ފ. ނިލަންދޫގެ މައްޗަށް 7-2 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، 20 ޕޮއިންޓާއެކު އީގަލްސްއިން ބޮޑު އިތުބާރާއެކު ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ ބުރު ނިންމާލައިފި އެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި، އީގަލްސްގެ އަހްމަދު ރިޒްވާން އާއި މުހައްމަދު ނާއިމު ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހާފަ އެވެ. އީގަލްސްއަށް ނިލަންދޫގެ ގޯލް ހުޅުވާލަ ދިނީ ނާއިމް އެވެ. މެޗުގެ ފުރަތަމަ ފަނަރަ މިނެޓް ތެރޭގައި އީގަލްސްއިން ވަނީ ތިން ލަނޑު ކާމިޔާބު ކޮށްފަ އެވެ.
މެޗު ފެށިގެން ހަ ވަނަ މިނެޓްގައި ނާއިމް ވަނީ އީގަަލްސްގެ ފުރަތަމަ ލަނޑު ޖަހާފަ އެވެ. ދެ ވަނަ ލަނޑު އޭގެ ތިން މިނެޓް ފަހުން ކާމިޔާބު ކުރީ ޖުމައިލް ޖަމީލް އެވެ. ތިން ވަނަ ލަނޑު މެޗުގެ 14 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހުސައިން ޝިފާއު ޔޫސުފް 'ކްރޯ' އެވެ.
ރިޒޭގެ ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 27 ވަނަ މިނެޓްގަ އެވެ. ފުރަތަމަ ހާފު ހަތަރު ލަނޑުގެ ޑެފިސިޓެއްގައި އޮވެގެން ނިލަންދުއިން ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެ ވަނަ ހާފު އެ ޓީމުން ފެށީ އިތުބާރާއެކު އެވެ.
ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓްގައި، އޮޑަކޫ ލޫކަސް ވަނީ، އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށް އިތުބާރު ހޯދައިދީފަ އެވެ. ދެ ވަނަ ހާފުގެ ފުރަތަމަ 10 މިނެޓް ތެރޭގައި އޮޑަކޫ ވަނީ ނިލަންދޫއަށް ދެ ލަނޑު ޖަހައިދީފަ އެވެ. އޭނާ ދެ ވަނަ ލަނޑު ޖެހީ މެޗުގެ 53 ވަނަ މިނެޓްގަ އެވެ.
މެޗުގެ 74 ވަނަ މިނެޓްގައި ރިޒޭ އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރިއެވެ. މި މެޗުގައިވެސް އޭނާއަށް ހެޓްރިކު ހަދަން ފުރުސަތު ތަނަވަސް ވެގެން ދިޔަ އެވެ. އެންމެ ފަހުން ކުޅުނު ތިން މެޗުގައިވެސް އޭނާ ވަނީ ހެޓްރިކު ހަދާފަ އެވެ.
މެޗުގެ 88 ވަނަ މިނެޓްގައި ނާއިމު ވަނީ އީގަލްސްގެ ހަ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އީގަލްސްގެ ހަތް ވަނަ ލަނޑަކީ މެޗުގެ 99 ވަނަ މިނެޓްގައި ނިލަންދޫގެ އަލީ ޙާޝިމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ފުރަތަމަ ބުރުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން އީގަލްސް ބަލިވީ އެންމެ މެޗަކުންނެވެ. އެއީ ތާވަލުގެ އެއް ވަނައިގައި އޮތް ޓީސީއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ދެ މެޗުން ވަނީ އެއްވަރު ވެފަ އެވެ. އެއީ ނިއު ރޭޑިއަންޓާއި މާޒިޔާއަށް ދެކޮޅަށް ކުޅުނު މެޗުންނެވެ.