ރައީސް އަބްދުﷲ ޔާމީން

ޔާމީން ގެއަށް ބަދަލުކޮށް، ޝަރީއަތް އަވަސް ކޮށްދިނުމަށް ގޮވާލައިފި

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެއަށް ބަދަލުކޮށް، ހައިކޯޓްގައިވާ އެމަނިކުފާނުގެ އިސްތިއުނާފު އަވަސްކޮށް ދިނުމަށް އިދިކޮޅުން ގޮވާލައިފި އެވެ.

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް19 ގެ ނުރައްކާތެރި ހާލަތުގައި ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށް އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުން އަދި ދީނީ އިލްމުވެރިންގެ ޖަމާއަތްތަކުންވެސް ގޮވާލަމުންދާ ކަމަށެވެ.

ރައީސް ޔާމީނަކީވެސް ސިޔާސީ ގޮތުން ޖަލަށް ލެވިފައިވާ ބޭފުޅެއް ކަމަށާ އެމަނިކުފާނުގެ މައްޗަށް ހިންގުނު ޝަރީއަތަކީ ސަރުކާރުގެ ނޫފޫޒު ވަރަށް ބޮޑަށް ފޯރުވައިގެން ހިންގާފައިވާ ޝަރީއަތެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އެކަމުގެ ބައެއް މިސާލުތައްވެސް ދެއްކެވިއެވެ.

"...މިއީ ސީދާ ޒާތީ ހަސަދެއް ފިލުވާލުމަށްޓަކައި، ރާއްޖޭގެ ސިޔާސީ މަސްރަހުން ރައީސް ޔާމީން ފުހެލުމަށްޓަކައި އަދި އެމަނިކުފާނުގެ އަގު ވައްޓާލުމަށްޓަކައި މިއަދު ސަރުކާރުން އިސްވެ އޮވެ ކޮށްފައިވާ ކަމެއް. އެއީ ގިނަ ދިވެހި ރައްޔިތުންވެސް ގަބޫލުކުރާ ގޮތް." އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ވަގުތުން ގެއަށް ބަދަލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށާ އަދި ހައިކޯޓްގައި އޮތް އެމަނިކުފާނުގެ މައްސަލަ އަވަހަށް އަދުލްވެރިކަމާއެކު ނިންމައިދިނުމަށްވެސް ގޮވާލާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީސްވެސް އޮންލައިން މެދުވެރިކޮށް ހިންގޭއިރު، އިންސާފު ނުލިބި، ޖަލުގައި ތިބެން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"...އަޅުގަނޑު މިވަގުތު ހަމަ ވަގުތުން ވަގުތަށް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އަޅުގަނޑުމެން ގޮވާލަން."

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން އެ ހުކުމް އިއްވީ ދައުލަތުން ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލާގަ އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމް ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގެ އިސްތިއުނާފު ކުރި އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ފެށިފައިވަނީ އިސްތިއުނާފްކުރިތާ މަސް ދުވަސްފަހުންނެވެ. އަދި ފަހުން ޝަރީއަތުގެ މަޖިލީހެއް ނުބޭއްވޭތާ ގިނަ ދުވަސްތަކެއް ވަނީ ފާއިތުވެގެންގޮސްފައެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް، ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ މިއީ ރައްޔިތުން އެކުވެރިކުރަންވީ ވަގުތު ކަމަށެވެ. އަދި ރައީސް ޔާމީނަށް އިންސާފު ކަށަވަރުކޮށްދޭން ޖެހޭ ކަމަށާ އަޑުއެހުންތައް މެދުކެނޑި ޖަލުގައި ހުންނަން ޖެހުމަކީ އިންސާފެއް ނޫން ކަމަށެވެ.

"..މިއީ ހުރިހާ ރައްޔިތުން ގޮވައިގެން، އެކުވެރިކަން އާލާކުރަންވީ ވަގުތު. ކުރިއަށް އޮތީ ރޯދަމަހަށް ވެފައި މި ހާލަތަށް ބަލައި އިދިކޮޅު ލީޑަރަށް އިންސާފު ކަށަވަރު ކޮށްދޭންޖެހޭ. އަޑުއެހުންތައް މެދުކެނޑި ޖަލުގައި ހުންނަން ޖެހުމަކީ އިންސާފެއް ނޫން. އިހްސާންތެރިކަން އިސްކުރަން ގޮވާލަން." ޖަމީލް ވިދާޅުވިއެވެ.

ދައުލަތުން ވަނީ ރައީސް ޔާމީނާ ގުޅޭ އައު މައްސަލަތަކެއްވެސް ތަހުގީގު ކުރަން ފަށާފައެވެ. އެގޮތުން ދެ ދުވަހެއްގެ މަތިން އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. އަދި ކޮރޯނާގެ ބަލިމަޑުކަން ފެތުރެން ފެށި ފަހުންވެސް އެމަނިކުފާނު ފުލުހަށް ހާޒިރުކުރަން ޗިޓް ފޮނުވިއެވެ. ނަމަވެސް ފާޑުކިޔުން ބޮޑުވުމުން ފަހުން ފުލުހުން ވަނީ އެ ޗިޓް ކެންސަލްކޮށްފައެވެ.

ރައީސް ޔާމީނަށް ސިއްހީ ބައެއް މައްސަލަތަކަށްވެސް ކުރިމަތިވެފައިވާއިރު އެމަނިކުފާނު ގޭ ބަންދަށް ބަދަލުކުރުމަށްވެސް އާއިލާއިން ވަނީ އެދިފައެވެ. ނަަމަވެސް އެކަމާ ގުޅޭގޮތުން ކަމާބެހޭ އެއްވެސް އިދާރާއަކުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް ދާދިފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ޖަލުގައި ތިބި މީހުންގެ ތެރެއިން ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިންގެ ބައްދަލްވުމުގައި މިހާރު ދިމާވެފައިވާ ހާލަތާއި ގުޅިގެން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެއްވެސް ލުޔެއް ދެއްވުމަށް ސަރުކާރުން ނިންމާފައިވޭތޯ ނޫސްވެރިއަކު ވަނީ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ޖަލުގައި ތިބޭ ފަރާތްތަކަށް މައާފު ދިނުމަށް ގާނޫނުގައި ވަކި އުސޫލުތަކެއް ހަމަޖެހިފައިވާ ކަމަށެވެ. އެމަނިކުފާނު އަމަލުކުރައްވާނީވެސް އަދި އަމަލު ކުރައްވަމުން ގެންދަވަނީވެސް އެ އުސޫލުތަކުގެ ދަށުން ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޖަލުގައި ތިބި މީހުންގެ ތެރެއިން ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއް ނެތް އެމަނިކުފާނުގެ ނެތް ކަމަށެވެ.

"ޖަލުގައި ތިއްބެވި ފަރާތްތަކާއި، ތިބި ފަރާތްތަކަށް މައާފު ދިނުމުގެ އިހުތިޔާރު މި އޮންނަނީ ގާނޫނުގެ ތެރެއިން ވަކި އުސޫލެއްގެ ތެރެއިން ހަމަޖެހިފައި. އެ އުސޫލުގެ ތެރެއިން އަޅުގަނޑު މަސައްކަތް ކުރަމުން މި ގެންދަނީ. އެހެންވީމަ އެގޮތަށް އަޅުގަނޑު އަމަލުކުރަމުން ގެންދާނަން. ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއް އަޅުގަނޑުގެ ނެތް." ރައީސް ސޯލިހް ވިދާޅުވިއެވެ.