ލައިފްސްޓައިލް

އެންމެން ޕީސީއެކްސްއަށް ހިތް ކިޔަނީ ކީއްވެ؟

Dec 28, 2014
2

މިއީ އަހަރެމެންގެ ވައްތަރެވެ. އާ އެއްޗެއް އަންނައިރަށް އެ އެއްޗެއް ހޯދަން ޖެހޭނެ އެވެ. މެރީބްރައުންރާއްޖޭގައި ހުޅުވި ދުވަސްވަރު ކޮންމެ ދުވަހަކު ކަނީ އެތަނުންނެވެ. ބާގަކިންގް އެއާޕޯޓަށް އައުމާއެކު ހަމަ އެފަދަ އެވެ. ހެނދުނުގެ ސަޔަށް ވެސް ބާގަ އެއް ނޫނީ ކަމަކު ނުދެ އެވެ. އެ ކާން އެއާޕޯޓަށް ދާން ޖެހެ އެވެ. މިހާރު މި އޮތީ ޕީސީއެކްސް ސައިކަލްގެ ފޯރި އެވެ. އެންމެންނަށް އެ ކަމުދަނީ ކީއްވެބާ އެވެ؟

"ޕީސީއެކްސްގެ ސަޅިކަމަކީ ދުއްވާލަން ފަސޭހަކަން. މިއާ އެއްވަރުގެ ސްޕީޑް ލިބޭ އެހެން ސައިކަލެއް މިހާރަކު ނެތް. އެހެންވެ މީގެ ސައިކަލެއް ނެގީ،" މާލެ އަށް ޕީސީއެކްސް ގެންނަން ފެށުމާ އެކު އޭގެ ސައިކަލެއް ހޯދި އަހުމަދު މުހައްމަދު ބުންޏެވެ.

މީގެ ދެ އަހަރެއްހާ ދުވަސްކުރިން އޭނާ ޕީސީއެކްސް ސައިކަލެއް ނެގިއިރު މީގެ އަގު އުޅުނީ 100،000ރ. އަށްވުރެ މަތީގަ އެވެ. އެކަމަކު ފުރަތަމަ ފެނިލުމުން ވެސް މި ސައިކަލަށް އޭނާގެ ހިތް ކިޔައިފި އެވެ.

"މިއީ މޮޑިފައިކޮށްލަން ބެލިއަސް އެންމެ ސަޅި އެއް ސައިކަލް. ސައިކަލުގެ ހުރިހާ އެއްޗެއް މޮޑިފައި ކޮށްލެވޭ. ޓްރެފިކް ލައިޓަށް މަޑުކޮށްލާއިރަށް އޮޓަމެޓިކުން އިންޖީނު ނިވޭ. މިއީވެސް ސަބަބެއް ސައިކަލް ގަތުމުގެ،" އަހުމަދު ޕީސީއެކްސް ސައިކަލް ގަތް ސަބަބު ބުންޏެވެ.

ކުރިން އެހެން ބްރޭންޑެއްގެ ސައިކަލެއް ގެންގުޅުމަށްފަހު، ޕީސީއެކްސް ސައިކަލަކަށް ބަދަލުކުރި އެހެން މީހަކު ބުނި ގޮތުގައި މި ސައިކަލް ގަތް އެއް ސަބަބަކީ ތެޔޮ ހަރަދު ކުޑަވުމެވެ.

"ރައްޓެއްސެއްގެ ޕީސީއެކްސް ސައިކަލެއް ދުއްވާލުމުން އެނގުނީ މީގެ ފަސޭހަކަން. އެހެންވެ ނެގީ. މީގެ އެއް ފަސޭހައަކީ ތެޔޮ ހަރަދު ކުޑަކަން. ކުރިން ދެތިން ދުވަހުން ތެޔޮ ހުސްވެގެން ތެޔޮ އަޅަން ޖެހޭ. އެކަމަކު މިހާރު 100ރ. ގެ ތެޔޮ އަޅައިގެން ގާތްގަނޑަކަށް ހަފުތާއަކު ދުއްވޭ،" ޕީސީއެކްސްގެ މޮޅުކަން އޭނާ ކިޔައިދިނެވެ.

