ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް އޮތުމަކީ އެންމެ ކުރީއްސުރެވެސް އަބަދުވެސް ކުރާ އުންމީދެއް ކަމަށާއި އެއީ އަބަދުވެސް ދެކޭ ހުވަފެނެއް ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ވިދާޅުވެއްޖެ އެވެ.
މިއަދު ރާއްޖެ ޓީވީއަށް ވަޑައިގެން އެތަނުގެ މުއައްޒަފުންނާއި ބައްދަލުކުރައްވައި އިބޫ ވިދާޅުވީ، އެމަނިކުފާނަކީ ރާއްޖޭގެ ނޫސްވެރިކަމުގައި އެންމެ ބިރުވެރި ދުވަސްވަރު މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި އެދުވަސް ވަރުންވެސް ފެށިގެންވެސް ކުރެވޭ އުންމީދަކީ އަދި ހުވަފެނަކީ ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް އޮތުން ކަމަށެވެ.
"ދެން ނޫސްވެރިކަމުގެ ތެރޭގައި އުޅެވިފަ ހުރީމަ އަދި ވަރަށް ބިރުވެރި ދުވަސްވަރެއްގައި އޭގެ ތެރޭގައި އުޅެވިފަ ހުރީމަ އޭގެ ނުރައްކާ އަޅުގަނޑަށް އިހްސާސް ކުރެވޭ، އެހެން ކަމާއެކު އެދުވަހުން ފެށިގެންވެސް އަޅުގަނޑުމެން ދެކެމުން އައި ހުވަފެއް އުންމީދެއް އެއީ ރާއްޖޭގައި ޒަމާނީ ނޫސްވެރިކަން މިނިވަން ކަމާއެކީގައި ހާމަކަމާއެކީގައި ކުރެވޭނެ ދުވަހެއް
ފެނިގެން ދިއުން،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، ގާނޫނު އަސާސީ އިސްލާހުކުރި އިރު ޒަމާނީ ނޫސްވެރިކަން މިނިވަން ކަމާއެކު ކުރެވޭނެ މަގު ފަހި ކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރެވިގެންދިޔަ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ގާނޫނު އަސާސީ ފާސްވެގެން ދިޔައިރު ނޫސްވެރިންނަށް މޮޑާން ޑިމޮކްރަސީއެއްގައި ލިބޭނެ ހައްގުތަކާއި މިނިވަންކަން ގާނޫނު އަސާސީ ކަށަވަރު ކޮށްދީފައިވާނެ
ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
"ފެނިގެންދިޔަ އޭގެ ނަތީޖާ، އެހެން ނަމަވެސް އަނެއްކާވެސް ދުވަސްކޮޅަކަށް ފަހުގައި ނޫސްވެރިކަން ހަމަ ކުރިއެކޭވެސް އެއްގޮތަށް ނުވަތަ އެއަށްވުރެވެސް ބޮޑަށް ނާންމާންކަމާ ބިރުވެރިކަމުގެ ތެރެއަށް ވެއްޓިގެން ދިޔައީ، އޭގެ ސަަބަބުން އެންމެ ބޮޑަށް އަސަރުކުރި އެއްތަނަކީ ރާއްޖެ ޓީވީ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، މިނިވަން ނޫސްވެރިކަމުގެ މާހައުލު ގެއްލި އެންމެ ބޮޑު ގޮންޖެހުންތަކާއި ކުރިމަތިވި ފަރާތަކީ ރާއްޖެ ޓީވީ ކަމަށާއި އެ ގޮންޖެހުންތަކާއެކުވެސް ކުރިއަށް ދިއުމަކީ މިއަދު ރާއްޖެ ޓީވީ އެންމެ މަގުބޫލު ޓީވީ ޗެނަލަށް ވެގެންދިޔަ ސަބަބު ކަމަށެވެ. އިބޫ ވަނީ ރާއްޖެ ޓީވީ އަކީ އެމަނިކުފާނު ކޮންމެ ދުވަހަކުވެސް ހޭލާފަ ބައްލަވާ ޗެނަލް ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ޗެނަލްގެ މުއައްޒަފުންގެ މަސައްކަތަށް އިބޫ ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އިބޫ އަކީ މީގެ ކުރިން މީޑިއާގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން 1984 އިން ފެށިގެން 1989 އަކާއި ހަމައަށް އެމަނިކުފާނު ވަނީ ޓީވީއެމްގައި މަސައްކަތް ކުރައްވާފަ އެވެ. އެތަނުގައި ޕްރޮޑިއުސަރުކަންވެސް ކުރައްވާފައި ވެއެވެ. އަދި އިބޫ އަކީ 2005 ވަނަ އަހަރު ނެރުނު މިނިވަން ނޫހުގެ އެއް ހިއްސާދާރުވެސް މެއެވެ.
އިންތިހާބުގެ ކުރިން އިބޫ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައިވެސް ވަނީ މިނިވަން ނޫސްވެރިކަމަކަށް ފުރުސަތު ދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ވަރަށް ގިނައިން ވައުދުވެވަޑައިގެންފަ އެވެ. އަދި ނޫސްވެރިކަމަށް ހުރަހަކަށްވެފައިވާ އަބުރުގެ ގާނޫނު އުވާލާނެ ކަމަށްވެސް އެމަނިކުފާނު ވައުދުވެވަޑައިގެންފައި ވެއެވެ.