދެވޭ އަމަލުތަކެއް މަދު ބަޔަކު ނަމަވެސް ދަނީ ކުރަމުން،" ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

ޕީޕީއެމުން ބުނީ، ރާއްޖެއަކީ އަވަށްޓެރި ގައުމުތަކާއި އަޅާބަލާއިރު ތައުލީމީ ރައްޔިތުންތަކެއް އުޅެމުންއަންނަ އަދި ކުރިއަރަމުން އަންނަ ގައުމެއް ކަމަށާއި އެފަދަ ނާތަހްޒީބީ އަމަލުތަކަކީ މި ގަރުނަށް ފެތޭ އަދި ތަހްޒީބީ މުޖުތަމައަކުން ބަލައި ގަންނާނެ އަމަލުތަކެއް ނޫން ކަމަށެވެ.

"އެހެން ކަމުން މިފަދަ ނާތަހްޒީބީ އަމަލުތަކުން އެއްކިބާވެ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ސިޔާސީ ހަރަކާތްތެރިންނަށްވެސް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމް ކުރުމަށް މި ޕާޓީން ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރަން،" ބަޔާނުގައި ވެއެވެ.

ޕީޕީއެމްގެ މެންބަރުންނަށް ފުރައްސާރަކޮށް އަބުރު ކަތިލަމުންދާ ކަމަށް ބުނެފައިވާއިރު، މީގެ ކުރިން ވަނީ ނިމިގެންދިޔަ ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައެއް ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ތަފާތު އިންޒާރުތައް ލިބެމުންދާ ކަމަށްވެސް ބުނެފަ އެވެ.

މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީޕީއެމް ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެން މަނިކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހަށްވެސް ހުށަހަޅާފައި ވެއެވެ. އަދި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީއަށް މަރުގެ އިންޒާރުދިން މައްސަލައެއްވެސް ވަނީ އޭނާގެ ފަރާތުން ފުލުހަށް ހުށަހަޅާފަ އެވެ.