"މި ސައިކަލުގެ ހިތްގައިމު އަނެއް ކަމަކީ މީގައި ހުންނާނީ މުޅިން ވެސް ލެޑް ލައިޓް. މިއީ މީގެ ހިތްގައިމު ސިފައެއް."

އެއް ބަޔަކަށް ޕީސީއެކްސް ވަރެއްނެތިގެން އުޅުނެއް ކަމަކު މި ދެކެ ފޫހިވާ މީހުން ވެސް މަދެއް ނޫނެވެ. ހާއްސަކޮށް، ސައިކަލްގެ ފަހަތުގައި ދަތުރުކުރާ މީހުންނެވެ.

"ޕީސީއެކްސްއަކީ އެންމެ އުނދަގޫ ސައިކަލް ފަހަތުގައި އިންނަން. ޕީސީއެކްސްގެ ފަހަތުގައި އިންނައިރު ހީވަނީ ފާހާނާ ތައްޓެއްގެ މަތީގައި އިނދެވޭހެން. އަރަން ވެސް އެހާ ދަތި،" އަންހެން ކުއްޖަކު ޕީސީއެކްސް ސައިކަލާ މެދު ދެކޭ ގޮތް ބުންޏެވެ.

ޕީސީއެކްސް ސައިކަލަކީ އާއްމުކޮށް ހުންނަ ސައިކަލްތަކަށް ވުރެ ބޮޑު އެއްޗެކެވެ. މި ސައިކަލް ބޮޑުވުމުން އެންމެ ބޮޑު ދަތިކަމެއް ދިމާވަނީ ޕާކު ކުރުމަށެވެ. ފާކް ކުރާނެ ޖާގަ މަދު މި މާލޭގައި ބޮޑު ޖަމަލެއް ވަރުގެ ސައިކަލެއް ވައްދާނެ ތަނެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. މިއީ ޕީސީއެކްސް ގެންގުޅޭ މީހުންނަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

ރާއްޖޭގައި މިހާރު ޕީސީއެކްސް ވިއްކާ އަގުތަކަށް ބަލާއިރު މީގެ ސައިކަލެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 78،000ރ. އާއި 90،000ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. މީގެ އަގު ބޮޑު ނަމަވެސް ގިނަ ބަޔަކު މި ސައިކަލު މިހާރު ގަނެ އެވެ.

ޕީސީއެކްސް ވިއްކާ ވިޔަފާރިވެރިން ދެކޭ ގޮތުގައި މިއީ މާލެއަށް އެންމެ "ފިޓު" އެއް ސައިކަލެވެ.

ޕީސީއެކްސް ސައިކަލް ވިއްކާ އޮޓޯ ސެންޓަރުގެ ވެރިޔާ މުހައްމަދު އިބްރާހިމް (މޯޑު) ވިދާޅުވި ގޮތުގައި ޕީސީއެކްސް ސައިކަލް ގިނަ މީހުން ގަންނަ އެއް ސަބަބަކީ މި ސައިކަލްގެ ޝޮކު މޮޅުވުމެވެ.

"މާލޭގެ މަގުތަކަކީ ފާޑެއްގެ ތަނެއް. އެހެންވެ ސައިކަލް ގަންނައިރު ވަރަށް ބޮޑަށް ބަލާ ސައިކަލްގެ ޝޮކަށް. މީގައި މި ހުންނަނީ ވަރަށް ރަނގަޅު ޝޮކެއް. ޝޮކު މޮޅުވީމަ ދުއްވާ މީހާއަށް ވަރަށް ފަސޭހަ. މީގެ އެކްސެލަރޭޓާ ވެސް ރަނގަޅު. އެހެންވެ މި ސައިކަލް ގިނަ މީހުން ނަގަނީ،" މޯޑް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ދިވެހިން މި ސައިކަލް ގަތުމުގައި އަގަކަށް ނުބަލަ އެވެ.

