ހަބަރު

ނޮވެމްބަރު 11ގައި އިބޫ ހުވާކުރެއްވުުމުގެ ތައްޔާރީތައް މަޖިލީހުން ހަމަޖައްސަނީ

Oct 18, 2018
11

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ނޮވެމްބަރު 11 ވަނަ ދުވަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ތައްޔާރުވަމުން އަންނަ ކަމުގެ ޔަގީންކަން މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ދެއްވި ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެފި އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މިހެން ބުނީ އިންތިގާލީ ކޮމިޓީގެ ޗެއާމަން އަބްދުﷲ ޝާހިދު މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކާ އެކު މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލު ކުރެއްވުމަށް ފަހު އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ މިދިޔަ ރިޔާސީ އިންތިހާބު އިބޫ ކާމިޔާބު ކުރެއްވުމާ ގުޅިގެން މަޖިލީހުގެ އިދާރާގެ ފަރާތުން މޫސަ އިބޫއަށް މަރުހަބާ ވިދާޅުވި ކަމަށާއި ނޮވެމްބަރު 11 ވަނަ ދުވަހު އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ބޭއްވުމާ ގުޅޭ ގޮތުން މަޝްވަރާ
ކުރި ކަމަށެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ތައްޔާރުވުމުގެ އިންތިޒާމްތައް ހަލުވިކަމާއެކު ކުރިޔަށް ގެންދަވާ ކަމަށާއި އެގޮތުން މިދިޔަ މަހުގެ 26 އިން ފެށިގެން މަސައްކަތްތައް ފައްޓަވާފައިވަ ކަމަށް މޫސަ ވިދާޅުވި ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި މި ފަހަރުގެ ރަސްމިއްޔާތު އެހެން ފަހަރުތަކަށް ވުރެ ބޮޑުވެފައި އަދި ގަލޮޅުދަނޑުގައި ބާއްވާތީ އިންޓަ މިނިސްޓީރިއަލް އޮގަނައިޒިން ކޮމިޓީއެއް އުފެއްދުމަށް ވެސް އެއްބަސްވެވަޑައިގަތް ކަމަށް އެ ބަޔާނުގައިވެ އެވެ.

އާންމުގޮތެއްގައި އާ ރައީސްއަކު ހުވާ ކުރެއްވުން އޮންނަނީ ނޮވެމްބަރު 11 ގައެވެ. ނަމަވެސް 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު، ސުޕްރީމް ކޯޓުން ބާތިލްކުރުމުން އެ ތާރީހަށް އާ ރައީސްއަކު އިންތިހާބު ނުކުރެވި، ރައީސް އަބްދުﷲ ޔާމީން ހުވާކުރެއްވީ އެ އަހަރުގެ ނޮވެމްބަރު 17ގަ އެވެ. އެހެންކަމުން އޭޖީ އޮފީހުން އީސީއަށް ލަފާދީފައި ވަނީ މި ފަހަރު ވެސް ހުވާކުރުމުގެ ރަސްމިއްޔާތު ނޮވެމްބަރު 17 ގައި ބޭއްވުމަށެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން އަންނަނީ ނޮވެމްބަރު 11 ގައި އިންތިހާބީ ރައީސް އިބޫ ހުވާ ކުރައްވާނެ ކަމަށް ބުނަމުންނެވެ. އެއީ އަބަދުވެސް އަމަލުކޮށްފައިވާ ގޮތް ކަމަށާއި 2013 ވަނަ އަހަރު އެ ދުވަސް ލަސްވީ ހާއްސަ ހާލަތެއް މެދުވެރިވެގެން ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުން އެވެ.