ހަބަރު

ސައުދަށް ކުރާ ޓެރަރިޒަމްގެ ދައުވާ ކުރިޔަށް ގެންދިއުމާމެދު ގޮޮތެއް ނިންމަނީ

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންއާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީގެ ސީނިއަ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް ހަނީފުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ކުރިޔަށް ގެންދިއުމާމެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމާނެ ކަމަށް ކުރިމިނަލް ކޯޓުން ބުނެފި އެވެ.

އިބްރާހިމް ހަނީފުގެ ވަކީލު، ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ، މިއަދު ކުރިމިނަލް ކޯޓުގައި ބާއްވާފައިވަނީ ސައުދާއި، ހަނީފުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމެއް ކަމަށެވެ. އަދި އެ ދައުވާއަށް އެދެބޭފުޅުންވެސް ވަނީ އިންކާރުކޮށްފައި ކަމަށެވެ.

ސައުދާއި ހަނީފްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ އުފުލާފައިވަނީ ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނަށް ބިރު ދެއްކި ކަމަށް ބުނާ މައްސަލައެއްގަ އެވެ. ނޫރު ވިދާޅުވީ މިއަދުގެ އަޑުއެހުމުގައި އެ ދައުވާއަކީ، ޓެރަރިޒަމްގެ ގާނޫނުގައި ބުނާ މިންގަނޑަށް ފެތޭ ދައުވާއެއް ނޫން ކަން ހާމަ ކުރުމަށް ސައުދުއާއި ހަނީފުގެ ފަރާތުންވެސް ނުކުތާތަކެއް ފާހަގަކޮށްފައިވާނެ ކަމަށެވެ.

އެގޮތުން ދައުވާ ސާބިތު ކުރަން އެއްވެސް ހެއްކެތް ހުށަހަޅާފައިނުވާ ކަމަށާއި، ހަމަ އެކަނި ހުށަހަޅާފައިވަނީ ދެމީހަކު ދައްކާފައިވާ ވާހަކަތަކެއް އެކަނިކަން ނޫރުވަނީ ފާހަގަކޮށްފަ އެވެ. އަދި އެ ދައުވާ އަކީ މަދަނީ މިންގަނޑުން ކުރިޔަށް ގެންދެވޭނެ ދައުވާއެއް ނޫން ކަަމަށް ކަނޑައަަޅައިދޭން މިއަދު އެދިފައިވާނެ ކަމަށެވެ.

މީގެ އިތުރުން ނޫރު ވިދާޅުވީ، އެ ދައުވާ ކުރިޔަށް ގެންދިއުމާމެދު މަދަނީ މިންގަނޑުން ގޮތެއް ކަނޑައެޅުން ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނެ ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރު ވިދާޅުވެފައިވާ ކަމަށެވެ. ސައުދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އިރު، ސައުދުގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވީފަހުން ސްޕްރީމް ކޯޓުން ވަނީ އޭނާގެ ގޮނޑި ނުގެއްލޭކަމަށް ނިންމާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ގަވައިދާ ޙިލާފަށް ވަދެފައިވާ ކަމަށްބުނެ، ކުރި ދައުވާވެސް ޕީޖީއިން ވަނީ އަބުރާ ގެންގޮސްފަ އެވެ.