ހަބަރު

މުލިއާގެ ކައިރިން ފެނުނު އައިއީޑީއި މައްސަލައިގައި އުބައިދަށް ކުރި ހުކުމް ބާތިލްކޮށްފި

މުލިއާގެ ކައިރިން 2 ނޮވެމްބަރު 2015 ގައި ފެނުނު އައިއީޑީ މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލަށްލާފައިވާ މ. ހީރޯ، މުހައްމަދު އުބައިދު އިބްރާހިމްގެ މައްޗަށް އިއްވާފައިވާ 17 އަހަރުގެ ހުކުމް ހައިކޯޓުން މިއަދު ބާތިލް ކޮށްފި އެވެ.

ދައުލަތުން އުބައިދުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ، 02 ނޮވެމްބަރ 2015 ވަނަ ދުވަހު އުބައިދުއާއި އިތުރު ތިން މީހުކު ބައިވެރިވެގެން އައިއީޑީ (އިންޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް) އެއް ހަދައި، މުލިއާގެ ކައިރި ނޫރާނީގޯޅީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ބެޓެރި މަތީގައި އެއައިއީޑީ ބާއްވާފައިވާތީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ގެ 06 ވަނަ މާއްދާގެ (ނ) ގެ ދަށުން މުހައްމަދު އުބައިދުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާކުރާކަމަށެވެ.

އުބައިދުގެ ފަރާތުން އެ ހުކުމް އިސްތިއުނާފު ކުރުުމުން ހައިކޯޓުން މިއަދު އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ، ދަށުކޯޓުގައި ހެކިބަސްދީފައިވާ ފުލުހުންގެ ހެކިބަހަށް ބަލާއިރު، އުބައިދު ދިރިއުޅޭގެ ފުލުހުން ބަލާފާސްކޮށްފައިވާ ކަމަަށާއި، އަދި އޭގެން އެއްވެސް ތަނަކުން އެ މައްސަލައާއި ގުޅޭ އެއްވެސް ހެއްކެއް ފެނިފައިނުވާކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެ ދުވަހުގެ މުލިއާގެ ކައިރީ ސީސީޓީވީ އެއްވެސް ފޫޓޭޖަކަށް އުބައިދު އަރާފައިނުވާކަމަށް އެހެކިން ބުނެފައިވާ ކަމަށެވެ.

މީގެ އިތުުރުން އެ މައްސަލާގައި ދައުވާ ލިބޭ ދެ މީހަކު އެ ބޮން ހަދާފައިވަނީ އެ ދެމީހުން ކަމަށް އިއުތިރާފުވެ ކޯޓުގައި ކިޔައިދީފައިވާ ކަމަށާއި، އުބައިދުގެ ގޭގައި އެބޮން ހެދިކަމުގައި ވީ ނަމަވެސް އުބައިދުއަށް އެއްވެސް ވަރަކަށް އެކަން ނޭނގޭނެކަމާއި، އުބައިދުގެ އެއްވެސް ބައިވެރިވުމެއް ނުވާނެ ކަމާއި، އެބޮން ހެދިއިރު އުބައިދު ގޭގައި ނޫޅޭކަން އެނގެން އޮންނަ ކަމަށް އެހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

ދައުލަތުގެ ފަރާތުން އެމައްސަލައިގައި ހުރިކަމަށް ބުނާ ގުޅުވާލެވޭ ގަރީނާތަކުންވެސް މުހައްމަދު އުބައިދު އިބްރާހީމު އެކުށް ކުރުމުގައި ބައިވެރިވެފައިވާކަން އެނގެން ނެތްކަމަށް ދައުލަތުގެ ފަރާތުން ހައިކޯޓުގައި ބުނެފައިވާކަމަށް ހުކުމުގައިވެ އެވެ. އަދި މީހެއްގެ މައްޗަށް ކުށެއް ސާބިތުކުރުމަށް ހުށަހަޅާ ގަރީނާތަކެއް ކަމުގައި ބަލަންވާނީ، އެކުށުގެ އަމަލުގައި އެމީހަކު ސީދާ ބައިވެރިވުމެއްވާކަމަށް ބާރުލިބޭ ގަރީނާތަކެއް ހިމެނޭ ނަމަ ކަމަށް ވެސް ހުކުމުގައިވެ އެވެ. ހުކުމުގައި ބުނީ، އެމައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އެއްވެސް ހެކިވެރިއެއްގެ ހެކިބަހަކުން އަދި މައްސަލައިގައި ހުށަހެޅިފައިވާ ގަރީނާއަކުން ވިޔަސް ޓެރަރިޒަމްގެ އަމަލެއްކުރުމުގައި އުބައިދުގެ ބައިވެރިވުމެއްވާކަމަށް ދައުލަތަށް ސާބިތުކޮށްދެވިފައިނުވާކަމަށެވެ.

އެކަންކަން އެހެން ހުރުމާއެކު، އެ މައްސަލައާއި ގުޅިގެން ދަށުކޯޓުން އިއްވާފައިވާ ހުކުމުގެ އުބައިދުގެ ބަޔަށް ބަދަލު ގެންނަން ޖެހޭކަމަށް ނިންމައި އެބައި ބާތިލް ކުރުމަށް ހައިކޯޓުގެ އެމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފަ އެވެ.

އެ މައްސަލާއާއި ގުޅިގެން އުބައިދުގެ އިތުރުން ތިން މީހެއްގެ މައްޗަށް ވަނީ ހުކުމް އިއްވާފަ އެވެ. އެއީ ހއ.ހޯރަފުށި، އާރޯ، އަހުމަދު މަމްދޫހު އާއި، ތ.ތިމަރަފުށި، ވިލާ، ޒިހާން އަހުމަދުއާއި، ހ.މިޓާޒް ތަލްއަތު މުހައްމަދު އެވެ. މި ތިން މީހުންގެ މައްޗަށް ހުކުމް އިއްވާފައިވާއިރު، ޝަރީއަތުގެ މަޖިލީހުގައި އެ މީހުން ވަނީ އެއީ ގޮވާއެއްޗެއް ނޫން ކަމަށާއި، އެކަމަކީ މަޖަލަކަށް ކޮށްފައިވާ ކަމެއް ކަމަށް ބުނެފަ އެވެ.