"ދިވެހިން ނުބަލާނެ އަގަކަށް. މީގެ ޑިޒައިނަކަށް ވެސް ނުބަލާ. ހަމައެކަނި ބަލަނީ މި ސައިކަލުގައި ހުންނަ ސިފަތަކަށް. އެގޮތަށް ބަލާފައި މޮޅުވީމަ ގަންނަނީ،" މޯޑު ބުންޏެވެ.

ހޮންޑާ ކުންފުނީގެ މި ސައިކަލް ވިއްކާ ރާއްޖޭގެ ޝީޝާގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އައިޝަތު މައިހާ ވިދާޅުވީ މި ސައިކަލް ގިނައިން ގަންނަނީ ފިރިހެނުން ކަމަށާއި ސަބަބަކީ މި ސައިކަލަކީ ފިރިހެންވަންތަ ސައިކަލަކަށްވުން ކަމަށެވެ.

"ގިނައިން ނަގަނީ ފިރިހެނުން. އެކަމަކު މިހާރު ޕީސީއެކްސް ނަގާ އަންހެނުންގެ ޕަސެންޓެއް ވެސް އުޅޭ. އެހެންވެ ބުނެވޭނީ މިއީ ދުއްވާލުމަށް އެންމެ ކަމުދާ އެއް ސައިކަލޭ،" މައިހާ ވިދާޅުވި އެވެ.

ޝީޝާއިން ޕީސީއެކްސްގެ 133 ސީސީގެ ސައިކަލް ވިއްކަ އެވެ. އަދި ޝީޝާއިން މި ސައިކަލްގެ ފުލް ސާވިސް ވެސް ދެ އެވެ.

މިއީ ފަހަތުގައި އިންނަން އުނދަގޫ ސައިކަލެކޭ އެއް ބަޔަކު ބުނާއިރު މައިހާ ވިދާޅުވި ގޮތުގައި މި ސައިކަލު ގަންނަ އެއް ސަބަބަކީ މީގެ ފަހަތުގައި އިންނަން ފަސޭހަވުމެވެ.

"މި ސައިކަލްގައި ހުރޭ ފޯނު ޗާޖު ކުރެވެން. މީގަ އިނދޭ ގަޑިއެއް. މިކަހަލަ ގިނަ ފަސޭހަތަކެއް މި ސައިކަލުގައި ހުރޭ،" މައިހާ ވިދާޅުވި އެވެ.

ޕީސީއެކްސް ސައިކަލާ ވާދަ ކުރުމަށް ގިނަ ސައިކަލް ތަކެއް މިހާރު ބާޒާރުގައި އެބަ ހުއްޓެވެ. މިފަދަ އެއް ސައިކަލަކީ އެއާ ބްލޭޑެވެ. ދުވެލި ބާރު މި ސައިކަލް ނަގާ މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ. މީގެ އިތުރުން ސްކޫޕީ އާއި ޖުޕިޓާއަކީ ވެސް ގިނަ ބައެއްގެ މެދުގައި މަޝްހޫރު ސައިކަލް ތަކެވެ. މީގެ އިތުރުން ވޭވްގެ ވައްތަރު ތަކުގެ މަގުބޫލުކަންވެސް ދަށެއް ނޫނެވެ،

ނަމަވެސް ސުވާލަކީ މި ހުރިހާ ސައިކަލް ހުރިއިރު ބޮޑު ޕީސީއެކްސް ސައިކަލަށް މީހުން ހިތް ކިޔަނީ ކީއްވެބާ އެވެ. މީގެ ޖަވާބަކީ ފަހަރެއްގައި ދުއްވާލަން ފަސޭހަވުން ކަމަށް ވެސް ވެދާނެ އެވެ.