ބްރެޒިލްގެ ރައީސް މިޝޭލް ޓެމިއާއާ ދެކޮޅަށް ދައުވާ ކޮށްދޭން އެދި އެގައުމުގެ ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.
އަލްޖަޒީރާ ބުނީ ބްރެޒިލްގެ މަރުކަޒީ ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅީ ރައީސް ޓެމިއާއާއި އިތުރު 10 މީހަކާ ދެކޮޅަށް ކޮރަޕްޝަނާއި މަނީ ލޯންޑްރިންއާއި ރާވައިގެން ޖަރީމާ ހިންގުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދިއެވެ. ޓެމިއާއާއި އެކު ދައުވާ ރައްދުވާ އަނެއް 10 މީހުންގެ ތެރޭގައި އޭނާގެ ދަރިކަނބަލަކުވެސް ހިމެނިވަޑައިގަންނަވައެވެ.
ޓެމިއާއާއި ދެކޮޅަށް ބްރެޒިލް ފުލުހުން ތަހުގީގެއް ފެށީ 2017 ވަނަ އަހަރުގެ މޭމަހު އޭނާ ރިޔާސީ ގަރާރެއް ނެރުއްވީ ރިޝްވަތު ހިއްޕަވައިގެން ކަމަށް ތުހުމަތު ކުރެވިގެން އެކަން ބެލުމަށެެވެ. އެގޮތުން ކުރި ތަހުގީގު ނިންމައިލުމަށް ފަހު ދައުވާ ކުރަން ހުށަހެޅި މައްސަލައިގައި ޓެމިއާ އާއި އޭނާގެ އަރިސްބޭފުޅުންގެ މުދާތައް ދައުލަތަށް ނަގަން ވެސް ވަނީ އެދިފައެވެ.
ފުލުހުން ހުށަހެޅި މައްސަލަ ސުޕްރީމްކޯޓަށް ހުށަހެޅަން ނުވަތަ އެމައްސަލަ އިތުރަށް ތަހުގީގުކުރަން ފުލުހުންނަށް އަންގާނީކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަދި ނުނިންމައެވެ. ޓެމިއާއާ ދެކޮޅަށް ހިންގި ތަހުގީގުގެ ކަންތައްތައް ބައްލަވަމުން ގެންދެވި ސުޕްރީމްކޯޓުގެ ފަނޑިޔާރު ޖަސްޓިސް ލަގްސް ރޮބާޓޯ އަންގާރަދުވަހު ވިދާޅުވީ މައްސަކަ ކުރިއަށް ގެންދާނެ ގޮތެއް އެނގިވަޑައިގަންނަވާނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެކަމުގައި ގޮތެއް ނިންމުންނެވެ.
ބްރެެޒިލްގެ ކުރީގެ ރައީސާ ޑިލްމާ ރުސޯފް މަގާމުން ދުރުކުރުމުން 2016 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ޓެމިއާގެ ޝަރީއަތް ކުރަން މީގެ ކުރިން ކުރި މަސައްކަތްތައް އޭނާއަށް މެޖޯރިޓީ އޮންނަ ޕާލަމެންޓުން ވަނީ ހުއްޓުވާފައެވެ.