ހަބަރު

އިބޫއަށް ލިބުނު ވޯޓް ޔާމީނަށް ބަދަލުކުރަން ހުށަހެޅި މައްސަލަ ނަގަނީ

މިއަހަރުގެ ރިޔާސީ އިންތިހާބްގައި އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ އަށް ލިބުނު ވޯޓަކީ ރައީސް އަބުދުﷲ ޔާމީނަށް ލިބުނު ވޯޓްގެ ގޮތުގައި ކަނޑައަޅައި ދިނުމަށްއެދި ހައި ކޯޓަށް ހުށަހެޅި މައްސަލަ ބާތިލް ކުރަން ހުށަހަޅައިފި އެވެ.

އެމައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވަނީ ގާނޫނީ ވަކީލް އަބުދުލްމާނިއު ހުސެއިން އެވެ. އެމައްސަލައިގައި ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބްގައި ބޭނުންކުރި ވޯޓް ކަރުދާހުގައި ކެނޑިޑޭޓް ނަމްބަރު އެކަކާއި ދިމާލުގައި ފާހަގަ ޖެހުމުން ކެނޑިޑޭޓް ނަމްބަރު ދޭކާއި ދިމާލަށް އެ ފާހަގަ ފޭދޭ ކަމަށާއި ކެނޑިޑޭޓް ނަމްބަރު ދޭކާ ދިމާގައި ފާހަގަ ޖެހުމުން ކެނޑިޑޭޓް ނަމްބަރު އެކަކާއި ދިމާއަށް މައްޗަށް އަރާކަމަށް މުއުތަބަރު ހެކި ލިބިފައިވާ ކަމަށެވެ.

އެހެން ކަމުން އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ދާއިމީ ނަތީޖާގައި ކެނޑިޑޭޓް ނަމްބަރު އެކަކަށް ލިބިފައިވާ ވޯޓަކީ ކެނޑިޑޭޓް ނަމްބަރު ދޭކަށް ލިބިފައިވާ ވޯޓް ކަމަށާއި ކެނޑިޑޭޓް ނަމްބަރު ދޭކަށް ލިބިފައިވާ ވޯޓަކީ ކެނޑިޑޭޓް ނަމްބަރު އެކަމަށް ލިބިފައިވާ ވޯޓް ކަމަށް ކަނޑައަޅައިދިނުމަށްއެދި ކަމަށް މައްސަލާގައި ވެއެވެ.

އެމައްސަލަ ބާތިލް ކުރުމަށް ހުށަހަޅައި މާނިއު ވިދާޅުވީ، އެމައްސަލަ ބާތިލް ކުރުމަށް ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. މައްސަލަ ބާތިލް ކުރަން ހުށަހެޅީ ރައީސް އޮފީިހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ހެއްދެވީ ދޮގުކަމަށްވާތީ ކަމަށެވެ.

އެމައްސަލަ ބިނާ ކޮށްފައިވަނީ ރައީސް އޮފީިހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ދެއްކި ވާހަކަތަކުގެ މައްޗަށެވެ. ރައީސް ޔާމީނާއި ދިމާލުގައި ޖެހި ފާހަގަ އިބޫގެ ގޮޅިއަށް ފޭބިކަމަށްބުނެ އެމަންޒަރު ލޮލުން ދުށް މީހަކާ ހަވާލާދީ މުއާޒް ވާހަކަ ދެއްކި ވީޑިއޯއެއް ފެނިފައިވާ ކަމަށް އެމައްސަލާގައި ބުނެފައި ވެއެވެ.

މައްސަލަ ސާބިތު ކުރުމަށް ހުށަހަޅާފައިވަނީ ރިޔާސީ އިިންތިހާބްގެ ދާއިމީ ނަތީޖާގެ ނަކަލާއި މުއާޒްގެ ހެކިބަސް ނެގުމަށެވެ.

އިންތިހާބާއި ގުޅިގެން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބާތިލްކުރަން ހުށަހަޅާފައިވާއިރު، އިންތިހާބްގެ ނަތީޖާ ބާތިލް ކުރުމަށް ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލާފަ އެވެ. ދެން އޮންނާނީ އެމައްސަލައިގެ ހުކުމް އިއްވުން ކަމަށްވެސް ސުޕްރީމް ކޯޓުން އިއްޔެ ބޭއްވި ޝަރީއަތުގައި ވަނީ ނިންމާފަ އެވެ.