ސައުދި އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް-ސައުދުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅުގައި ރައީސް އަބުދުﷲ ޔާމީނާއި ގުޅޭ އެއްވެސް ވާހަކައެއް ސައުދީއިން ނުދައްކަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލުވެ ދެއްކި ވާހަކަަތަކުގައި ރާއްޖެއާ ގުޅޭގޮތުން ދެއްކި ވާހަކައިގައި ސައުދީން ބޭނުންވަނީ އަބަދުވެސް އެ އިރެއްގައި އޮންނަ ސަރުކާރަކާ ގުޅުންބާއްވަން ކަމަށް ބުނެފައިވާ ކަމަށެވެ.
ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ރައީސް ނަޝީދު، ސައުދީ ރަސްގެފާނާއި ބައްދަލުކޮށް، ދެއްކެވި ވާހަކައިގެ ތެރޭގައި ރައީސް ޔާމީން ހައްޔަރު ނުކުރާނެ ކަމަށް ބުނެ ޔަގީންކަން ދީފައިވާ ކަމަށް އަޑު ފެތުރުނު ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީނާއި ގުޅޭ އެއްވެސް ވާހަކައެއް ސައުދީ ވަލީ އަހުދު ވިދާޅުވެފައި ނުވާ ކަމަށެވެ.
ނަޝީދު އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު ސައުދީ ރަސްގެފާނުގެ ދައުވަތަށް އެގައުމަށް ވަޑައިގެންފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. ސައުދީއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު އެމަނިކުފާނު އިނގިރޭސި ވިލާތައް ވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ.
ރައީސް ނަޝީދާއެކު އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމްވެސް ސައުދީއަށް ވަޑައިގެންފައި ވެއެވެ. އެކަމާ ގުޅޭގޮތުން ނަސީމް ކުރެއްވި ޓްވީޓެއްގައިވަނީ، ރައީސް ނަޝީދު ސައުދީއަށް ކުރެއްވީ ވަރަށްވެސް ކާމިޔާބް ދަތުރެއް ކަމަށާއި ދަތުރުފުޅު ނިންމާލެއްވުމަށްފަހު މިއަދު ހެނދުނު ލަންޑަންއަށް ވަޑައިގަންނަވާފައިވާ ކަމަށެވެ. އޭނާ ވަނީ ސައުދީ ރަސްފާނަށް ޝުކުރުވެސް އަދާކޮށްފަ އެވެ.