ހަތަރު މޫސުން އަންނަ ގައުމުތައް މި ވަނީ ފިނި މޫސުމަށް މަރުހަބާ ކިޔަން ތައްޔާރުވެފަ އެވެ. ގަސްތަކުގެ ފަތްތައް ވެރި، ފެހިކަން ކެނޑި، ހަރީފް މޫސުމާ އެކު ޖަޕާނުން ފެންނަނީ ތަފާތު މަންޒަރެކެވެ. އެކަމަކު އެ ގައުމުގެ ބައެއް ހިސާބުތަކަށް އައިސްގެން އުޅެނީ އާދަޔާ ހިލާފު ބަހާރެކެވެ. ބަހާރު މޫސުމަށް ހުދާއި ފިޔާތޮށި ކުލައިން ފޮޅޭ ޖަޕާނަށް ހާއްސަވެފައިވާ ޗެރީ ބްލޮސޮމް މާ ނޫނީ، މަޝްހޫރު ސަކޫރާ މާ މި ހަރީފު މޫސުމުގައި ފޮޅުމާ އެކު އެތައް ބަޔަކު ވަނީ ހައިރާންކޮށްލައިފަ އެވެ.
ހަރީފު މޫސުމަށް ހާއްސަ މަލެއް
ޖަޕާނުގެ ޗެރީ ބްލޮސޮމް އަކީ އެ ގައުމުގެ ރައްޔިތުންނަށް އަންނަ އެންމެ އުފާވެރި އަދި އެންމެ ހިތްގައިމު އީދެވެ. އަދި އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތަކެއް މިލިއަން ޓޫރިސްޓުންގެ ޝައުގުވެރިކަން ދަމައިގަންނަ ނަލަ ބަހާރެކެވެ. ޗެރީ ގަސްތައް، ޖަޕާނުގެ ބަހުންނަމަ ސަކުރާ މާ އާންމުގޮތެއްގައި ފޮޅެން ފަށަނީ ޖެނުއަރީ މަހުގެ މެދަކާ ހިސާބުންނެވެ. އަދި އެޕްރީލްގެ ފަހުކޮޅާ ހަމަޔަށް މި މާ ފޮޅެ އެވެ.
މި އަހަރުގެ ފިނި މޫސުން ކުރިއަށް އޮއްވައި، ބަހާރު މޫސުން ފެށުމުގެ މަސްތަކެއް ކުރިން ޖަޕާނަށް ޗެރީ ބްލޮސޮމް މޫސުން އައިސްފައިވާތީ މޫސުން ދިރާސާކުރާ ސައިންސްވެރިން އެކަން ސިފަކުރީ އާދަޔާހިލާފު އަޖައިބެއްގެ ގޮތުގަ އެވެ. ޗެރީ ބްލޮސަމް ފޮޅެން މެދުވެރިވެގެން އުޅެނީ، ބާރުގަދަ ތޫޕާންތަކާ ހެދި ކަމަށް ވަނީ ލަފާކޮށްފަ އެވެ.
"ބާރުގަދަ ތޫފާންތައް އެރުމުގެ ސަބަބުން ގަސްތަކުގެ ފަތްތައް މާކުރިން ވެރުމަކީ ސަބަބަކަށް ވެދާނެ. މި ގަސްތަކުގެ ފަތްތަކުން ވަގުތަށްވުރެ ކުރިން މާތައް ފޮޅުނަ ނުދިނުމަށް ހޯމޯން އުފައްދާނެ،" ގަސްތަކާ ބެހޭ ދިރާސާތައް ކުރާ ޖަޕާނުގެ ޑޮކްޓަރެއް ކަމަށްވާ ހިރުޔޮކު ވާޑާ ވިދާޅުވެފައިވެ އެވެ.
ބާރުގަދަ ތޫފާންތަކުގެ ސަބަބުން މޫސުމަށް އައި ބަދަލާއެކު ގަސްތަކަށް "މޫސުން އޮޅުނީ" ކަމަށް ވެސް ޑރ ވާޑާ ލަފާކުރެ އެވެ.
ޖަޕާނުން މީގެ ކުރިންވެސް ވަނީ ވަގުތަށްވުރެ ތަންކޮޅެއް ކުރިން ޗެރީ ބްލޮސޮލް ތަޖުރިބާކޮށްފަ އެވެ. ނަމަވެސް މިހާ ބޮޑު ސްކޭލެއްގައި މިފަހުގެ ތާރީހެއްގައި އެގައުމުން މި ބަދަލު ފެނުނު މިއީ ފުރަތަމަ ފަހަރެވެ. ބައެއް ހިސާބުތަކަށް ޗެރީ ބްލޮސޮމްގެ މޫސުން އައިސްފައި އޮތަސް، ނުފޮޅިހުރި ގަސްތައް ބަހާރު މޫސުމަށް ފޮޅޭނެ ކަމަށް އެގައުމުގެ ތަޖުރިބާކާރުން ލަފާކުރެ އެވެ.