އަލަށް ހަދަމުންދާ "މާގާ" ނަމަކަށް ކިޔާ ރިސޯޓުގެ ބަދިގޭގައި ގޭސް ލީކްވެގެން ރޭ ހިނގި ހާދިސާގައި ފިހުނު އަށް ބިދޭސީންގެ ތެރެއިން ފަސް ބިދޭސީއަކު ފަރުވާއަށް މާލެ ގެނެސްފި އެވެ.
އިއްޔެ ހަވީރު ހިނގި މި ހާދިސާގައި އަށް ބިދޭސީއަކު ފިހިގެން ފ. ނިލަންދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނެވެ. އޭގެ ތެރެއިން ފަސް މީހަކު މާލެ ގެނެސްފައިވާއިރު އެއީ އެންމެ ބޮޑަށް ފިހުނު މީހުންނެވެ. އެމީހުން މާލެ ގެނެސް ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.
ފ ނިލަންދޫ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ނާޒިމް ވިދާޅުވީ، ފިހިގެން ގެނައި އަށް މީހުންގެ ތެރެއިން ފަސް މީހަކު މާލެއަށް ފޮނުވާލީ އެމީހުން މަސައްކަތްކުރާ ރިސޯޓުން ބޭނުންވެގެން އަމިއްލަ ގޮތުން ކަމަށެވެ. ނަމަވެސް އެ ފަސް މީހުންވެސް ވަނީ ގާތްގަނޑަކަށް 25-30 ޕަސެންޓަށް ފިހިފަ އެވެ.
"އަޅުގަނޑުމެންގެ ޑޮކްޓަރަކާއި ތިން ނަރުހުން ވެސް ބަލިމީހުންނާއެކު މާލެއަށް ދިޔަ. ދެން ހުރި ތިން މީހުން ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ،" ނާޒިމް ވިދާޅުވި އެވެ.
ގޭސް ލީކުވެގެން ހިނގި އެ ހާދިސާ ހިނގާފައިވަނީ އެ ރިސޯޓް ހުޅުވުމަށްޓަކާ ކުރަމުން ދިޔަ އިންސްޕެކްޝަނެއްގެ ތެރޭގައި ރިސޯޓްގެ މުވައްޒަފުންނަށް ހާއްސަކޮށްފައި ހުރި ބަދިގޭގައި ބަހައްޓާފައިވާ ރައިސް ކުކަރަކަށް ކަރަންޓު ދިނުމާއެކު، ބަދިގެތެރޭގައި ކައްކާ ގޭސް ލީކުވެފައި ހުރުމުން، ހުޅު ފަޅައިގެން ދިއުމުގެ ސަބަބުންނެވެ. ހާދިސާގައި ބަދިގެއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު ބަދިގޭގައި ހުރި ބައެއް ސާމާނަށާއި ކުޑަ ދޮރުތަކުގައި ހުރި ބިއްލޫރިތައް ވެސް ވަނީ
ތަޅައިގެންގޮސްފައެވެ. ނަމަވެސް އިމާރާތަށް ގެއްލުމެއް ނުވެ އެވެ.