ހަބަރު

ފްލެޓްތަކަށް ފައިސާ ހޯދަން ފޭކް ކޯލްތަކެއް

Oct 17, 2018

ސަރުކާރުގެ "ހިޔާ" މަޝްރޫއުގެ ދަށުން ހައުސިން މިނިސްޓްރީން ދޫކުރި ހިޔާ ފްލެޓްތަކަށް ފައިސާ ބަލައިގަތުމުގެ މަސައްކަތްތައް އަދި ނުފަށާ ކަމަށާއި، މިނިސްޓްރީގެ ނަމުގައި އެ ފައިސާ ހޯދަން ކުރާ ކޯލްތަކަށް ސަމާލުވުމަށް ހައުސިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލެ ދޭކުން ދޫކުރާ ހިޔާ ފްލެޓްތަކަށް ފައިސާ ހޯދުމަށް ހައުސިން މިނިސްޓްރީން އެއްވެސް ފަރާތަކަށް ނުގުޅާނެ ކަމަށެވެ. ނަމަވެސް ފްލެޓަށް ހޮވިފައިވާ ފަރާތްތަކަށް މިނިސްޓްރީގެ ނަމުގައި ބަޔަކު ފޭކު ކޯލްތަކެއް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ، ފްލެޓްތަކާ ގުޅޭ ފައިސާގެ މުއާމަލާތަކާ ބެހޭގޮތުން މިނިސްޓްރީން ގުޅާނީ މިނިސްޓްރީގެ ފަރާތުން ރަސްމީ ލިޔުމެއް ފްލެޓް ލިބޭ ފަރާތާ ހަވާލުކުރުމަށްފަހު އެ ފަރާތަށް ފްލެޓް ލިބުނު ކަމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ކަމަށެވެ. އެހެންކަމުން އޮޅުވާލައިގެން މިނިސްޓްރީގެ ނަމުގައި ފައިސާ ހޯދަން ކުރާ މަސައްކަތް ކުށްވެރިކޮށް، ފައިސާ ހޯދަން ކުރާ ކޯލްތަކާއި އެސްއެމްއެސް އަދި އީމެއިލްތަކަށް ސަމާލުވެ ތިބުމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އޮޅުވާލައިގެން ފައިސާ ހޯދުމަށް ހިޔާ ފްލެޓްތައް ލިބުނު މީހުންނަށް ބަޔަކު ފޭކު ކޯލްކުރަމުންދާކަމަށް ހައުސިން މިނިށްތްރީން ބުނެފައިވާއިރު، ހައުސިން މިނިސްޓްރީން އަދި މިހާތަނަށް އިއުލާންކުރީ ފްލެޓް ލިބުނު މީހުންގެ ނަންތައް އެކަންޏެވެ. އެފަރާތްތަކަށް ފްލެޓް ލިބުނު ކަމުގެ ލިޔުމެއްވެސް އަދި ދޫ ނުކުރެ އެވެ.