ހަބަރު

އެޗްޑީސީގެ ހާއްސަ އޮޑިޓެއް ހަދަނީ

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހާއްސަ އޮޑިޓެއް ހަދަން އޮޑިޓާ ޖެނަރަލް އޮފީހުން ތައްޔާރުވާން ފަށައިފި އެވެ.

އެޗްޑީސީގެ ހާއްސަ އޮޑިޓެއް ހަދަން އޮޑިޓު އޮފީހުން ތައްޔާރުވަމުން އަންނަ ކަމަށް އޮޑިޓު އޮފީހުގެ އޮފިޝަލެއް ވަނީ "އަވަސް"އަށް ކަށަވަރުކޮށްދީފަ އެވެ. އެ އޮފީހުން މިހާރު ކުރަމުން އަންނަ ކަމަކީ ހާއްސަ އޮޑިޓު ކުރާނެ ޓީމު އެކުލަވާލުމުގެ މަސައްކަތެވެ.

އޮޑިޓު އޮފީހުން އެޗްޑީސީގެ ހާއްސަ އޮޑިޓެއް ކުރަން ނިންމާފައިވާ އިރު ހުޅުމާލެއިން 400 ގޯތި ވިއްކަނީ އެޗްޑީސީގެ ކޭޝްފްލޯ ދަށްވުމާ ގުޅިގެން އެކަން ރަނގަޅު ކުރުމަށެވެ. އެޗްޑީސީގެ ކޭޝްފޯލް ދަށްވި ކަމަށް ސަރުކާރުން ބުނާ އިރު ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭނަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެޗްޑީސީގެ ބަޖެޓުން ހަރަދުކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެކަން ފަޅާ އެރުމާއެކު ހެކިތައް ނައްތާލަން އުޅޭ ކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ.

އެ މައްސަލަތައް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ.