މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ސަރުކާރުގައި ބޮޑުވަޒީރުގެ ނައިބުކަމުގެ މަގާމުގައި ހުންނެވި އަހުމަދި ޒާހިދު ހާމިދުގެ މައްޗަށް ކޮރަޕްޝަނުގެ ގިނަ ދައުވާތަކެއް އުފުލައިފި އެވެ.
މެލޭޝިއާ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ ބުނީ ޒާހިދުގެ މައްޗަށް 45 ގަޒިއްޔާއެއްގެ ދަށުން ދައުވާ އުފުލާފައިވާ ކަމަށެވެ. އޭނާއަށް ތުހުމަތު ކުރަނީ ޖުމްލަ 27.4 މިލިޔަން ޑޮލަރު ނަހަމަ ގޮތުގައި ބޭނުންކުރެއްވިކަމަށެެވެ. އޭނާއަކީ މެލޭޝިއާ މިނިވަންވީއްސުރެ މިއަހަރު ބޭއްވި އާއްމު އިންްތިހާބާ ހިސާބަށް އެގައުމުގެ ވެރިކަން ކުރި ޔުނައިޓެޑް މެލޭސް ނެޝަނަލް އޯގަނައިޒޭޝަން (އުމްނޯ)ގެ ވެރިކަން ނިމުމަކަށް އައި ފަހުން ކޮރަޕްޝަނުގެ ދައުވާއާ ކުރިމަތިވި އެންމެ ފަހު ބޭފުޅާއެވެ.
ޒާހިދުގެ މައްޗަށް މެލޭޝިއާ ސަރުކާރުން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ފައިސާއަށް ޚިޔާނާތްތެރިވުމާއި މަނީލޯންޑްރިންއާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރުމުގެ ކުށުގެ ދައިވާ ހިމެނެއެވެ. އޭނާއަށް ކުރި ދައުވާތަކުގެ ތެރޭގައި އޭނާގެ އާއިލާއިން ހިންގި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއްގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ދައުވާވެސް ހިމެނެއެވެ.
މެލޭޝިއާ މިނިވަންވީއްސުރެ އެގައުމުގެ ވެރިކަން ކުރަމުން އައި އުމްނޯގެ ވެރިކަން ނިމުމަކަށް އައީ އެގައުމުގައި އެންމެ ފަހުން ބޭއްވި އާއްމު އިންތިހާބުގައެވެ. އެ އިންްތިހާބުގައި ލިބުނު ނާކާމިޔާބީ އަކީ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުވައި ހިންގި ޓްރަސްޓް ފަންޑެއް ކަމަށްވާ ވަން މެލޭޝިއާ ޑިވެލޮޕްމެންޓް ބަރުހާދު (ވަން އެމްޑީބީ)ގެ ފައިސާއަށް ޚިޔާނާތް ތެރިވިކަން ހާމަވުމުން ކުރިމަތިވި ނާކާމިޔާބީއެކެވެ. އެ އިންތިހާބަށް ފަހު އުމްްނޯގެ ރައީސްކަމުގެ މަގާމު ފުރުއްވަމުން ގެންދެވީ ޒާހިދެވެ. މެލޭޝިއާ ފުލުހުން އޭނާ ހައްޔަރުކުރީ މިދިޔަ ބުރާސްފަތިދުވަހުއެވެ.