ކުޅިވަރު

އަޖުފާން އެނބުރި ގައުމީ ޗެމްޕިއަންގެ މަގާމަށް!

ގައުމީ ބެޑްމިންޓަން މުބާރާތުގެ ފައިނަލުގައި ނިބާލް އަހްމަދުގެ މައްޗަށް ކާމިޔާބު ހޯދައި، ގައުމީ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން އަލުން މުހައްމަދު އަޖުފާން ރަޝީދު ހޯދައިފި އެވެ. އަޖުފާން މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ.

އަޖުފާން އަކީ ރާއްޖޭގެ ބެޑްމިންޓަން ތާރީހުގައި ގައުމީ މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އެވެ. މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއެކު އޭނާ ވަނީ އަށް ފަހަރު މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދާފަ އެވެ. ފައިނަލުގައި 10 ފަހަރު ކުޅުނެވެ. މިދިޔަ އަހަރުގެ ފައިނަލުގައިވެސް އޭނާ ކުޅުނެވެ. ނަމަވެސް ފައިނަލުގައި އޭނާ ބަލިވީ ޒުވާން ކުޅުންތެރިޔާ ޒަޔާން ޝަހީދު ޒަކީ އަތުންނެވެ.

ރޭ ކުޅުނު ފައިނަލު މެޗުގެ ފުރަތަމަ ސެޓް ފަށައިގެން ފުރަތަމަ ސްކޯ ކުރީ ނިބާލް އެވެ. އެ ސެޓްގައި 9-6 އިން ތިން ޕޮއިންޓުން ފަަހަތުގައި އޮތުމަށް ފަހު އަޖުފާން ވަނީ އޭނާގެ ތަޖުރިބާ ބޭނުންކޮށްގެން ފަހަތުން އަރައި 10 ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ. އަޖުފާން އޮތީ 17 ނުވަޔަކުން ކުރީގަ އެވެ. ނިބާލް އިތުރު ތިން ޕޮއިންޓް ހޯދިއިރު އަޖުފާން އޮތީ ގޭމް ޕޮއިންޓްގައެވެ. އޭނާ ސެޓް ކާމިޔާބު ކުރީ 21-12 އިންނެވެ.

ބޮޑު ތަގާތަކުން އަޖުފާން މޮޅުވި ދެ ވަނަ ސެޓްގައި، ނިބާލްއަށް ފުރަތަމަ ޕޮއިންޓް ސްކޯ ކުރެވުނީވެސް އަޖުފާން ފަސް ޕޮއިންޓްގެ ލީޑެއް ނެގި ފަހުންނެވެ. އޭނާ ދެ ވަނަ ޕޮއިންޓް ހޯދިއިރު އަޖުފާން އޮތީ އަށް ޕޮއިންޓް ކުރީގަ އެވެ. އެ ސެޓުގައި އަޖުފާންގެ ތަޖުރިބާ ބޭނުން އޭނާ ވަރަށް ރަނގަޅަށް ހިފި އެވެ. އޭނާ ސެޓް ކާމިޔާބު ކުރީ 21-6 އިންނެވެ.

ފިރިހެން ޑަބަލްސް ޗެމްޕިއަންކަން މިއަހަރުވެސް ހޯދީ ހަސަން އަފްޝީން އާއި އިބްރާހިމް ޝާމިއު އެވެ. ފައިނަލުގައި އެ ދެ ކުޅުންތެރިންނާ ވާދަ ކުރީ ނަޝްފާން މުހައްމަދާއި ނަޝީއު ޝަރަފުއްދީން އެވެ. އަފުޝީން އާއި ޝާމިއުގެ ޕެއާ ފައިނަލު މެޗު ކާމިޔާބު ކުރީ 21-19، 14-21 އަދި 19-21 އިންނެވެ.

ފުރަތަމަ ސެޓް ކާމިޔާބުކުރީ ނަޝްފާން އާއި ނަޝީއުގެ ޕެއާ އެވެ. އަފްޝީން އާއި ޝާމިއުގެ ޕެއާ ޗެމްޕިއަންކަން ހޯދީ ޖެހިގެން އައި ދެ ސެޓް ކާމިޔާބު ކޮށްގެންނެވެ. އެ ދެ ޕެއާ އަކީ މިދިޔަ އަހަރުވެސް ޑަބަލްސް ޗެމްޕިއަންކަން ހޯދި ޕެއާ އެވެ.

މިކްސް ޑަބަލްސް ފައިނަލުގައި މިދިޔަ އަހަރުގެ ޗެމްޕިއަން، ޒަޔާން އާއި ފާތިމަތު ނަބާހާ އަބްދު ރައްޒާގު ޕެއާގެ މައްޗަށް ކާމިޔާބު ހޯދައި މިފަހަރުގެ މުބާރާޓުގެ ޗެމްޕިއަންކަން ހޯދީ އަހްމަދު ތޯއިފް އަދި އާމިނަތު ނަބީހާ އަބްދުއް ރައްޒާގުގެ ޕެއާ އެވެ. އެ ދެކުޅުންތެރިން މެޗު ކާމިޔާބު ކުރީ 22-2- އަދި 21-17 އިންނެވެ.