މާލޭގެ އިދާރީ ދާއިރާތައް އިތުރު ކުރުމާ ބެހޭ ގޮތުން ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދުމަށް ނިންމާފައިވާ ކަމަށާއި އަންނަ މަހު ގޮތެއް އިއުލާން ކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީ އިން މިއަދު ވަނީ މާލޭ ދާއިރާތައް އިތުރު ކުރުމާ ގުޅޭ ގޮތުން މާލޭ ދާއިރާތައް ތަމްސީލު ކުރައްވާ މަޖީލީސް މެންބަރުންނާއެކު ބައްދަލުވުމެއް ބާއްވައިފަ އެވެ. އެކަމާ ގުޅޭ ގޮތުން "އަވަސް"އާ ވާހަކަދައްކަވަމުން އީސީގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ މަޖިލީސް އިންތިހާބާ ގުޅިގެން ސިލްސިލާ ބައްދަލުވުންތަކެއް ޕާޓީތަކާއެކު ކުރިޔަށްދާނެ ކަމަށާއި އެގޮތުން މާލޭ ދާއިރާތަކުގެ ގޮނޑި އިތުރު ކުރުމާ ބެހޭ ގޮތުން އެ ޕާޓީތަކުގެ ހިޔާލު ކޮމިޝަނަށް ހުށަހެޅުމަށް އަންގާފައިވާ ކަމަށެވެ.
"މާލޭ ދާއިރާތައް އިތުރު ކުރުމާ ބެހޭ ގޮތުން ވެސް އަޅުގަނޑުމެން މަޝްވަރާކޮށް އެ މެންބަރުންނަށް މައުލޫމާތު އެރުވިން، އަޅުގަނޑުމެން މިކަން ކުރާނީ ހުރިހާ ޕާޓީއެއްގެ ހިޔާލާއި މަޝްވަރާއާ އެކީގައި،" އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ ދާއިރާތަކާ ގުޅޭ ގޮތުން ޕާޓީތަކުން ހިޔާލު ހުށަހެޅުމަށް އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް މުއްދަތެއް ދިފައިވާ ކަމަށެވެ. އަދި މި މަސް ނިމުމުން އެކަމާ ގުޅޭ ގޮތުން އީސީގެ ނިންމުން ހާމަ ކުރައްވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އިދާރީ ދާާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ އެ އަދަދަށް މީހުން ހަމަނުވާ ދާއިރާއަކަށް ދެ މެންބަރުން ކަނޑައަޅަން ޖެހެ އެވެ. އަދި ދާއިރާގައި ރަޖިސްޓާކޮށްފައިވާ އާބާދީ 5000 އަށް ވުރެ އިތުރު ވާނަމަ އިތުރުވާ ކޮންމެ 5000 އަކަށް މެންބަރަކު ކަނޑައަޅަން ޖެހެ އެވެ.
އީސީ އިން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ މެއި މަަހު 31 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓާކޮށްފައިވާ އާބާދީއަށް ރިއާޔަތް ކުރުމަށް ފަހު އަންނަ އަހަރު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޖުމުލަ 87 ގޮނޑިއަށް މެންބަރުން އިންތިހާބު ކުރަން ޖެހެ އެވެ. މިހާރު މި ހިނގާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިންތިހާބުކޮށްފައި ވަނީ 85 މެންބަރުންނެވެ.